ހައްޖުގެ ވާހަކަތަކަށް ސައުދީން އީރާނަށް ދައުވަތު ދިނުމަކީ ރަނގަނޅު ފާލެއް

މިހިނގާ ހިޖްރީ އަހަރުގެ ހައްޖުގެ އަޅުކަމާބެހޭ ވާހަކަތަކުގައި ބައިވެރިވުމުގެ ރަސްމީ ދައުވަތު ސައޫދީ ސަރުކާރުގެ ފަރާތުން އީރާނަށް މިހާރު ވަނީ ލިބިފައެވެ.

އީރާނުގެ ހައްޖުގެ ކަންތައްތަކާބެހޭ އިދާރާގެ އިސްވެރިޔާ ސައްޔިދު އަލީ ގާޟީ ވިދާޅުވީ "މިއަހަރުގެ ހައްޖުގެ އަޅުކަމުގައި އީރާނުގެ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށްޓަކައި އެކަމާބެހޭ ރަސްމީ ވާހަކަތަކުގައި ބައިވެރިވުމުގެ ރަސްމީ ދައުވަތު ހައްޖުގެ ކަންތައްތަކާބެހޭ ސައޫދީ ވުޒާރާއިން ލިބިފައިވާ ކަމަށާއި އެ ދައުވަތަށް ރަސްމީ ސިފައެއްގައި އީރާނުން އިޖާބަ ދޭނެ" ކަމުގައެވެ.

ހައްޖުގެ ކަންތައްތަކާބެހޭ ސައޫދީ ވަޒީރު މުހައްމަދު ބިން ސާލިހް ވަނީ މިއަހަރުގެ ހައްޖުގެ ކަންކަމާ ބެހޭ ގޮތުން އިސްލާމީ ގައުމުތަކާއި ސައޫދީ ސަރުކާރާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ވާހަކަތަކުގައި ބައިވެރިވުމުގެ ދައުވަތު އީރާނަށް ވެސް ދެއްވިކަން ކަށަވަރުކޮށް ދެއްވާފައެވެ. މި ވާހަކަތަކުގައި ބައިވެރިވުމުގެ ދައުވަތު ސައޫދީން ކޮންމެ އަހަރަކުވެސް އީރާނަށް ދެއެވެ.

ސައޫދީ ވަޒީރު އާ ހަވާލާދީ ސައޫދީ ނޫސްތައް ބުނާ ގޮތުން ވަޒީރު ހުންނެވީ ސައޫދީގެ މިފަހަރުގެ ދައުވަތު އީރާނުން ގަބޫލުކުރާނެ ކަމުގެ އިންތިޒާރުގައެވެ.

އީރާނުގެ ކުރީގެ ރައީސް އަހްމަދީ ނެޖާދް އާއި ސައޫދީ ކުރީގެ ރަސްގެފާނު އަބްދުﷲ

ސައޫދީ އާއި އީރާނަކީ އަވަށްޓެރި އިސްލާމީ ދެ ގައުމު ކަމަށްވެފައި އެ ދެ ގައުމަކީ އާދައިގެ ގުޅުންތަކެއް އޮތް ދެގައުމު ކަމަށްވިޔަސް ސައޫދީ މިހާރުގެ ރަސްގެފާނު ސަލްމާނުގެ ވެރިކަމުގައި މިދިޔަ އަހަރު ސައޫދީން ވަނީ ތެހެރާންގައި ހުންނަ ސައޫދީ އެންބަސީގައި ބަޔަކު ހުޅުޖެހުމާ ގުޅިގެން އީރާނާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލާފައެވެ. ތެހެރާންގައި ހުންނަ ސައޫދީ އެންބަސީގައި ބަޔަކު ހުޅުޖެހީ ސައޫދީ ޝިޔައީ އިލްމުވެރިއެއްކަމަށްވާ ނިމްރުއްނިމްރަށް ސައޫދީ ސަރުކާރުން މަރުގެ އަދަބު ދިނުމާގުޅިގެން އެކަމާ ދެކޮޅަށް އިޙްތިޖާޖްކުރި އީރާނުގެ ހަރުކަށި ބައެކެވެ.

ސައޫދީ އަކީ ދުނިޔޭގެ ސުންނީ މުސްލިމުން ލީޑް ކުރާ ގައުމުކަމަށް ސައޫދީން ދެކޭއިރު މިކަމުގައި މިސްރުން ސައޫދީ އާ ވާދަކުރެއެވެ. ނަމަވެސް ޝިޔައީ މުސްލިމުން ލީޑްކުރުމުގައި އީރާނާ ވާދަކުރާ އެހެން އެއްވެސް އިސްލާމީ ގައުމެއް ނެތެވެ. ޝިޔައީންގެ އަޣްލަބިއްޔަތު އޮންނަ އަރަބި ދެގައުމަކީ އިރާގާއި ބަހްރައިންއެވެ. މީގެތެރެއިން ބަހްރައިންގައި ވެރިކަން ކުރަނީ ބައިމަދު ސުންނީންކަމަށްވާއިރު ބަހްރައިންގެ ސަރުކާރު އޮންނަނީ ސައޫދީންގެ ފަހަތުގައެވެ. ނަމަވެސް ޝިޔައީންގެ އަޣްލަބިއްޔަތު އޮންނަ އިސްލާމީ އަނެއް ގައުމުކަމަށްވާ އިރާގުގެ ސަރުކާރު އޮންނަނީ އީރާންގެ ފަހަތުގައެވެ.

އިރާގާއި ސޫރިޔާއާއި ޔަމަންފަދަ އަރަބި ގައުމުތަކުގައި ހިނގަމުންދާ ސިޔާސީ ތަޅާފޮޅުންތަކާއި ހަނގުރާމަތަކާއި ދާޚިލީ އަރާރުންތަކުގެ ތެރެއަށް ސައޫދީ އާއި އީރާން ވަނީ ވަރަށް ބޮޑަށް ވަދެގެންފައެވެ. މިއާއެކު މިދެގައުމުގެ ސިޔާސީ މަސްލަހަތު މިހާރު ވަނީ ވަރަށްބޮޑަށް ފުށުއަރަފައެވެ. ނަތީޖާއެއްގެ ގޮތުން ސަރަހައްދުގެ ގައުމުތަކުގައި ހަމަނުޖެހުން ހިންގުމާއި ޓެރަރިޒަމަށް އެހީތެރިވާ ކަމުގެ ތުހުމަތު މިދެގައުމުގެ ތެރެއިން ކޮންމެ ގައުމަކުންވެސް އަނެއްގައުމުގެ މައްޗަށް ކުރަމުންގެންދެއެވެ.

އީރާނުގެ ރައީސް ހަސަން ރޫޙާނީ

ގަލްފުގެ އަރަބި ގައުމުތަކުގެ މަދަދު ލިބޭ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުން ސޫރިޔާގައި ކުރިޔަށްގެންދާ ހަނގުރާމައިގާ ސޫރިޔާގެ ސަރުކާރުގެ ދިފާއުގައި އެގައުމަށް އަސްކަރީގޮތުން އީރާން ވަދެގެންފައިވާއިރު އީރާނުގެ ތާއީދުއޮންނަ ޔަމަންގެ ހޫޘީ ޖަމާއަތުން ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ކުރިމަތީގައި ޔަމަންގެ ސަރުކާރުގެ ދިފާއުގައި އެގައުމަށް އަސްކަރީގޮތުން ސައޫދީ ވެސްވަނީ ވަދެގެންފައެވެ. މިއާއެކު މިދެގައުމުންވެސް ގެންދަނީ މިދެގައުމުގެ ދެމެދުގައިވާ ސިޔާސީ ކޯޅުންތަކަކީ މުސްލިމުންގެ ދެ ބައިކަމަށްވާ ސުންނީންނާއި ޝިޔައީންގެ ކޯޅުންތަކެއް ކަމަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމާބެހޭ ވާހަކަތަކުގައި ބައިވެރިވުމުގެ ރަސްމީ ދައުވަތު ސައޫދީ ސަރުކާރުގެ ފަރާތުން އީރާނަށް ދިނެވެ. އަދި އެދައުވަތު ގަބޫލުކޮށް އެބައްދަލުވުމަށް އީރާނުން މަންދޫބުންވެސް ސައޫދީއަށް ފޮނުވިއެވެ. ނަމަވެސް ދެގައުމުގެ ދެމެދުގައިވާ އަމިއްލަ އެދުމާއި ހަތުރުވެރިކަމާއި ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ހައްޖުގެ ކަންކަމުގައި ދެގައުމަށް އެއްގަލަކަށް ނޭރުނެވެ. މިކަމުގެ ސަބަބުން އީރާނުންވަނީ މިދިޔައަހަރުގެ ހައްޖު ބޮއިކަޓްކޮށްފައެވެ. ހައްޖު ބޮއިކަޓް ކުރީ އީރާނުގެ ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައޫދީން ކުރިމަތިކުރި އާދަޔާ ޚިލާފު ހުރަސްތަކާއި ފިއްތުންތަކުގެ ސަބަބުން ކަމަށް އީރާނުން ބުނާއިރު އެކަން ސައޫދީން ދޮގުކުރެއެވެ.

އީރާނަކީ ޝިޔައީ މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ ގައުމަކަށް ވެފައި ސައޫދީއަކީ ސުންނީ މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ ގައުމެއް ނަމަވެސް އީރާނުގެ ރަސްކަމުގެ ދުވަސްވަރުގައި (އީރާނުގެ ޝާހު މުހައްމަދު ރިޒާގެ ވެރިކަމުގެ ދުވަސްވަރުގައި) އެ ދެގައުމަކީ އާދަޔާ ޚިލާފަށް ގުޅުންތައް ބަދަހި ވަރަށް އުޚުއްވަތްތެރި ދެ ގައުމެވެ. ޝިޔައީ ސުންނީ އެއްވެސް މައްސަލައެއް ނެތެވެ.

އީރާނާއި ސައޫދީގެ ގުޅުންތައް ގޯސްވީ 1979 ގައި އިމާމް ޚުމައިނީގެ ޒައާމަތުގައި އީރާނަށް އިސްލާމީ އިންގިލާބެއް ގެނަސް އެމެރިކާގެ މަދަދުލިބޭ އީރާނުގެ ޝާހް މުހައްމަދު ރިޒާގެ ވެރިކަން ވައްޓާލުމަށްފަހު އީރާންގައި އެމެރިކާއާ އިދިކޮޅު އިންގިލާބީ ވެރިކަމެއް ގާއިމްކުރުމާއެކުގައެވެ. ޚުމައިނީގެ އިސްލާމީ އިންގިލާބަށްފަހު އިރާގުން (ސައްދާމްގެ ވެރިކަމުގައި) އީރާނާ ދެކޮޅަށް ފެށި 8 އަހަރުގެ ދިގުލީ ހަނގުރާމައިގެ ފަހަތުގައި ތިބީ ސައޫދީ އާއި ގަލްފުގެ އަރަބި ގައުމުތަކެވެ. އެ ހަނގުރާމައިގެ ބޭނުމަކީ އީރާނުގެ އިސްލާމީ އިންގިލާބީ ވެރިކަން ވައްޓާލުންކަމަށް އެ ދުވަސްވަރު ސައްދާމް ހުސައިން އިޢްލާންވެސް ކުރެއްވިއެވެ.

ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް

ނަމަވެސް އިރާގުން އީރާނާ ދެކޮޅަށް ކުރި 8 އަހަރުގެ ދިގުލީ ހަނގުރާމައިގާ ޚުމައިނީގެ ވެރިކަން ނުވެއްޓުމުގެ އިތުރުން މިހަނގުރާމަ ދިގުލުމުގެ ސަބަބުން އިރާގު މާލީ ގޮތުން އިނދަޖެހި ބޭންކްރަޕްޓުވުމުން އިރާގާއި ގަލްފުގެ އަރަބި ގައުމުތަކާއި އިރާގާ ދެމެދު ގުޅުންތައް ވަރަށް ބޮޑަށް ގޯސްވި އެވެ. އަދި ސައްދާމްވެރިކަމުގައި އިރާގު އެންމެފަހު ނުކުތީ އީރާނާދެކޮޅަށް ހަނގުރާމަ ކުރުމުގައި އިރާގަށް އެހީތެރިވި ގަލްފުގެ ގައުމުތަކާ ދެކޮޅަށެވެ.

މިގޮތުން އިރާގުން ކުވައިތަށް އަރައި ކުވައިތު ހިފައި އެގައުމުގެ އެއްކޮށް އަތްދަށުލިއެވެ. ނަތިޖާއެއްގެ ގޮތުން ސައޫދީންނާއި ގަލްފުގެ އަރަބި ގައުމުތަކުން މަސައްކަތްކުރީ އެމެރިކާ އާއި ގުޅިގެން ސައްދާމުގެ ވެރިކަން ވައްޓާލުމަށެވެ. 2003 ވަނަ އަހަރު އެމެރިކާ އިރާގަށް އަރައި ސައްދާމުގެ ވެރިކަން ވައްޓާލުމާއެކު އިރާގުގެ ވެރިކަމަށް ދެން އައީ ޝިޔައީންނެވެ. ޝިޔައީން އިރާގުގެ ވެރިކަމަށް އައުމުން އިރާގު ގެ މައްޗަށް ހިނގަންފެށީ އީރާނުގެ ބާރާއި ނުފޫޒެވެ.

އީރާން އިރާގު ހަނގުރާމައިގާ އިރާގުން އީރާނުގެ ތިންބައިކުޅަ އެއްބައި ރައްތަކާއި ވިލެޖްތައް ހަލާކުކޮށް ސުންނާފަތިކޮށްލިއެވެ. އަދި އެމެރިކާއާއި އޭރުގެ ސޮވިއެޓް ޔުނިޔަންއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ ހަތިޔާރާއި ގަލްފުގެ ގައުމުތަކުގެ މާލީ އެހީގައި އިރާގުން އީރާނުގެ މިލިޔަނަކަށްވުރެ ގިނަމީހުން މަރާލިއެވެ. ނަމަވެސް އިރާގަށް އީރާނުގެ ވެރިކަން ވައްޓާނުލެވުނެވެ. އެންމެފަހު 5 އަހަރަށްފަހު އިރާގަށް ގޮތްހުސްވެ ސުލްހައަށް އެދުމުން ދެން ހަނގުރާމަ ކުރިޔަށްގެންދިޔައީ އީރާނުންނެވެ. އީރާނުން ހަނގުރާމަ ކުރިޔަށްގެންދިޔައީ އިރާގު އިނދަޖައްސާލުމުގެ ބޭނުމުގައެވެ. 8 އަހަރުވަންދެން ހަނގުރާމަ ދަންމާލުމުން އިރާގުވަނީ ރަނގަނޅަށްވެސް މާލީ ގޮތުން އިނދަޖެހިފައެވެ. އަދި ހަނގުރާމައިގެ މަގްސަދު ހާސިލްނުވެ އިރާގަށް ފައިސާގެ ބޮޑެތި އެހީތަކެއް (އެތަށް ބިލިޔަން ޑޮލަރެއްގެ) ދޭންޖެހުމުން އިރާގާއި އިރާގަށް އެހިތެރިވި ގަލްފުގެ އަރަބި ގައުމުތައް ޖެހި ހަތުރުންނަށް ވެގެންދިޔައެވެ.

އިރާނާއި އިރާގުގެ ހަނގުރާމައަށްފަހު އީރާނާއި ސައޫދީގެ ގުޅުންތައް އަލުން ގާއިމް އެވެ. ނަމަވެސް މިދިޔައަހަރު ސައޫދީން އީރާނާ ގުޅުންތައް ކަނޑާލުމާ ހަމައަށްވެސް އީރާނާއި ސައޫދީއާ ދެމެދު އޮތީ އިތުބާރު ކުޑަ ޝައްކުގެ މައްޗަށް ބިނާވެފައިވާ ގުޅުންތަކެކެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމާބެހޭ ވާހަކަތަކުގައި ބައިވެރިވުމުގެ ރަސްމީ ދައުވަތު ސައޫދީން އީރާނަށް ދިނުމަކީ ސައޫދީން އީރާނަށް އަލުން ދިއްކޮށްލި ސުލްހައިގެ އަތެއްކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މި ދައުވަތު ގަބޫލުކޮށް އީރާނުގެ ޑިޕްލޮމޭޓުން ސައޫދީއަށް ފޮނުވައި ދެގައުމުގެ ދެމެދުގައި ބިނާކުރަނިވި ވާހަކަތަކެއް (ހައޖުގެ ކަންކަމުގައިވެސް) ދެކެވި ރަނގަނޅު ނަތީޖާއެއް ނެރެވުމަކީ ދެގައުމުގެ ހަތުރުވެރިކަން ކުޑަކުރުމަށް މަގުފަހި ކުރެވިދާނެކަމެކެވެ.

ސައޫދީއާއި އީރާނާދެމެދު ގުޅުންތައް ރަނގަނޅު ކުރެވިއްޖެނަމަ ޔަމަނާއި ސޫރިޔާއާއި އިރާގަށްވެސް ސުލްހަ ގެނަސް އެގައުމުތަކުގައި ހިނގަމުންދާ ބޭކާރު ހަނގުރާމަތައް ނިމުމަކަށް ގެނުމުގެ މަގުފަހިވެގެންދާނެކަން ކަށަވަރެވެ. އީރާނަކީ 90 ވަރަކަށް މިލިޔަން މީހުންގެ ބޮޑު އަބާދީއެއް އޮންނަ ސައެންސާއި ޓެކްނޮލޮޖީއާއި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ވަރަށް ބޮޑަށް ކުރިއަރާފައިވާ އަދި ހުރިހާ ކަމެއްގައިވެސް އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތްކުރާ ގަައުމެކެވެ. ސައޫދީ އަކީ އިސްލާމީ އެތަށް ގައުމެއްގެ އިޙްތިރާމް ލިބިފައިވާ މުއްސަނދި ގައުމަކަށްވުމުގެ އިތުރުން އެއީ މުސްލިމުންގެ މުގައްދަސް ދެ ހަރަމްފުޅު ހުންނަ ގައުމެވެ.

މިދެގައުމަކީ އިސްލާމީ ދުނިޔެއަށް ބާރާއި ނުފޫޒު ފޯރުވޭފަދަ ޙާލަތެއްގައިވާ ދެގައުމުކަމުން މިދެގައުމުން ސިޔާސީ ކޯޅުންތައް ހުއްޓާލައި އެއްގައުމު އަނެއް ގައުމާ ދެކޮޅަށް ހިންގަމުންގެންދާ ބޭކާރު ޕްރޮޕަގެންޑާތައް ހުއްޓާލުމަށްފަހު މުސްލިމުން އެއްބައިވަންތަ ކަމަށް މަސައްކަތް ކުރުމަކީ އެކަމުގެ ހެޔޮއަސަރު އިސްލާމީ އުންމަތަށް ކުރާނެ ކަމެކެވެ. ޔަމަނާއި ސޫރިޔާއާއި އިރާގާއި ލީބިޔާފަދަ އިސްލާމީ ގައުމުތަކުގައި ހިނގަމުންދާ ބޭކާރު ހަނގުރާމަތައް ނިމުމަކަށް ގެނައުމަށް މަގުފަހިވެގެންދާނެ ކަމެއްކަން ޔަގީނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް