ސިރިސޭނާ ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި 285 ގައިދީއަކަށް މައާފު

ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ---

ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި، އެގައުމުގެ ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ 285 ގައިދީއަކަށް މައާފު ދީ، މިނިވަން ކޮށްފިއެވެ.

ސްރީލަންކާގެ ރައީސްކަމަށް މައިތުރިޕާލަ ސިރިސޭނާ ވަޑައިގެންނެވީ، އޭރުގެ ރައީސް މަހިންދަ ރާޖަޕަކްސައާ އިންތިޚާބުގައި ވާދަކުރައްވައި، ބަލިކުރައްވައިގެންނެވެ. ރިޔާސީ ރޭހަށް ސިރިސޭނާ ނުކުމެވަޑައިގެންނެވި އިރު، އޭނާއަކީ ރާޖަޕަކްސަގެ ސަރުކާރުގެ ހެލްތު މިނިސްޓަރެވެ. ސިރިސޭނާ ލަންކާގެ ރިޔާސީ ހުވާ ކުރެއްވީ 2015 ޖެނުއަރީ އަށްވަނަ ދުވަހުއެވެ.

އެމަނިކުފާނުގެ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި މައާފުދީ، މިނިވަންކުރި ގައިދީންނަކީ ކުދި ކުށްތަކުގައި ޖަލަށް ލެވިފައިވާ މީހުން ކަމަށެވެ.

އެ 285 ގައިދީންގެ ތެރޭގައި ހަ އަންހެނަކު ވެސް ހިމެނެއެވެ.

ލަންކާގެ ޕްރިޒަންސް ޑިޕާޓްމެންޓުގެ ތަރުޖަމާނު ޓީއެން އުޕުލްދޭނިޔަ ވިދާޅުވީ، ލަންކާގެ ރައީސްގެ ޚާއްސަ މައާފުގެ ދަށުން މިނިވަންކުރި ގައިދީންނަކީ، އެގައުމުގެ ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވާ، ކުދި ކުށްތަކުގައި ކުށްވެރިވި ބަޔަކު ކަމަށެވެ. އޭގެ ތެރޭގައި، ވަގުތަށް ޖޫރިމަނާ ނުދެއްކުމުގެ ސަބަބުން ޖަލަށް ލެވިފައިވާ މީހުން ހިމެނެއެވެ.

comment ކޮމެންޓް