އިންޑިއާ ކަނޑުގައި އޮންނަ އެފްރިކާ ބައްރުގެ ޖަޒީރާ ރަށް، ސީޝެލްސް ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސަރ ޖޭމްސް ރިޗަޑް މެންޗަމް. އުމުރުފުޅުން 77 އަހަރުގައި އަވަހާރަވެއްޖެއެވެ.
ސީޝެލްސް ނިއުސް އޭޖެންސީއާ ވާހަކަ ދައްކަވަމުން ސަރ މެންޗަމްގެ އާއިލާގެ ފަރާތުން ވަނީ، އެމަނިކުފާނު އަވަހާރަވިކަން ކަށަވަރު ކޮށްދެއްވައިފައެވެ. އެމަނިކުފާނު އަވަހާރަވީ، އިއްޔެގެ ވަގުތެއްގައެވެ.
އިނގިރޭސި ވިލާތުގެ ކޮމަންވެލްތު ރަސްކަމުގެ ދަށުގައި އޮތް ސީޝެލްސް ޖުމްހޫރިއްޔަތަކަށް ބަދަލުވީ 1976 ވަނަ އަހަރުއެވެ. އެގައުމުގެ ފުރަތަމަ ރައީސަކަށް އިންތިޚާބުކުރީ ސަރ ޖޭމްސް މެންޗަމްއެވެ. އޭގެ ކުރިން، 1975 ވަނަ އަހަރުން 1976 އަށް މެންޗަށް، ސީޝެލްސްގެ ފުރަތަމަ ބޮޑުވަޒީރުކަން ވެސް ކުރެއްވިއެވެ.
ސަރ މެންޗަމްއަށް އެގައުމުގައި ވެރިކަން ކުރެއްވީ އެއް އަހަރާ އެއް މަސްދުވަހަށެވެ. ރައީސް މެންޗަމްގެ ވެރިކަމުގެ މެދުތެރެއިން، އެ ސަރުކާރު ބަޣާވާތުން ވައްޓާލެވުނެވެ.
އިނގިރޭސިންގެ އިސްތިއުމާރުން ސީޝެލްސްް މިނިވަންކުރާނެ ކަމުގެ އިޝާރާތެއް ދެއްވުމާ އެކު، ސަރ މެންޗަމް ސީޝެލްސް ޑިމޮކްރެޓިކް ޕާޓީ (އެސްޑީޕީ)ގެ ނަމުގައި ޕާޓީއެއް އުފެއްދެވިއެވެ. އެޕާޓީގެ ލީޑަރުކަމުގައި، 2005 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ސަރ މެންޗަމް ހުންނެވިއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހަރަކާތްތައް ރާއްޖޭގައި އެންމެ ފުރަތަމަ ފަށައިގަތް ދުވަސްވަރު، އެޕާޓީގެ ޖަލްސާއެއްގައި ތަގުރީރު ކުރެއްވުމަށް ސަރ ޖޭމްސް މެންޗަމް ރާއްޖެ ވެސް ވަޑައިގެންނެވިއެވެ.
ސަރ މެންޗަމް އަވަހާރަވުމާ ގުޅިގެން، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ސަރ މެންޗަމްއަކީ ޑިމޮކްރަސީގެ ޗެމްޕިއަނެއް ކަމަށެވެ.
H.E Sir James Richard Mancham, founding President of the Republic of Seychelles was a champion of democracy. My sincere condolences. pic.twitter.com/c0yV60tL70
— Mohamed Nasheed (@MohamedNasheed) January 9, 2017