ރިސޯޓަކުން ވަގަށް ނެގި ގަހަނާއާއި ބޭރު ފައިސާތަކެއް ހޯދައިފި

އދ. އަތޮޅުގެ ރިސޯޓެއްގެ ކޮޓަރިއަކުން ވަގަށް ނެގި ތަކެތި -- ފޮޓޯ/ ޕޮލިސް

އދ. އަތޮޅުގެ ރިސޯޓެއްގައި ފަތުރުވެރިއެއްގެ ކޮޓަރިން ވަގަށް ނެގި ގަހަނާތަކަކާއި ބޭރު ފައިސާތަކެއް ހޯދައި، އޭގެ ވެރިފަރާތަށް އެތަކެތި ހަވާލުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވަނީ، މިތަކެތި ވަގަށް ނެގިކަމުގެ ރިޕޯޓް އދ. މަހިބަދޫގެ ފުލުހުންނަށް ލިބުނީ ޖެނުއަރީ އެއްވަނަ ދުވަހުގެ ރޭ 11:30 ހާ އިރު ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އެރޭ 12:50 ހާ އިރު އދ. ދިގުރަށުން 34 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ. އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާގެ ފަޓުލޫނުގެ ޖީބުތެރެއިން 1،592 ސިންގަޕޫރު ޑޮލަރު ފުލުހުން ހޯދާފައިވެއެވެ. އަދި އޭނާގެ އަތުގައި އެވަގުތު އޮތް ދަބަހެއްގެ ތެރެއިން ގިނަ އަދަދެއްގެ ގަހަނާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެތަކެތީގެ ވެރިފަރާތަށް އެތަކެތި މިހާރު ހަވާލުކޮށްފައިވާ އިރު، ފުލުހުން ހައްޔަރުކުރި 34 އަހަރުގެ މީހާގެ ބަންދަށް މަހިބަދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ 10 ދުވަސް ޖަހައިފައެވެ.

comment ކޮމެންޓް