ބަނގުލަދޭޝްގެ 'ޓްރީ މޭން': 16 އޮޕަރޭޝަނަށް ފަހު ދަރިފުޅު އުރާލުމުގެ ފުރުސަތު ލިބިއްޖެ

އޮޕަރޭޝަނަށް ފަހު ބަޖަންދަރު އޭނާގެ އަނބިމީހާ އާއި ދަރިފުޅާ އެކު -- ފޮޓޯ: އޭއެފްޕީ

ގަހުގެ ބޭރު ތޮށިގަނޑު ފަދަ އެއްޗެއް އަތާއި ފައިގައި ފަޅާފައި ވުމުން މީގެ ކުރިން ދަރިފުޅު އުރާލަން ނުކުޅެދުނު ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަބުލް ބަޖަންދަރަށް، 16 އޮޕަރޭޝަނަށް ފަހު ދަރިފުޅު އުރާލުމުގެ ފުރުސަތު ލިބިއްޖެ އެވެ.

އެޕިޑެމޮޑިސްޕްލޭޝިއާ ވެރަޝިފޯމިސް ނަމަކަށް ކިޔާ ބައްޔެއް ޖެހުމުގެ ސަބަބުން އަބުލް ބަޖަންދަރުގެ ގައިގައި ފަޅާފައިވާ ފަސް ކިލޯގެ ބައިތައް ޑޮކްޓަރުން ވަނީ އޭނާގެ ހަށިގަނޑުން ވަކިކޮށްފަ އެވެ. އެބަލި ޖެހިފައިވާ ކަމަށް މިހާތަނަށް ރިކޯޑު ކުރެވިފައި ވަނީ ހަތަރު މީހަކަށެވެ.

"އަޅުގަނޑުމެން ވަނީ 16 ފަހަރު އޮޕަރޭޝަންކޮށްފައި. އޭނާގެ އަތާއި ފައި މިހާރު ގާތްގަނޑަކަށް އެއްކޮށް ރަނގަޅުވެއްޖެ. އަދި އަތުގެ ސިފަ ރަނގަޅު ކުރުމަށް ބައެއް ކުޑަ ސާޖަރީތައް ހެދުމަށް ފަހު ކުރިއަށް އޮތް 30 ދުވަސް ތެރޭ އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެ،" ބަޖަންދަރަށް ހިލޭ ފަރުވާކޮށްދިން ޑާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ބުންޏެވެ.

އޮޕަރޭޝަނުގެ ކުރިން ބަޖަންދަރު -- ފޮޓޯ: އޭއެފްޕީ

ބަޖަންދަރު ބުނި ގޮތުގައި މީގެ 10 އަހަރު ކުރިން ފެންނަން ފެށި މި ތަކެއްޗާ މެދު އޭނާ އެންމެ ފުރަތަމަ ފަރުވާލެއް ނުބަހައްޓަ އެވެ. ނަމަވެސް ފަހުން އެއީ ވަރަށް ވޭން ގަދަ މައްސަލައަކަށްވެ، އޭނާ ކުރަމުން އައި ރިކްޝޯ ދުއްވުމުގެ މަސައްކަތް ދޫކޮށްލަން ޖެހުނެވެ.

"އަޅުގަނޑުގެ އަތުން ދަރިފުޅު އުރާލެވޭނެ ކަމަށް ކުރިން ހިއެއް ނުކުރަން. ނަމަވެސް މިހާރު ދަރިފުޅު އުނގުގައި ބައިންދައިގެން ދަރިފުޅާ އެކު ކުޅެވޭތީ އުފާވޭ،" ބަޖަންދަރު ބުންޏެވެ.

ގާތްގަނޑަށް އެއް އަހަރެއްހާ ދުވަސް ކުރިން ބަޖަންދަރުގެ އޮޕަރޭޝަން ކުރުމަށް އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރި ފަހުން، ބަޖަންދަރުގެ އަނބިމީހާ އާއި ތިން އަހަރުގެ އަންހެން ދަރިފުޅު ދިރިއުޅެމުން އައީ ހޮސްޕިޓަލުގައި އެވެ.

ޑާކާގެ ހޮސްޕިޓަލުން ފޮނުވާލުމުން ބަޖަންދަރު ބޭނުން ވަނީ އޭނާއަށް ހެޔޮ އެދޭ ފަރާތްތަކުން ދިން ފައިސާއިން ކުޑަ ވިޔަފާރިއެއް ފަށަން ކަމަށް ބަޖަންދަރު ބުންޏެވެ. (ޓެލެގްރާފް)

comment ކޮމެންޓް