ފޯނު ހިދުމަތަށް ބުރޫ އަރައިފި

މީހަކު ފޯނަކާ ކުޅެނީ: ދިރާގުން އުރީދޫ އަށް އަދި އުރީދޫން ދިރާގަށް ގުޅުމުގައި މައްސަލަތަކެއް ވަނީ ދިމާވެފައި --- ސަން ފައިލް ފޮޓޯ

އުރީދޫ އިން ދިރާގަށް އަދި ދިރާގުން އުރީދޫ ނަންބަރުތަކަށް ގުޅުމުގައި ދިމާވި މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ. އެ މައްސަލަ ދިމާވީ މިއަދު ހެނދުނު ގަޑިއެއްހާއިރަށެވެ.

ދިރާގާ އުރީދޫ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނީ، އެއީ ޓެކްނިކަލް މައްސަލައެއް ކަމަށެވެ. އަދި އެކަން ހައްލުކުރަން ދެފަރާތުގެ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއަދު ހެނދުނު 9:30 ހާއިރުން ފެށިގެން، ދިރާގުން އުރީދޫ އަށް އަދި އުރީދޫން ދިރާގަށް ގުޅުމުގައި މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެ ގޮތުން، ބައެއް ކޯލުތައް އެއްގޮތަކަށް ވެސް ނުކުރެވުމާއި ކޯލުގެ މެދުތެރޭން ކެނޑުން ފަދަ ކަންކަން ދިމާވުމުގެ ޝަކުވާ އާންމުން ވަނީ ކޮށްފަ އެވެ.

އުރީދޫ އިން އަދި ދިރާގުން ވެސް "ސަން" އަށް މައުލޫމާތު ހިއްސާކުރެއްވި އޮފިޝަލުން ވިދާޅުވީ، ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.

"އެކަން ދިމާވިތާ މާ ގިނައިރުތަކެއް ނުވެ މައްސަލަ ވަނީ ހައްލުކުރެވިފައި،" ދިރާގުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ފޯނު ކުރުމުގައި މައްސަލަތަކެއް ދިމާވި އިރު، އިންޓަނެޓަށް ވެސް މި ދުވަސްވަރު ވަނީ އަނެއްކާ ވެސް މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެ ގޮތުން، ބައެއް ވަގުތުތަކުގައި އިންޓަނެޓުގެ ސްޕީޑް ދަށްވުމާއި ހިދުމަތް ނުލިބުމުގެ މައްސަލަ ވެސް ވަނީ ކުރިމަތިވެފަ އެވެ.

comment ކޮމެންޓް