ފުރިހަމަ ދިރާސީ އާ އަހަރަކަށް މަރުހަބާ!

ދިރާސީ އާ އަހަރަށް ސްކޫލްތައް ހުޅުވުމާ އެކު ދަރިވަރަކު ބެލެނިވެރިޔާއާ އެކު ސްކޫލަށް ދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދޮޅު މަހަށް ވުރެ ބޮޑު ޗުއްޓީއަކަށް ފަހު ދިރާސީ އާ އަހަރެއްގެ ކިޔެވުން މިއަދު މިވަނީ ފަށައިފަ އެވެ. އާ ރަހުމަތްތެރިންނާއި ކަންތައްތަކެއް ހޯދައި ތަޖުރިބާ ކުުރުމުގެ ފުރުސަތު މިވަނީ ހުޅުވިފަ އެވެ. ނިމުނު އަހަރު ދަރިވަރުނަށް ލިބުނު ނަތީޖާ އިތުރަށް ރަގަނޅު ކުރުމަށް އަޒުމް ކަނޑައަޅަން މިއީ އެންމެ އެކަށޭނެ ދުވަހެވެ.

ދަރިވަރުންނެކޭ އެއްފަދައިން މިއަދަކީ ބެލެނިވެރިންނާއި ޓީޗަރުންގެ ވެސް ބޮޑު ޒިންމާ ފެށޭ ދުވަހެވެ. ސްކޫލްތަކާއި ދަރިވަރުންގެ ބެލެނިވެރި ފަރާތް އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ދިރާސީ އާ އަހަރަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށީ އެއްވެސް ދައްޗެއް ނެތި އެވެ. ސްކޫލުތަކަށް ޓީޗަރުން ހަމަނުވުމާއި ކުދިންނަށް ބޭނުންވާ ފޮތްތައް ނުލިބުނު މައްސަލައެއް މި އަހަރު ކުރިމަތިނުވާނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގައި 104 ދުވަސް އަދި ދެ ވަނަ ޓާމުގައި 102 ދުވަހު ދަރިވަރުން ކިޔަވާނެ އެވެ. އަދި ދިރާސީ އަހަރުގެ ކިޔެވުން ނިމި ސްކޫލްތައް ބަންދުކުރާނީ މި އަހަރުގެ ނޮވެމްބަރު 26 ވަނަ ދުވަހު އެވެ.

މި އަހަރު ޖުމްލަ 78000 އަށް ވުރެ ގިނަ ދަރިވަރުން

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށި އިރު، ސަރުކާރުގެ 212 ސްކޫލަކާ އެކު ޖުމްލަ 217 ސްކޫލެއްގައި އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 78000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރާނެ އެވެ.

ދިރާސީ އާ އަހަރަށް ސްކޫލްތައް ހުޅުވުމާ އެކު މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލުގެ ބޭރުގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭގެ ތެރޭގައި ސަރުކާރުގެ ސްކޫލްތަކުގައި 74000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާނެ އެވެ.

އޭގެ އިތުރުން، ގްރޭޑް އެކަކަށް މި އަހަރު 3177 ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފުރުސަތު ދީފަ އެވެ. އެއީ މާލޭގެ ޕްރީ ސްކޫލުތަކުގައި ކިޔެވި ދަރިވަރުންގެ ތެރެއިން 2122 ދަރިވަރުންނާއި ރާއްޖޭން ބޭރުގައި ކިޔަވަން އުޅުނު ދަރިވަރުންނާއި އަމިއްލަ ސްކޫލުތަކުން ސަރުކާރުގެ ސްކޫލުތަކަށް ބަދަލުވުމަށް އެދުނު 1055 ދަރިވަރުންނެވެ.

ޕްރީ ސްކޫލް ތައުލީމް ރަސްމީ ތައުލީމުގެ ތެރެއަށް

މިއަހަރަކީ ރަސްމީ ތައުލީމުގެ ބައެއްގެ ގޮތުގައި ޕްރީ ސްކޫލް ތައުލީމް ކަނޑައަޅައި ރާއްޖޭގެ ހުރިހާ ޕްރީ ސްކޫލެއްގައި ހިލޭ ކިޔަވައިދިނުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން ޕްރީ ސްކޫލްތަކުގައި ކިޔަވައިދޭން ފެށި ފުރަތަމަ އަހަރެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޕްރީ ސްކޫލް ތައުލީމް ހިލޭކޮށް އެ ތައުލީމު މަޖުބޫރު ކުރަން ސަރުކާރުން ނިންމެވުމާ އެކު މާލެ ސިޓީއާއި އައްޑޫ ސިޓީ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކެއްގައި ގާއިމުވެފައިވާ ސަރުކާރުގެ ސްކޫލުތަކުން، ޕްރީސްކޫލު ތައުލީމު ކުދިންނަށްދޭ ފަދައިން މާލެ އާއި އައްޑޫ ސިޓީގެ ޕްރީސްކޫލު ތައުލީމު ވެސް ސަރުކާރުން ހިލޭ ފޯރުކޮށްދޭނެ އެވެ.

މި އަހަރުގެ ދިރާސީ އަހަރާ އެކު ރާއްޖޭގެ ޕްރީ ސްކޫލްތަކުގައި 12454 ދަރިވަރުންނަށް ކިޔަވަން ފަށާ އިރު، އެ ކުދިންނަށް ކިޔަވައިދިނުމަށް 685 ޓީޗަރުން ހަރަކާތްތެރިވާނެ އެވެ.

7700 ޓީޗަރުންނާ އެކު ސްކޫލްތަކަށް ޓީޗަރުން ހަމަ

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، ރާއްޖޭގައި ސަރުކާރުން ހިންގާ 212 ސްކޫލެއްގައި މި އަހަރު ކިޔަވައި ދެއްވާއިރު ހުރިހާ ސްކޫލަކަށް ބޭނުންވާ ޓީޗަރުން ވަނީ ހަމަވެފަ އެވެ.

އެގޮތުން މި އަހަރު 7700 އަށް ވުރެ ގިނަ ޓީޗަރުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 5700 ދިވެހި ޓީޗަރުންނާއިި 2000 ބިދޭސީ ޓީޗަރުންނެވެ.

ދިރާސީ އާ އަހަރަށް ސްކޫލްތައް ހުޅުވުމާ އެކު އިސްކަންދަރު ސްކޫލުގައި ބޭއްވި ފުރަތަމަ އެސެމްބަލީގެ ތެރެއިން ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނިސްބަތުން ބަލާއިރު ކޮންމެ އެއީ ކޮންމެ ދިހަ ދަރިވަރަކަށް ޓީޗަރެކެވެ.

ރާއްޖޭގެ ސްކޫލްތަކުގައި މި އަހަރު ކިޔަވައިދޭ ޓީޗަރުންގެ އަދަދު މިދިޔަ އަހަރަށް ވުރެ އިތުރުވެފައިވާ އިރު ދިވެހި ޓީޗަރުންގެ އަދަދު ވެސް ވަނީ ގިނަ ވެފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނާގޮތުގައި، އެ އަދަދު އިތުރުވެފައި ވަނީ ޕްރީ ސްކޫލް ތައުލީމް ރަސްމީ ތައުލީމުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުންނެވެ.

ސްކޫލް ތަކުގައި ވަސީލަތް ހަމަކުރުމަށް 320 މިލިއަނަށްވުރެ ބޮޑު ހަރަދެއް

ކޮންމެ އަހަރެއްގެ ދިރާސީ އަހަރު ނިމުމާއެކު ކުރިއަށް އޮތް އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ސްކޫލްތަކުގެ އާބާތުރަ ފިލުވައި ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް އެޑިއުކޭޝަން މިނިސްޓްރީން ހަމަކުރެ އެވެ.

އެގޮތުން ބައެއް ސްކޫލްތަކުގެ ލެބްތަކާއި ހެލްތު ރޫމަށް ބޭނުންވާ ތަކެތީގެ އިތުރުން ކުޅިވަރާއި ގޮނޑި މޭޒު ފަދަ ތަކެތީގެ ތެރެއިން ބޭނުން ނުކުރެވޭ ފަދަ އެއްޗެހި ކޮންމެ އަހަރަކަށް އާކޮށް ހަދާ އިރު، ބައެއް ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ހިދުމަތްތައް ވެސް ފޯރުކޮށްދިނުމަށް މަސައްކަތްކުރެ އެވެ.

އަދި މި އަހަރުގެ ދިރާސީ އަހަރާ އެކު ޕްރީ ސްކޫލް ތައުލީމް އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ އެކު އެތަންތަނަށް ސަރުކާރުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް ސާމާނު ފޯރުކޮށްދިނުމަށް ބޮޑު ހަރަދެއް ކޮށްފަ އެވެ.

އެގޮތުން ނިމުނު 2016 ވަނަ އަހަރު އެ މިނިސްޓްރީން ސްކޫލްތަކުގެ އުމްރާނީ ތަރައްގީ އަށާއި ވަސީލަތްތަކުގެ އިތުރުން ސްޓޭޝަނަރީ ވައުޗަރާއި ފޮތް ބަޔަށް ކުރި ޖުމްލަ ހަރަދު 324 މިލިއަނަށް އަރަ އެވެ.

އެ ހަރަދުގެ ތެރެއިން މިދިޔަ އަހަރު ޕްރީސްކޫލް ލެވެލުން ގްރޭޑް 12 އާ ހަމަޔަށް ކިޔެވި ކުދިންގެ ފޮތް ލިސްޓު ވައުޗާތަކަށް 90 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. އެއީ ޓެކްސްޓް ފޮތްތަކަށް 50 މިލިއަން، ވައުޗަރަށް 40 މިލިއަން އަދި ލޮޖިސްޓިކްސް އަށް 0.8 މިލިއަން ރުފިޔާ އެވެ.

ދިރާސީ އާ އަހަރަށް ސްކޫލްތައް ހުޅުވުމާ އެކު ދަރިވަރަކު ބެލެނިވެރިޔާއާ އެކު ސްކޫލަށް ދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ްއޭގެ އިތުރުން، ރާއްޖޭގެ އެކި ސްކޫލްތަކަށް މަދުވި ސަމާނު ހަމަކުރުމަށް 103.3 މިލިއަން ރުފިޔާ މިދިޔަ ހަރަދު ކުރިއިރު، އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް، ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވުމަށް 131 މިލިއަން ރުފިޔާ މިދިޔަ އަހަރު ތެރޭގައި ހަރަދުކޮށްފައިވެ އެވެ.

ޕްރީސްކޫލްތައް ރަސްމީ ތައުލީމުގެ ތެރެއަށް ގެނައުމާ ގުޅިގެން ޕްރީސްކޫލްތަކުގެ ތަރައްގީއަށް 21.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އަދި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މާލޭ ސިޓީ އަދި އައްޑޫ ސިޓީގެ ޕްރީސްކޫލް ތަކަށް ބޭނުންވާ އައުޓްޑޯ ޕްލޭ ތަކެތި ގަތުމަށް 2.1 މިލިއަން ރުފިޔާ ހަރަދުކުރާނޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރާއްޖޭގެ 46 ސްކޫލެއްގައި މިހާރު ވެސް ބޮޑެތި މަޝްރޫއުތަކެއް ފަށައިގެން ކުރިއަށްދާ ކަމަށެވެ.

އެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 46 ސްކޫލެއްގައި 343 ކްލާސްރޫމް އެޅުމާއި، 10 ހޯލު ތަރައްގީކުރުމެވެ. އަދި އެ މަސައްކަތްތަކަށް 423 މިލިއަން ރުފިޔާ ހަރަދުވާ އިރު، އެ ހުރިހާ މަސައްކަތެއް ވެސް މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

އޭގެ އިތުރުން، ބައެއް ސްކޫލްތަކަށް މަދުވި ސާމާނުތައް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސްކޫލްތަކަށް ހަމަ ކޮށްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ އިރު، އެކަމަށް 17.8 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ބުނެ އެވެ.

comment ކޮމެންޓް