އެމްއެޗު370 ހޯދުމުގެ މަސައްކަތް ދެ ހަފްތާއަށް ފަހު ހުއްޓާލާނަން: މެލޭޝިއާ

މެލޭޝިއާ އެއާލައިންސްގެ ފްލައިޓެއް --

ދެހާސް ސާދަވަނަ އަހަރު ވީނުވީއެއް ނޭނގި ގެއްލުނު މެލޭޝިއާ އެއާލައިންސްގެ ފްލައިޓު އެމްއެޗް370 ހޯދުމުގެ މަސައްކަތް، ކުރިޔަށް އޮތް ދެހަފްތާއަށް ފަހު ހުއްޓާލާނެ ކަމަށް މެލޭޝިއާއިން ބުނެފިއެވެ.

ދެހާސް ސާދައިގެ މާޗު މަހުގެ ތެރޭގައި ވީނުވީއެއް ނޭނގި އެ ފްލައިޓު ގެއްލުނު ފަހުން، މެލޭޝިއާއާއި އެހެން ބައެއް ގައުމުތަކުންވެސް ގުޅިގެން ދަނީ، ފްލައިޓު ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކޮށްފައެވެ. އެ ފްލައިޓު ގެއްލުނުތާ މިއަހަރަށް ތިން އަހަރު ފުރޭ އިރު، މިހާތަނަށް އިންޑިއާ ކަނޑުގެ ގާތްގަނޑަކަށް 120،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބަލައިފައެވެ. އެކަމަކު އެ ފްލައިޓުގެ ހިލަމެއް ވެސް ވެފައެއް ނުވެއެވެ.

މިދިޔަ މަހުގެ ތެރޭގައި އިންވެސްޓަރުން ވަނީ، ފްލައިޓު ހޯދުމަށް ބަލަމުންދާ ސަރަހައްދުގެ އިތުރުން 25،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް އިތުރަށް ބެލުމަށް ހުށަހަޅާފައެވެ.

ނަމަވެސް މެލޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓަރު ލިއޯ ޓިއޮންގް ލައި ވިދާޅުވީ، ފްލައިޓު ހޯދުމަށް ބެލި ސަރަހައްދުގެ ޖުމްލަ، 120،000 އަކަ ކިލޯމީޓަރަށް އަރަން ގާތްވެއްޖެ ކަމަށާއި، އިތުރަށް ބެލިޔަސް އެކަށީގެންވާ ހެއްކެއް ފެންނާނެ ކަމާ މެދު ޝައްކު ކުރައްވާ ކަމަށެވެ.

އޮސްޓްރޭލިއާގެ ޓްރާންސްޕޯޓު ސޭފްޓީ ބިއުރޯއިން ދާދި ފަހުން ބުނި ގޮތުގައި، ހަފްތާއެއް ނުވަތަ ދެ ހަފްތާ ތެރޭގައި 120،000 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަހައްދު ބަލައި ފާސްކުރެވޭ ކުރުން ފުރިހަމަވާނެއެވެ.

"އެއަށް ފަހު ސާޗް މިޝަން އަޅުގަނޑުމެން ނިންމާލާނަން،" ޓްރާންސްޕޯޓު މިނިސްޓަރު ލިއޯ ވިދާޅުވިއެވެ.

ސާޗް ރިޕޯޓު އޮންލައިންކޮށް އާންމު ކުރާނެ ކަމަށާއި، އެ ރިޕޯޓާ ގުޅިގެން ނިންމަންޖެހޭ ނިންމުމެއް އޮތްނަމަ އެކަމެއް ފަހުގެ ތާރީޚެއްގައި ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މެލޭޝިއާގެ ކުއަލަ ލަމްޕޫރުން ޗައިނާގެ ބެއިޖިންގްއަށް، 239 ފަސިންޖަރުންނާއި ކްރޫއިންނާ އެކު ދަތުރުކުރަމުން ދިޔަ އެމްއެޗް370 ފްލައިޓު ހޯދުމުގެ މަސައްކަތް ހުއްޓަލަން އުޅޭ އިރު، އެ ފްލައިޓުގައި ތިބި ފަސިންޖަރުންގެ އާއިލާތަކުން ދަނީ، މަސައްކަތް ހުއްޓާނުލުމަށާއި، ފްލައިޓަށް ވީ ގޮތެއް ހޯދައިދިނުމަށް ކެނޑިނޭޅި އެދެމުންނެވެ.

އެމްއެޗް370 ފްލައިޓު ހޯދުމުގެ މަސައްކަތުގައި، ފްލައިޓުގެ ބައިތަކެއް ކަމަށް ބެލެވޭ 33 އެތިކޮޅު، އެފްރިކާ ބައްރު ކައިރިން އިންޑިއާ ކަނޑުން ވަނީ ހޯދައިފައެވެ. މޮރިޝަސް، ރިޔޫނިއަން ޖަޒީރާ، މޯޒަމްބީކް، ޓެންޒީނިއާ އަދި ދެކުނު އެފްރިކާގެ އައްސޭރިތަކުން ވަނީ، ބޯޓުގެ ފިޔަގަނޑުގެ ބައިތަކެއް ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ފެނިފައެވެ. ނަމަވެސް މިތަކެތީގެ ހަގީގަތެއް، އަދި އެމްއެޗް370 އާ ގުޅުމެއް އޮތްކަމެއް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

comment ކޮމެންޓް