ކޯޓަށް ހާޒިރުނުވުމުން، ރައީސާގެ ޣައިރު ހާޒިރުގައި ޝަރީޢަތް ފަށައިފި

ދެކުނު ކޮރެއާގެ ދުސްތޫރީ ކޯޓުގައި އަޑުއެހުމެއް ކުރިޔަށް ދަނީ -- އީޕީއޭ

އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، މަގާމުން އެކަހެރިކޮށްފައިވާ، ދެކުނު ކޮރެއާގެ ރައީސާ ޕާކް ގުން ހޭ މަގާމުން ވަކިކުރުމަށްޓަކައި ހިންގަމުންދާ ޝަރީޢަތުގެ އަޑުއެހުމަށް ހާޒިރުވެވަޑައިނުގަތުމުން، އެކަމަނާގެ ޣައިރު ހާޒިރުގައި ޝަރީޢަތް ފަށައިފިއެވެ.

ރައީސާ ޕާކް ގުން ހޭގެ މައްޗަށް އެގައުމުގެ ދުސްތޫރީ ކޯޓުގައި ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އޮތީ މިހަފްތާގެ އަންގާރަ ދުވަހުއެވެ. ރައީސާ އެ އަޑުއެހުމަށްް ހާޒިރުވެވަޑައިނުގަތުމުން، އެކަމަނާއަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ވަނީ، އަޑުއެހުން ފަސްކޮށްފައެވެ.

ޝަރީއަތް ފެށުމަށްޓަކައި މިއަދު ބޭއްވި ބައްދަލުވުމަށް ވެސް ރައީސާ ޕާކް ވަޑައިގެންފައެއް ނުވެއެވެ. ކޯޓަށް ހާޒިރުވުމަށް ކޯޓުން ދޭ ދެވަނަ ފުރުސަތުގައި ވެސް ހާޒިރުނުވެއްޖެ ނަމަ، ޣައިރު ހާޒިރުގައި ޝަރީއަތް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ލިބޭތީ، ކޯޓުން މިއަދު ވަނީ ރައީސާ ޕާކް ގުން ހޭގެ ޣައިރު ހާޒިރުގައި ޝަރީޢަތް ފަށައިފައެވެ.

ދެހާސް ސޯޅަ ޑިސެމްބަރު ނުވަވަނަ ދުވަހު ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގައި، ރައީސާ ޕާކް ގުން ހޭގެ އިތުބާރު ނެތްކަމަށް ނިންމައި، ރައީސާގެ މަގާމުން އެކަމަނާ އެކަހެރިކުރީ 234 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ރައީސާއާ އެއްކޮޅަށް ވޯޓު ދިނީ އެންމެ 56 މެމްބަރުންނެވެ.

ރައްޔިތުންގެ 51 ޕަސަންޓު ވޯޓާ އެކު 2012 ވަނަ އަހަރު ދެކުނު ކޮރެއާގެ ފުރަތަމަ އަންހެން ރައީސާކަމަށް އައި ޕާކް ގުން ހޭއާ ދެކޮޅަށް ދެކުނު ކޮރެއާގެ ރައްޔިތުން ތެދުވަން ފެށީ، އެކަމަނާގެ ގާތް ރަހުމަތްތެރިޔާ ކަމުގައިވާ ޗޮއި ސޫން ސިލްއަށް ގައުމުގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމަށް ފުރުސަތު ދޭ ކަމަށް ތުހުމަތު ކޮށެވެ. ޗޮއި ސޫން ސިލްއަކީ ރައީސާ ޕާކް ގުން ހޭގެ ކުރީގެ ޗީފް އޮފް ސްޓާފް ޗުންގް ޔޫން ހޮއިގެ ކުރީގެ އަނބިކަނބަލުންނެވެ. ނަމަވެސް ދެކުނު ކޮރެއާގެ ސަރުކާރާއި، ސިޔާސީ އެއްވެސް ހަރަކާތެއްގައި ޗޮއި ސޫން ސިލްއަށް ރަސްމީ ހައިސިއްޔަތެއް ލިބިފައެއް ނުވެއެވެ.

ޗޮއި ސޫން ސިލްއާ ގުޅިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދިކަމުގެ ތުހުމަތުގެ އިތުރުން، ރިޝްވަތު ދިނުމާއި ކޮރަޕްޝަނާއި، ގާނޫނުގެ ވެރިކަމަށް އިހުމާލުވުމުގެ ތުހުމަތުތައް ވެސް ރައީސާ ޕާކް ގުން ހޭގެ މައްޗަށް ދަނީ ކުރަމުންނެވެ.

މި މައްސަލައިގައި ރައީސާ ޕާކް ގުން ހޭއާއި އެކަމަނާގެ އެކުވެރިޔާ ޗޮއި ސޫން ސިލް އާންމުންގެ ކިބައިން މައާފަށް ވެސް ވަނީ އެދިފައެވެ. އެހެން ނަމަވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށް ދެކަނބަލުން ވެސް ވިދާޅުވެއެވެ.

comment ކޮމެންޓް