ގަލްފުގެ އަރަބި ގައުމުތަކަށް މިދިޔަ އަހަރު 40 ބިލިޔަން ޑޮލަރުގެ ހަތިޔާރު އެމެރިކާ އިން ގަނެފައިވޭ

ގަލްފުގެ ލީޑަރުން އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އަރިހުގައި

މިދިޔަ އަހަރު އެމެރިކާ އިން ހަތިޔާރުގަތުމަށް ގަލްފުގެ އަރަބި ގައުމުތަކުން 40 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރިކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ރިޕޯޓެއް ބުނެފި އެވެ.

ތުރުކީގެ އަނަތޯލިޔާ ނޫސް އެޖެންސީން ޝާއިޢުކޮށްފައިވާ މިރިޕޯޓް ބުނާ ގޮތުން ހަތިޔާރު ގަތުމަށް އެންމެ ބޮޑަށް ޚަރަދުކޮށްފައި ވަނީ ގަލްފުގެ އެންމެ ކުޑަ އެއް ގައުމުކަމަށްވާ ގަތަރެވެ. ގަތަރަކީ އާބާދީގައި ތިންލައްކަ ފަންސާސް ހާސް ހަމަނުވާ ވަރަށް ކުޑަ އެހެންނަމަވެސް ތެލާއި ގުދްރަތީ ގޭހުގެ އާމްދަނީގެ ސަބަބުން އާދަޔާ ޚިލާފަށް މުއްސަނދި ގައުމެކެވެ.

އެމެރިކާ އިން 40 ބިލިޔަން ޑޮލަރުގެ ހަތިޔާރު ގަތް ގަލްފުގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ގަތަރުގެ އިތުރުން ސައޫދީ އަރަބިޔާ، ޔުނައިޓެޑް އަރަބް އިމަރޭޓްސް، ކުވައިތު އަދި ބަހްރައިން އެވެ. މިފަސްގައުމަކީ ވެސް ޔަމަންގެ ހަނގުރާމައިގެ ތެރެއަށް ވެދެގެންފައިވާ އަރަބި ކޯލިޝަންގައި ހިމެނޭ ގައުމުތަކެވެ. މީގެއިތުރުން މިފަސް ގައުމުގެ ތެރެއިން ގަތަރާއި ސައޫދީ އަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް ޓަކައި ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ފައިސާ އާއި ހަތިޔާރު ފޯރުކޮށްދިނުމުގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާ ގުޅިގެން އެންމެ އިސް ދައުރެއް އަދާކުރާ ދެގައުމެވެ.

ސޫރިޔާގެ ރައްޔިތުންގެ ގިނަ ބަޔަކު މަރުވެ އެ ގައުމުގެ ބޮޑުބައެއް ހަލާކުވެ ފަނާވަމުންދަނީ ބައްޝާރު ވެރިކަމުން ވައްޓާލުމަށް ޓަކައި އިދިކޮޅު ޖަމާއަތްތަކުން ފަށާފައިވާ ހަނގުރާމައިގެ ސަބަބުންނެވެ. މުޅި ސޫރިޔާ ފަނާކޮށްލައިގެން ނަމަވެސް ސިޔާސީ ބޭނުމެއްގައި ބައްޝާރު ވައްޓާލުމަށް މަސައްކަތްކުރާ ސަބަބާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ.

އެމެރިކާ އިން މި 40 ބިލިޔަން ޑޮލަރުގެ ހަތިޔާރުގަތް ގަލްފުގެ އަރަބި ގައުމުތަކުގެ ތެރޭގައި އުމާން ނުހިމެނެ އެވެ. އުމާންއަކީ ޔަމަންގެ ހަނގުރާމައިގާއި ވެސް އަދި ސޫރިޔަގެ ހަނގުރާމައިގާ ވެސް ބައިވެރިވާ ގައުމެއްނޫނެވެ. އުމާންއަކީ ހަނގުރާމައާއި ތަޅާފޮޅުމަށް ޚަރަދު ކުރުމުގެ ބަދަލުގައި އެގައުމުގެ ތަރައްގީގެ މަޝްރޫޢުތަކަށް ޚަރަދުކޮށް އަވަށްޓެރި އީރާނާ އެކު ވެސް ގާތްގުޅުންތަކެއް ބާއްވާ ސުލްހަވެރި އަދި ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތުތަކެއް ގެންގުޅޭ ގައުމެކެވެ.

ގަތަރާއި ސައޫދީ އަރަބިޔާ، ޔުނައިޓެޑް އަރަބް އިމަރޭޓްސް، ކުވައިތު އަދި ބަހްރައިންއަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމުތައްކަމަށްވެފައި އެ ގައުމުތަކުގެ އިގްތިސާދުގެ 90 އިންސައްތަ ބިނާވެފައި ވަނީ ތެލުގެ އާމްދަނީއަށް ކަމަށްވާތީ ތެލުގެ އަގު ދަށަށްދިޔުމުގެ ނަތީޖާއެއްގެ ގޮތުން މިގައުމުތަކުންވަނީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފައެވެ. ތެލުގެ އާމްދަނީން ބަޖެޓް ދެކޮޅު ނުޖެހޭތީ މިގައުމުތަކުން މިދިޔަ އަހަރުވެސްވަނީ 600 ބިލިޔަން ޑޮލަރުގެ ޓްރެޜަރީ ބޮންޑާއި ސުކޫކް ވިއްކައިގެން ބަޖެޓަށް ފައިސާ ހޯދުމުގެ ހަރަކާތްތަކެއް ހިންގާފައެވެ.

އެމެރިކާގެ ހަތިޔާރުގެ އިންޑަސްޓްރީ އަކީ ގަލްފުގެ އަރަބި ގައުމުތަކަށް ހަތިޔާރު ވިއްކައިގެން ނަފާހޯދުމަށް ވަރަށްބޮޑަށް މަސައްކަތްކުރާ އިންޑަސްޓްރީއެކެވެ. އެމެރިކާގެ ސިޔާސަތުތައްވެސް ބައްޓަންކުރަނީ އަރަބި އިސްލާމީ ގައުމުތަކުގައި ހަނގުރާމަތައް އުފައްދައި އެހަނގުރާމަތަކަށް ގަލްފުގެ އަރަބި ގައުމުތައް ވެއްދުމުގެ މައްޗަށެވެ.

މިގޮތުން ގަލްފުގެ އަވަށްޓެރި އީރާނަކީ ގަލްފުގެ އަރަބި ގައުމުތަކަށް އޮތް އެންމެ ބޮޑު ބިރުގ ގޮތުގައި ދެއްކުމަށާއި އީރާނަކީ ނުރައްކާތެރި ގައުމެއްކަން ވިސްނައިދިނުމަށް އެމެރިކާ ވަރަށްބޮޑަށް މަސައްކަތް ކުރަމުން ގެންދެއެވެ. މިއާއެކު އެމެރިކާގެ މިސިޔާސަތުތައް ގަލްފުގެ ގައުމުތަކަށް ގަބޫލުކުރެވި އީރާނުގެ ނުފޫޒާ ދެކޮޅަށް ކަމަށްބުނެ ޔަމަންއާއި ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ގަލްފުގެ ގައުމުތައް ވަނީ ވަރަށްބޮޑަށް ވަދެފަ އެވެ.

އިސްރާއީލަކީ މުޅި ފަލަސްތީނު ހިފައިގެންއޮވެ ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް މުސްލިމުންގެ ތާރީޚީ އެންމެ ބޮޑު ދުޝްމަން ކަމަށްވިޔަސް އެމެރިކާ، ގަލްފުގެ އަރަބި ގައުމުތަކަށް ވިސްނައިދެނީ އިސްރާއީލަކީ ނުރައްކަލެއް ނޫންކަމާއި އިސްރާއީލަކީ އީރާނުގެ ނުރައްކަލާ ކުރިމަތިލުމަށް އޮތް ބައިވެރިއެއްގެ ގޮތުގަ އެވެ. އެހެންކަމުން ހަމާސްފަދަ ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދަށް ގަލްފުގެ ގައުމުތަކުން ހަތިޔާރު ފޯރުކޮށެއް ނުދެ އެވެ. އެންމެ ފަހުން 2014 ވަނަ އަހަރު އިސްރާއީލުން ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ޣައްޒާއާ ދެކޮޅަށް ހިންގި އުދުވާނުގައި ގަލްފުގެ ގައުމުތައް ގެންގުޅުނު އަޅާނުލުމުގެ ސިޔާސަތުތައް މިކަމުގެ ހެއްކަކަށް ފުދެ އެވެ.

އަނެއްކޮޅުން އެމެރިކާގެ ރުހުން ހޯދުމަށްޓަކައި ގަލްފުގެ ގިނަ ގައުމުތައް އަޑިއަޑިން (ނުރަސްމީ ސިފައެއްގައި) އިސްރާއީލާ އެކު ގުޅުންތައްވެސް ބާއްވަމުން ވެސް ގެންދެ އެވެ. އީރާނުން ގަލްފުގެ ސަރަހައްދަށާއި މެދުއިރުމައްޗަށް ބާރާއި ނުފޫޒު ހިންގުމަށް މަސައްކަތް ކުރާކަމީ ހަގީގަތަކަށްވެދާނެ އެވެ. އީރާނަކީ ބޮޑު ގައުމަކަށްވެފައި އީރާން އިރާގު ހަނގުރާމައަކީ ވެސް އިރާގުން އިސްވެ އީރާނާދެކޮޅަށް ކުރި ހަނގުރާމައަކަށްވާތީ މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި އީރާނުން ވެސް މެދުއިރުމައްޗަށް ބާރާއި ނުފޫޒު ހިންގާނެ އެވެ. ނަމަވެސް އީރާނާ ވާހަކަ ދައްކައިގެން މިކަންކުޑަކުރުމަކީ ކުރެވިދާނެކަމެކެވެ.

މައްސަލައަކީ މިކަން މާބޮޑުކޮށްލުމެވެ. ގަލްފުގެ ގައުމުތަކަށް ބިރުދައްކައިގެން އެގައުމުތަކަށް ހަތިޔާރު ވިއްކުމަށްޓަކައި އެމެރިކާއިން އީރާނުގެ މައްސަލަ މާބޮޑުކޮށްލުމެވެ. އެއީ އީރާން ބިރެއްގެ ގޮތުގައި ދެއްކުމުން ގަލްފުގެ އަރަބިގައުމުތަކަށް ހަތިޔާރު ވިއްކުމަށް އެމެރިކާއަށް ފަސޭހަވާނެތީ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު