ޓެރަރިޒަމް ދައުވާ އަށް ވަކީލަކު ހަމަޖައްސަން ހަތް ދުވަސް އަމީން ފައިސަލަށް ދީފި

މިއަދުގެ އަޑުއެހުމަށްފަހު އަމީން ފައިސަލް ކްރިމިނަލް ކޯޓުގެ ބޭރުގައި ---- ސަން ފޮޓޯ

ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ގާނޫނީ ވަކީލަކު ހަމަޖައްސަން ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލަށް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުރެ 14 ޖުލައި 2010 ވަނަ ދުވަހުގެ ރޭ 1:45 ހާއިރު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ހިމާޔަތްދޭނެ ކަމަށް ބުނެ، އެމަނިކުފާނުގެ ނުރުހުމުގައި އެމަނިކުފާނުގެ މިނިވަންކަން ގެއްލޭ ގޮތަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު ޖުލައި 23 ވަނަ ދުވަހާ ހަމައަށް ޔާމީނު އާރަށުގައި ހައްޔަރުކޮށްފައި ބަހައްޓާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ކުރީގެ ޓެރަރިޒަމް ގާނޫނުގެ ދެވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

އެ މައްސަލައިގެ ޝަރީއަތް މިއަދު ކުރިއަށް ގެންދިޔައީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެހުންނެވި ގާޒީ އާދަމް އާރިފެވެ.

އޭނާ އަށް ޖެހިފައިވާ ބަލީގެ ބާވަތަށް ބަލާއިރު ރާއްޖެ އިން ފަރުވާ ކުރެވެން ނެތް ކަމަށް އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުން އަންގާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. އަދި ފަރުވާ ލަސްވެއްޖެ ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައި ވާތީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އޭނާ މިއަދު އެދިވަޑައިގަތެވެ.

އަމީން ވިދާޅުވީ މީގެކުރިން ސިޓީއަކުން ވެސް ކޯޓުގައި އެގޮތަށް އެދިފައިވާނެ ކަމަށާއި ނަމަވެސް އެ ސިޓީގެ ޖަވާބު އަދި ލިބިފައިނުވާ ކަމަށެވެ.

ގާޒީ އާދަމް އާރިފް ވިދާޅުވީ އަމީން ހުށަހެޅުއްވި ކަންތައްތަކުގެ މައްޗަށް ބިނާކޮށް އެ ސިޓީއަށް ކޯޓުން ޖަވާބުދޭނެ ކަމަށެވެ.

އެ މައްސަލައިގެ ދެ ވަނަ އަޑުއެހުން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

comment ކޮމެންޓް