މާލޭގެ ގޯތިގެދޮރާ ބެހޭ 40 އަހަރުގެ ލިޔެކިޔުންތައް ޑިޖިޓަލް ކުރަން ނިންމައިފި

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ: ލޭންޑް އެންޑް ބިލްޑިން ޑިޕާޓްމަންޓްގެ 40 އަހަރުވީ އެއްމިލިއަނަށްވުރެ ގިނަ ލިޔެކިޔުންތައް ޑިޖިޓަލް ކުރަން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ހައުސިން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ލޭންޑް އެންޑް ބިލްޑިން ޑިޕާޓްމަންޓްގެ 40 އަހަރުވީ، އެއް މިލިއަނަށް ވުރެ ގިނަ ލިޔެކިޔުންތައް ޑިޖިޓަލްކުރަން އެ މިނިސްޓްރީން ނިންމައިފި އެވެ.

ލޭންޑް އެންޑް ބިލްޑިން ޑިޕާޓްމަންޓްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް އާ ކަންތައްތަކެއް ތައާރަފްކުރުމަށް މިއަދު ހުރަވީ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތައް ވީހާ ވެސް ފަސޭހަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.

އެގޮތުން މީގެ 40 ވަރަކަށް އަހަރުކުރިން އެ ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ ގޭގެ ރަޖިސްޓަރީތަކާއި ގޭގެ ލިޔެކިޔުންތަކާއި އެހެނިހެން ވެސް ގޯތިގެދޮރާއި ބިމާ ބެހޭ މިލިއަނަށް ވުރެ ގިނަ ލިޔެކިޔުންތައް ޑިޖިޓަލް ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއިން ކުރެހުމެއް ނުވަތަ ލިޔެކިޔުމެއް ހޯދައިގެން ގެއެއްގެ ކުރެހުމަށް ބަދަލެއް ގެނެސް ނުވަތަ އެހެންކަމެއް ކުރަން ޖެހުނަސް މުވައްޒަފުންނަށް ޖެހެނީ އެ ލިޔެކިޔުމެއް ހޯދަން ގިނަ މަސައްކަތްތަކެއް ކުރަން ކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުމީހާ އަށް ދޭން ޖެހޭ ހިދުމަތް އެކަށީގެންވާ އަވަސްމިނުގައި ނުދެވޭކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މި އުނދަގޫތަކުގެ ސަބަބުން އަޅުގަނޑުމެން މި ހުރިހާ ލިޔެކިޔުމެއް ސްކޭންކޮށްފައި، ސިސްޓަމެއްގެ ތެރެއަށް މި ހުރިހާ ލިޔުމެއް ސްޓޯކުރެވޭނެ ގޮތް ހެދުމަށް މި މަސައްކަތް ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރެހުމެއް ފާސްކުރުމަކީ މީގެ ކުރިން އެތައް މަހެއް ނަގާ ކަމެއް ކަމަށެވެ. ނަމަވެސް ކުރެހުމެއްގައި ހުންނަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް ޖަހަން ޖެހޭ ހުރިހާ ތައްގަނޑުތަކެއް ޖެހުމަށް ފަހު ކުރެހުން ހުށަހަޅާކަމުގައިވާ ނަމަ އެ ހުށަހަޅާތާ ތިން ދުވަސްތެރޭގައި ފާސްކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ލޭންޑް އެންޑް ބިލްޑިން ޑިޕާޓްމަންޓްގައި މީގެ ކުރިން އެތަނުން ހިދުމަތް ހޯދަންދާ ފަރާތްތައް ޖެހެނީ ކިޔުގައި ޖެހިގެން ކައުންޓަރު ދޮށުގައި މަޑުކުރާށެވެ. ނަމަވެސް މިއަދު ހައުސިން މިނިސްޓްރީން ވަނީ އެތަނުގައި އިލެކްޓްރޯނިކް ކިޔު ސިސްޓަމެއް ބަހައްޓައިފަ އެވެ.

comment ކޮމެންޓް