ފޮޓޯ މުބާރާތުގެ ނަތީޖާ ފާޅުކޮށް، ޕެންޝަން އޮފީހުގެ ފޮޓޯ މައުރަޒު ހުޅުވައިފި

ޕެންޝަން އޮފީހުގެ ފޮޓޯ މައުރަޒު ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޓަޔަމެންޓް ޕެންޝަން ސްކީމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރިޔަށް ގެންދިޔަ ފޮޓޯ މުބާރާތުގެ ނަތީޖާ ފާޅުކޮށް، އެ އޮފީހުގެ ފޮޓޯ މައުރަޒު ފަށައިފިއެވެ.

ނޭޝަނަލް އާޓް ގެލެރީގައި މިއަދު ކުރިޔަށް ގެންދިޔަ ރަސްމިއްޔާތެއްގައި، ޕެންޝަން އޮފީހުގެ ފޮޓޯ މައުރަޒު ހުޅުވައިދެއްވީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކޮށްދީ، އަދި 2013 ވަނަ އަހަރު ރިޓަޔަރކުރެއްވި ޕެންޝަނަރ އަބްދުލްއަޒީޒް ޔޫސުފް (އަޒީ)އެވެ. އަޒީ ސަރުކާރުން ރިޓަޔަރ ކުރެއްވި އިރު ހުންނެވީ، ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ.

ޕެންޝަން އޮފީހޖުގެ ފޮޓޯ މުބާރާތުން ވަނައަކަށް ދިޔަ ފަރާތަކަށް އިނާމު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ އޮކްޓޫބަރު މަހުގެ 10 އިން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ފޮޓޯ މުބާރާތުގައި 56 ފޮޓޯއެއް ބައިވެރިކޮށްފައިވާ އިރު، އެންމެ ރަނގަޅު ތިން ފޮޓޯއެއް ވަނީ ހޮވައިފައެވެ. ފޮޓޯ މުބާރާތުން އެއްވަނައަށް ހޮވުނީ ނ. ޅޮހި ރޯޒްމީޑް، ހުސައިން ނިޔާޒު ބައިވެރިކުރި ފޮޓޯއެކެވެ. ދެވަނައަށް، ގދ. ތިނަދޫ ފީރޯޒުގޭ ސައްދާމް ނަސީމު ބައިވެރިކުރި ފޮޓޯއަކަށް ލިބުނު އިރު، ތިންވަނައަށް ހޮވުނީ ގއ. ކަނޑުހުޅުދޫ އުޑުވިލާގޭ ޒަމްއަތު އަހްމަދު ބައިވެރިކުރި ފޮޓޯއެކެވެ.

ޕެންޝަން އޮފީހުގެ ފޮޓޯ މައުރަޒުގައި ބަހައްޓާފައިވާ ބައެއް ފޮޓޯތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕެންޝަން އޮފީހުން ކުރިޔަށް ގެންދިޔަ ފޮޓޯ މުބާރާތުގައި ބައިވެރިކުރި ފޮޓޯތަކާ އެކު ނޭޝަނަލް އާޓު ގެލެރީގައި މިއަދު ފެށި މައުރަޒު، މާދަމާގެ ނިޔަލަށް ކުރިޔަށް ދާނެ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް