އެންމެންގެ ހާޒިރުގައި އޭނާގެ އުފާވެރި އިހްސާސްތައް ބަންޑުންކޮށްލި އެވެ. ސްޕެނިޝް ބަހުން ވާހަކަ ދައްކަމުން ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް ބުނީ ރާއްޖެއަކީ އޭނާއަށް އެންމެ ކަމުދާ ދުނިޔެމަތީ ސުވަރުގެ ކަމަށެވެ. މި ވާހަކަތަކާއެކު ހިތްވަރުގެ ބަސްތައް ދިވެހިންނަށް ޕުޔޯލް ރައްދުކޮށްދިނީ ނ. ކެނދިކުޅުދޫގައި މިއަދު ނިންމާލި ސިޔާމް-މައުރޫފް ސޮކާ ކަޕުގެ ފައިނަލަށްފަހު ބޭއްވި ރަސްމިއްޔާތުގަ އެވެ.
ސްޕެނިޝް ބަހުން އޭނާ ދެއްކި ވާހަކަތައް އިނގިރޭސީ ބަހަށް ތަރުޖަމާކޮށްދިނީ އޭނާގެ އަންހެނުން އަދި ސްޕެއިންގެ މަޝްހޫރު މޮޑެލް ވެނެސާ ލޮރެންޒޯއެވެ.
"މިއީ ރާއްޖެ އަންނަ ފަހު ފަހަރެއް ނޫން. އަދި ރާއްޖެ އަންނާނަން،" ސަން ސިޔާމް އިރުފުށި ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދާ ޕުޔޯލް ބުންޏެވެ.
ސިޔާމް-މައުރޫފް ކަޕްގެ ހާއްސަ މެހެމާނަކަށް ވަޑައިގެންނެވި ޕުޔޯލް ބުނީ ރާއްޖޭގައި ފުޓްބޯޅައިގެ ޒުވާން ޖީލެއް އުފެދޭތަން ފެނުމުން އުފާކުރާ ކަމަށެވެ. އަދި މިއަދު ކުޅުނު މެޗުގައި ކުޅުންތެރިން ދެއްކި ހިއްވަރަށް ސާބަސް ދެމުން އޭނާ ވަނީ ޗެމްޕިއަންކަން ހޯދި ނ.ހޮޅުދޫ ޓީމަށް މަރުހަބާ ވިދާޅުވެފަ އެވެ. ރާއްޖެ އައުމަށް ދެއްވި ދައުވަތަށާއި ރާއްޖެއިން އޭނާއަށް ކީ ހޫނު މަރުހަބާއާ ގުޅިގެން އުފާވާ ކަމަށް އޭނާ ބުންޏެވެ.
އެ ދައުވަތު އޭނާ އަށް ދެއްވީ މުބާރާތުގެ ދެ ބާނީން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް އެވެ.
ވާހަކަދައްކާ ނިންމާލުމުން ޕުޔޯލް ވަނީ ހުރިހާ ދިވެހިންނަށް ދިވެހި ބަހުން "ވަރަށް ބޮޑަށް ޝުކުރިއްޔާ" އޭ ވެސް ބުނެފައެވެ.
ކެނދިކުޅުދޫގައި މިއަދު ކުޅުނު ފައިނަލް މެޗުގައި ކެނދިކުޅުދޫގެ މައްޗަށް 1-0 ލަނޑުން ކުރި ހޯދައިގެން މުބާރާތުގެ ތަށި އުފުލާލީ ހޮޅުދޫ އެވެ. އަދި މިއީ މި މުބާރާތް ހޮޅުދޫން ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ.