ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އަންނަ ހޮނިހިރު ދުވަހު ވަގުފު އިމާރާތް، "ދާރުލް އީމާން" ރަސްމީކޮށް ހުޅުވަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.
ދާރުލް އީމާން އަކީ ވަގުފު ފަންޑު މުއްސަނދި ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އަޅާފައިވާ 10 ބުރީގެ ވަގުފު އިމާރާތެވެ.
އިމާރާތް ހުޅުވުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރެ އެވެ. އެ ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް އެ ސަރަހައްދު ބަންދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެ އެވެ.
އަދި ލެޑް ލައިޓާއި ސްޕޮޓް ލައިޓް ބޭނުންކޮށްގެން އެ އިމާރާތް ދިއްލުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
މާފަންނު މަދަރުސާ އާއި ރާވެރިޔާ ރެސްޓޯރެންޓާ ދެމެދުގައި އޮންނަ ހުސް ބިމުގައި އިމާރާތްކޮށްފައިވާ "ދާރުލް އީމާން"ގެ އިމާރާތަކީ އެމްޓީސީސީއާ ހަވާލުކޮށްގެން 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފެށި މަސައްކަތެކެވެ. މިއީ ރާއްޖޭގައި އިމާރާތްކުރި އެފަދަ ފުރަތަމަ އިމާރާތެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ވަގުފު އިމާރާތުގެ މަސައްކަތް މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ އެއްކޮށް ނިންމާލާފަ އެވެ. އެ އިމާރާތަކީ 10 ބުރީގެ އިމާރާތެއް ނަމަވެސް ކުއްޔަށް ދޭން ނިންމާފައި ވަނީ ނުވަ ބުރިއެވެ.
ވަގުފު އިމާރާތް އަންނަ ހޮނިހިރު ދުވަހު ހުޅުވާއިރު އެ އިމާރާތުގެ ތިން ބުރިއެއް ފިނޭންސް މިނިސްޓްރީއަށް އަދި މޯލްޑިވިއަން އަށް ފަސް ބުރިއެއް ވަނީ ދޫކޮށްފަ އެވެ.
ބާކީ އިން ބުރި އެއްވެސް ފަރާތަކަށް އަދި ކުއްޔަށް ދޫކޮށްފައިނުވާ އިރު، އެތަން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފަ އެވެ.
އެގޮތުން، އެތަނަށް ކުރިމަތިލުމުގެ ފުރުސަތު ހަމައެކަނި ހުޅުވާލާފައި ވަނީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ އިތުރުން އިސްލާމިކް މިިނިސްޓްރީގެ މަސައްކަތްތަކާ ގުޅުން ހުރި މަސައްކަތްތައްކުރާ ފަރާތްތަކަށެވެ.
އެ އިމާރާތް ކުއްޔަށް ދީގެން އަހަރެއްގެ މައްޗަށް ވަގުފު ފަންޑަށް 5.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
މާލެއާއި ރަށްރަށުގައި މިސްކިތްތައް އިމާރާތްކޮށް މިހާރު ހުރި މިސްކިތްތައް މަރާމާތުކުރުމުގެ އިތުރުން ދީނީ އަދި އިޖުތިމާއީ ކަންތައްތަކަށް ހަރަދުކުރުމަށް ފައިސާ ހޯދަން އިސްލާމިކް މިނިސްޓްރީން ގާއިމްކޮށްފައިވާ ވަގުފު ފަންޑުގެ ތެރެއިން، އަތޮޅު ތެރޭގައި ވެސް ވަގުފު އިމާރާތްތަކެއް ގާއިމްކުރަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.