އޮފީސް މާހައުލުގައި ހަކަތަ އިގްތިޞާދުު ކުރުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުގެ އޮފީސްތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.
އެންވަޔަރަންމަންޓު މިނިސްޓްރީގައި މިއަދު ފެށި ބައްދަލުވުމުގައި ސަރުކާރުގެ 18 މުއައްސަސާއަކުން 30 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
އެ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖްވަދު މުސްތަފާ ވިދާޅުވީ، އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ އިމާރާތްތަކަށް ވެފައި ވަނީ ސަރުކާރުގެ އޮފީސްތައް ހުންނަ އިމާރާތްތައް ކަމަށާއި އެހެން ކަމުން ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް އިގްތިޞާދު ކުރަން ފަށަން ޖެހޭނީ ވެސް ސަރުކާރުގެ ތެރެއިން ކަމަށެވެ.
"އަޅުގަނޑުމެން ބެލި ބެލުންތަކުން، ކުރި ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ކަރަންޓް ބޭނުން ކުރާ އެއް ތަނަކަށް ވެފައި މިވަނީ ސަރުކާރުގެ އޮފީސްތައް ހުންނަ އިމާރާތްތައް. ސަރުކާރުގެ ތެރެއިން މިވާހަކަ ދައްކާއިރު، ސަރުކާރުގެ ތެރެއިން އެންމެ ފުރަތަމަ މިއަށް ހައްލެއް ހޯދުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މުހިއްމު ކަމެއް،" އަޖްވަދު ވިދާޅުވި އެވެ.
އޭނާގެ ވާހަކަފުޅުގައި އެ ވޯކްޝޮޕު ނިމިގެންދާއިރު، އެ ވޯކްޝޮޕުން ހާސިލް ކުރަން ބޭނުންވާ ކަންތައް ވޯކްޝޮޕުގެ ބައިވެރިންގެ ތެރެއިން ހާސިލްވެގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވިދާޅުވި އެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ވޯކްޝޮޕުގައި އޮފީސްތަކުން ހަކަތަ ހެޔޮގޮތުގައި ބޭނުން ކުރަމުންގެންދާ މަސައްކަތުގެ މައުލޫމާތު ހިއްސާ ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި އޮފީސް މާހައުލުގައި ހަކަތަ އިގްތިޞާދު ކުރުމާ ބެހޭ ޕްރެޒެންޓޭޝަނެއް ދެއްކުމަށް ވެސް ހަމަޖެހިފައިވެ އެވެ. އޭގެ އިތުރުން އޮފީސް މާހައުލުގައި ހަކަތަ ބޭނުން ކުރާ މިންވަރު މަދުކުރުމަށް ހުރި ފުރުސަތު ތަކާއި ހުރަސްތަކާ ބެހޭ ގޮތުން ބައިވެރިންނާ މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ.