ވޮބް އެވޯޑްސް އަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި

ވޮބް އެވޯޑްސް 2015 ގެ ތެރެއިން --- ފޮޓޯ/ ވޮބް ޖަމިއްޔާ

ވިމަން އޮން ބޯޑްސް (ވޮބް)ގެ އެނުއަލް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިި އެވެ.

މަސައްކަތުގެ ދާއިރާއިން ކުރިއަރާފައިވާ ފާހަގަކޮށްލެވޭ ހުނަރުވެރި އަންހެން ބޭފުޅުންގެ މަސައްކަތުގެ އަގުވަޒަންކޮށް އެބޭފުޅުންނަށް އިތުރު ހިތްވަރެއްދީ ބާރުވެރިކޮށްް އަދި ރާއްޖެ އާއި ބޭރު ދުނިޔޭގައި އެބޭފުޅުންގެ މަސައްކަތްތައް ފާހަގަ ކުރުމުގެ މަގުޞަދުގައި ވޮބް އިންދޭ އެ އެވޯޑު ތައާރަފް ކޮށްފައި ވަނީ 2015 ވަނަ އަހަރުގަ އެވެ.

ވޮބް އެނުއަލް އެވޯޑްސްގައި މިއަހަރު ވެސް ހަތް ދާއިރާއަކުން އެވޯޑު ދިނުމަށް ނިންމާފައިވާ ކަމަށް އެޖަމިއްޔާ އިން ބުނެ އެވެ. އެ ދާއިރާތަކަކީ:

  • ބެސްްޓް ކޯޕަރޭޓް ފޯ ޖެންޑާ ޑައިވާސިޓީ
  • ބެސްޓް ވުމަން ކޮމްޕެނީ ސެކްރެޓަރީ
  • ބެސްޓް ވުމަން މެނޭޖަރު
  • ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް
  • ބެސްޓް ވުމަން ސީއީއޯ އިން ޕަބްލިކް ސެކްޓާ
  • ބެސްޓް ވުމަން ސީއީއޯ އިން ޕްރައިވެޓް ސެކްޓާ
  • ބެސްޓް ވުމަން ޗެއާޕާސަން އިން ދަ ޕަބްލިކް ސެކްޓާ

މި އެވެ.

އެ އެވޯޑު ލިބޭ ފަރާތްތައް ހޮވުމަށް ޓަކައި ކަމަށް ގާބިލް މިނިވަން ޖަޖުންގެ ޕެނަލެއް އެކުލަވާލައިފާވާ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

ވޮބްސް އެވޯޑްސް އަށް ކުރިމަތިލުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ކުންފުނިތަކަށް ހުޅުވާލެވިފައިވާ އިރު، އެވޯޑްތަކަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް އެޖަމިއްޔާގެ ވެބްސައިޓުންނާއި އެ ޖަމިއްޔާގެ އޮފީސް މ. ވެސްޓްއެންޑްގެ ތިންވަނަ ފަންގިފިލާއިން ލިބެން ހުންނާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

އެ ޖަމިއްޔާ އިން ބުނީ އަންހެން ބޭފުޅުންގެ ކުރިއެރުވުމަށް ބާރު އަޅައި މަސައްކަތް ކުރަން ޖެހޭ ގިނަ ސަބަބުތަކެއްވާ ކަމަށެވެ. އެގޮތުން ގައުމުގެ ފަގީރުކަން ނައްތާލައި އިގްތިޞާދީ ގޮތުން ކުރިއަރުވައި އަދި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން ހިމެނޭ ކަމަށެވެ. އަދި ކޮންމެ އަންހެން ބޭފުޅަކީ ވެސް މުޖުތަަމައުއަށް ބޭނުންތެރި ބޭފުޅަކަށް ހެދުމާއި އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައިވާ ތަފާތު ކުރުން ނައްތާލުން ހިމެނޭ ކަމަށް އެޖަމިއްޔާ އިން ބުނެ އެވެ.

މިދިޔަ އަހަރުގެ އެއެވޯޑު ވަނީ ހަތް ދާއިރާއަކުން 11 އަންހެން ބޭފުޅުން ހާސިލްކޮށްފަ އެވެ.

comment ކޮމެންޓް