އާއިލާ ރޭވުމަށާއި ދަރިމައިވުމުގެ ދޭތެރެދުރުކުރުމަށް އެންމެ އާންމުކޮށް ބޭނުންކުރާ އެއް ވަސީލަތަކީ އެކަމަށް ޚާއްޞަ ބޭސްތައް ކަމުގައި ވީނަމަވެސް، މިފަދަ ބޭހެއް ބޭނުންކުރަން ފެށުމުގެ ކުރިން އޭގެ ފައިދާ އާއި ހަށިގަނޑަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ދެނެގަތުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
އިންޑިއާގެ މުމްބާއީގެ މަޝްހޫރު ސައިފީ ހޮސްޕިޓަލުގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު ޑރ. ނިދީ ޝަރުމާ ޗައުހާން ފާހަގަކުރައްވާ ގޮތުގައި، މިފަދަ ފަރުވާއެއް ފެށުމުގެ ކުރިން އެއީ އަމިއްލަ ސިއްހަތަށް ރައްކާތެރި އެއްޗެއްކަން ކަށަވަރުކުރުމާއި، ސިއްހީ ގޮތުން ފެނިދާނެ ނުރައްކަލުގެ އިންޒާރުގެ ނިޝާންތަކަށް ހޭލުންތެރިވުމަކީ ކޮންމެ އަންހެނަކުވެސް އެންމެ އިސްކަންދޭންޖެހޭ އެއް ކަންތަކެވެ.
ދޭތެރެދުރުކުރާނެ ވަސީލަތެއް ކަނޑައެޅުމަށްޓަކައި ޑޮކްޓަރެއްގެ އިރުޝާދު ހޯދާއިރު، އެންމެ އެކަށޭނަ ގޮތެއް ނިންމުމަށް ގިނަ ކަންތައްތަކަކަށް ރިޢާޔަތްކުރަންޖެހެއެވެ. އެގޮތުން އަންހެނާގެ ޢުމުރާއި، ކުދިން ވިހާފައިވާ މިންވަރާއި، މިހާރުގެ ޖުމްލަ ސިއްހީ ހާލަތުގެ އިތުރުން ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުންދޭތޯ ބެލުން ހިމެނެއެވެ. މީގެއިތުރުން ހަށިގަނޑުގައި ލޭގަނޑުވުމުގެ މައްސަލަތަކާއި، ލޭ އައުން ނުހުއްޓޭ ބަލިތައް، ނުވަތަ ކެންސަރު ފަދަ ނުރައްކާތެރި ބައްޔެއް ހުރިތޯ ބެލުން ނުވަތަ އާއިލާގެ ތެރޭގައި ހުރިތޯ ބެލުމަކީ ވެސް އެ މީހަކާ އެންމެ ގުޅޭ ވަސީލަތެއް އިޚްތިޔާރުކުރުމަށްޓަކައި ޑޮކްޓަރަށް ކޮންމެހެން އެނގެންޖެހޭ މައުލޫމާތުތަކެކެވެ.
ބޭސް ބޭނުންކުރަމުންދާއިރު ހަދާ ޓެސްޓުތަކުން ފުރަމޭގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރެއް ފާހަގަކުރެވިއްޖެނަމަ، ވަގުތުން ބޭސް ބޭނުންކުރުން ހުއްޓާލުމަށް ޑޮކްޓަރުން ލަފާދެއްވާ-- ފޮޓޯ/ ހިންދުންސްތާން ޓައިމްސްދަރިމައިވުން ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ހޯމޯނަލް ވަސީލަތްތަކުގެ ތެރޭގައި އެސްޓްރޮޖެން އަދި ޕްރޮޖެސްޓްރޯން އެކުލެވޭ ބާވަތްތަކުގެ އިތުރުން ހަމައެކަނި ޕްރޮޖެސްޓްރޯން ހިމެނޭ ބާވަތްތައް ހިމެނެއެވެ. ކޮންމެ މީހަކަށްވެސް އެންމެ އެކަށޭނަ ބާވަތެއް ޚިޔާރުކުރެވެނީ އެމީހެއްގެ ޞިއްޙީ ޙާލަތަށާއި އިސްކަންދޭ ކަންކަމަށް ރިޢާޔަތްކުރުމަށްފަހުގައެވެ.
މިފަދަ ބޭސްތައް ހަށިގަނޑަށް އެތެރެވުމަށްފަހު އެންމެ ފުރަތަމަ ފުރަމެއިން މެޓަބޮލައިޒްވާތީ، ހަށިގަނޑުގެ ހޯމޯން މިންވަރަށާއި ލޭގައި ހުންނަ ސަރުބީ ނުވަތަ ލިޕިޑް ޕްރޮފައިލަށް ބަދަލުތަކެއް އައުމުގެ ފުރުޞަތު އޮވެއެވެ. އެހެންކަމުން ބޭސް ފެށުމުގެ ކުރިން ފުރަމޭގެ މަސައްކަތް ބަލާ ޓެސްޓުތަކާއި ލިޕިޑް ޕްރޮފައިލް ހެދުމަށް ޑޮކްޓަރުން އިރުޝާދުދެއެވެ. އަދި ބޭސް ބޭނުންކުރަމުންދާއިރު ހަދާ ޓެސްޓުތަކުން ފުރަމޭގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރެއް ފާހަގަކުރެވިއްޖެނަމަ، ވަގުތުން ބޭސް ބޭނުންކުރުން ހުއްޓާލުމަށް ލަފާދެއެވެ.
ސިއްހީ ގޮތުން ބަލާއިރު ބައެއް ހާލަތްތަކުގައި މިފަދަ ބޭސްތައް ބޭނުންކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ 'މެޑިކަލް އެލިޖިބިލިޓީ ކްރައިޓީރިއާ'ގައި އަންހެނުން ވަނީ ހަތަރު ގިންތިއަކަށް ބަހާލާފައެވެ. އޭގެ ތެރެއިން އެއްވެސް ހުރަހެއް ނެތި ފުރިހަމަ ރައްކާތެރިކަމާއެކު ބޭސް ބޭނުންކުރެވޭނީ ފުރަތަމަ ގިންތީގައި ހިމެނޭ ފަރާތްތަކަށެވެ. އަދި އޭގެ އިދިކޮޅަށް ހަތަރުވަނަ ގިންތީގައި ހިމެނޭ ފަރާތްތަކަކީ ސިއްހީ ބޮޑެތި ނުރައްކާތައް ހުރުމުގެ ސަބަބުން މިފަދަ ބޭސް އެއްގޮތަކަށްވެސް ބޭނުންކޮށްގެން ނުވާނެ ފަރާތްތަކެވެ. އޭގެ ތެރޭގައި ފުރަމޭގެ ބަލިތަކާއި، ލޭ އައުން ނުހުއްޓޭ މައްސަލަތައް ނުވަތަ ލޭގަނޑުވުމުގެ ސީރިއަސް މައްސަލަތައް ހުންނަ ފަރާތްތައް ހިމެނެއެވެ.
ދޭތެރެދުރުކުރާނެ ވަސީލަތެއް ކަނޑައަޅާއިރު ދިރިއުޅުމުގެ އާދަކާދަ އާއި އަމިއްލަ ފަސޭހައަށް ރިޢާޔަތްކުރުމަކީ ވެސް މުހިންމު ކަމެކެވެ. އެގޮތުން ކޮންމެ ދުވަހަކު ގަވާއިދުން ބޭސްގުޅަ ކެއުމަކީ ބައެއް ބޭފުޅުންނަށް ދަތި ކަމަކަށް ވުމާއި، ބޭސް ބޭނުންކުރުމުން ދިމާވާ މޭނުބައިކުރުން ފަދަ އުނދަގޫތައް ގިނަ ދުވަހަށް ދެމިގެންދާ ހާލަތްތައް މެދުވެރިވެއެވެ. މިފަދަ ހާލަތްތަކުގައި ގުޅަ ބޭހުގެ ބަދަލުގައި ރަހިމަށް ލައްވާ ހޯމޯނަލް އިންޓްރާއުޓަރައިން ޑިވައިސް (އައިޔޫޑީ) ނުވަތަ ހޯމޯން ނުހިމެނޭ އައިޔޫޑީއެއް ޚިޔާރުކުރުމަކީ މާ ފަސޭހަ އަދި އެކަށޭނަ ހައްލަކަށް ވެދާނެއެވެ.
ގަޑިން ގަޑިއަށް ބޭސް ނުކެވި ދޫވެއްޖެނަމަ ދަރިމައިވުމުން ދުރުކޮށްދޭ މިންވަރު ދަށްވެގެންދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ-- ފޮޓޯ/ ހިންދުންސްތާން ޓައިމްސްހޯމޯނަލް ކޮންޓްރަސެޕްޓިވްސް ބޭނުންކުރުމަކީ ބައެއް ހާލަތްތަކުގައި ލޭހޮޅިތަކުގައި ލޭގަނޑުވުމުގެ ފުރުސަތު އިތުރުކުރާ އެއްޗަކަށް ވާތީ، ސިއްހީ ގޮތުން ކުއްލި ފަރުވާ ބޭނުންވާ އަލާމާތްތަކަށް އަބަދުވެސް ސަމާލުވާންޖެހެއެވެ. އެގޮތުން މޭގައި ރިއްސުން، ނޭވާލާން އުނދަގޫވުން، ބަނޑުގައި ގަދައަށް ރިއްސުން، އާދަޔާ ޚިލާފަށް ބޮލުގައި ރިއްސުން، ލޮލުގެ ފެނުން ފުސްވުން، އަދި ފައިގެ ކުޑަކަޅުވާ ދުޅަވެ ރަތްވެ ތަދުވުން ފަދަ ކަމެއް ދިމާވެއްޖެނަމަ ވަގުތުން ބޭސް ބޭނުންކުރުން ހުއްޓާލައި ލަސްނުކޮށް ޑޮކްޓަރެއްގެ ފަރުވާ ހޯދަންވާނެއެވެ.
މީގެއިތުރުން ބޭސް ބޭނުންކުރުމުގައި އެންމެ މުހިންމު އަނެއް ކަމަކީ ގަޑިން ގަޑިއަށް ބޭސް ބޭނުންކުރުމެވެ. ސަބަބަކީ ބޭސްގުޅައެއް ނުކެވި ދޫވެއްޖެނަމަ ދަރިމައިވުމުން ދުރުކޮށްދޭ މިންވަރު ދަށްވެގެންދާތީއެވެ. އަދި ބޭސް ނުކެވިއްގެ ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅު ބިނާވާނީ އެ މަހެއްގެ މައްސަރުގެ ދުވަސްވަރުގެ ކޮން ހަފުތާއެއްގައި ވީ ކަމެއްގެ މައްޗަށް ކަމަށްވާތީ، އެފަދަ ހާލަތްތަކުގައިވެސް ޑޮކްޓަރެއްގެ ލަފާ އަވަހަށް ހޯދުމަކީ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.