ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި އުކާލި ފުޅިތައް ހޮވައި އެ ފުޅިތައް ރިސައިކަލް ކުރުމަށް، ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ޕާލޭ ފޮ ދަ އޯޝަން"އާ ހަވާލުކޮށްފި އެވެ.
ދިރާގުން އިއްޔެ ބުނީ، މިދިޔަ ނޮވެމްބަރު މަހު 11 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވި ދިރާރު މޯލްޑިވްސް ރޯޑް ރޭހުގައި އެކި ތަންތަނަށް އުކާލާފައި ހުރި ފުޅިތައް ހޮވައި އެ ތަކެތި ޕާލޭ އަށް ހަވާލު ކުރުމަށް، ބައޯޑައިވާސިޓީ އެޑިއުކޭޝަން އެންޑް އެވެއާނެސް މޯލްޑިވްސް (ބީމް)އާ ހަވާލުކޮށްފައިވާ ކަމަށެވެ.
ތިމާވެށި ހިމާޔަތްކުރުމުގައި މަސައްކަތްކުރާ ބީމް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އުކާލާ ޕްލާސްޓިކް ފުޅި ރިސައިކަލް ކުރުމަށް ޓަކައި ޖަރުމަނުގެ މަޝްހޫރު ޑިޒައިިން ކުންފުނި، އެޑިޑާސްއަށް ފޮނުވާ އަމިއްލަ ޖަމިއްޔާއެކެވެ.
އެގޮތުން އެ ޖަމިއްޔާ އިން ވަނީ ގެސްޓްހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ މާފުށިން އުކާލާ ޕްލާސްޓިކް ފުޅި ރިސައިކަލް ކުރުމަށް އެ ރަށުގައި ހިންގާ އެންމެ ބޮޑު ގެސްޓްހައުސް، ކާނި ހޮޓެލްއާ އެކު ވެސް އެއްބަސްވެފަ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ ދިރާގުން އަންނަނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ތިމާވެށި ހިމާޔަތްކުރުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ.
އެގޮތުން، މި އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ދިރާގުން ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅައި އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ޓަކައި "ފޯ ދަ އޯޝަންސް"ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށައިފަ އެވެ.
އެ ކެމްޕެއިނުގެ ދަށުން ދިރާގުގެ މުވައްޒަފުން ވަނީ އެއްފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލާ ޕްލާސްޓިކް ފެންފުޅި ބޭނުންކުރުން ހުއްޓާލުމަށް ފެން ކޫލަރު ބަހައްޓައި، ގިނަ ފަހަރު ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ފެންފުޅިއެއް ބޭނުންކުރަން ފަށައިފަ އެވެ.
އޭގެ އިތުރުން، ބާޒާރަށް ދާއިރު ބޭނުން ކުރުމަށް ގިނަ ދުވަހު ބޭނުން ކުރެވޭ ފަސޭހައިން ގެންގުޅޭ ކޮތަޅެއް ވެސް ދިރާގުން ވަނީ ތައާރަފްކޮށް، ޕްލާސްޓިކް ކޮތަޅުންވާ ގެއްލުމަށް ދިރާގުގެ މުވައްޒަފުންނާއި ސްކޫލު ކުދިން ހޭލުންތެރިކުރުވުމަށް ނިންމައިފަ އެވެ.
ދިރާގުން ހޮވި ފުޅިތައް ރިސައިކަލް ކުރުމަށް ފޮނުވި ޕާލޭ އާއި އެޑިޑާސް އިން އަންނަނީ ރާއްޖޭން އުކާލާ ޕްލާސްޓިކް ބޭނުންކޮށްގެން ތިމާވެއްޓާ ރައްޓެހި ބޫޓެއް ވެސް އުފައްދައި ބާޒާރަށް ނެރެން ތައްޔާރުވަމުންނެވެ.