މޯބައިލް ކޮމާސްއަށް އިންގިލާބު ގެނައި އެވްރީތިން ރެޑަށް ކާމިޔާބު އެއް އަހަރު

އެވްރީތިން ރެޑްގެ މުވައްޒަފުންގެ ޓީމެއް --

ޓެކްނޮލޮޖީއާ ވަރަށް ރަހުމަތްތެރި ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ދިވެހިރާއްޖޭގައި، ފޯނު މެދުވެރިކޮށް ރެސްޓޯރަންޓްތަކަށް ގުޅައިގެން ކާބޯތަކެއްޗަށް އޯޑަރު ދޭ ދިނުމަށް، ދެމެހެއްޓެނެވި ނިމުމެއް ގެނެސްދިނީ ފުޑްހަބް ކިޔާ މޯބައިލް އެޕްލިކޭޝަނަކުންނެވެ. މި ޕޯޓަލްއާ އެކު ލަހެއް ނުވެ، ފުޑް ޑެލިވަރީ އޮންލައިން ޕޯޓަލްގެ ވިޔަފާރީގެ ވާދަވެރިން އުފެދި، ކުޑަވަރެއްގެ މާކެޓެއް ވަނީ އުފަންވެފައެވެ.

ދެހާސް ފަނަރަވަނަ އަހަރުގެ ކުރީކޮޅު ތައާރަފުވެ، އަދި ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފުޑްހަބްގެ ބެލެނިވެރި ކުންފުންޏަކީ "އެވްރީތިން ރެޑް"އެވެ. މި ކުންފުނީގެ ފުރަތަމަ އަހަރީ ދުވަސް މިއަދު ފާހަގަކުރަނީ، ވިޔަފާރީގެ ފުރަތަމަ އަހަރު ތެރޭގައި ހޯދާފައިވާ ލައްކަ ގިނަ ކާމިޔާބީތަކާ އެކުގައެވެ.

ރާއްޖޭގެ މޯބައިލް ކޮމާސް ދާއިރާއަށް އިންގިލާބެއް ގެނައުމަށް ނުކުތް އެވްރީތިން ރެޑުން މި ދަނީ އެކަން ކާމިޔާބު ކޮށް، އެ ކާމިޔާބީ ދަމަހައްޓަމުންނެވެ. މަގުބޫލު ފުޑްހަބް އެޕްލިކޭޝަން މާލޭގައި ފަށައި، މާލެ އޭރިއާއަށާއި އައްޑޫ ސިޓީއަށް ވެސް ފުޅާކޮށް، މިހާރު ވަނީ އަވަށްޓެރި ސްރީލަންކާގެ ކޮލޮމްބޯއާ ހަމައަށް ގޮސް، އެތަނުގައި ވެސް ޚިދުމަތް ދެމުންނެވެ.

ފުޑްހަބްއަކީ އެވްރީތިން ރެޑްގެ އެންމެ ފުރަތަމަ، އެންމެ މަގުބޫލު އުފެއްދުން --

އެވްރީތިން ރެޑުގެ ހަމައެކަނި އުފެއްދުމަކީ ފުޑްހަބެއް ނޫނެވެ. ސިއްހީ ދާއިރާއަށް ވެސް ޚާއްސަކޮށް، ދިވެހީންނަށް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި "ޑޮކް ޑޮޓް އެމްވީ"ގެ ނަމުގައި އެޕްއެއް މިއަހަރުގެ އޮކްޓޫބަރު މަހު ވަނީ ތައާރަފު ކޮށްފައެވެ. މި އެޕްގެ ޒަރިއްޔާއިން، ރާއްޖެއާއި ސްރީލަންކާގެ ހޮސްޕިޓަލުތަކުގެ ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ހަދައި، ޑޮކްޓަރުންގެ ޑިއުޓީ ބެލުމާއި ކިޔޫ ނަމްބަރު ބެލުން ފަދަ ކަންކަން ކުރެވެއެވެ.

ޑޮކް ޑޮޓް އެމްވީގައި ސްރީލަންކާގެ ގިނަ ހޮސްޕިޓަލުތަކެއްގެ މައުލޫމާތު ލިބި، އެޕޮއިންޓްމެންޓް ހެއްދޭނެއެވެ. ކޮލޮމްބޯގެ ނަން މަޝްހޫރު ބައެއް ހޮސްޕިޓަލްތައް ކަމުގައިވާ އާސިރި ހޮސްޕިޓަލް، ނައިންވެލްސް ހޮސްޕިޓަލް، ޑާޑަންސް ހޮސްޕިޓަލް އަދި ނަވަލޯކަ ހޮސްޕިޓަލްގެ އިތުރުން ކޮލޮމްބޯގެ ރަށް ބޭރާއި، ގަމްޕަހަ އަދި ރަތުނަޕޫރަ ފަދަ އެހެނިހެން އަވަށްތަކުގެ ހޮސްޕިޓަލުތައް ވެސް ޑޮކް ޑޮޓް އެމްވީގައި ހިމެނެއެވެ.

ފުޑް ޑެލިވަރީއާއި ހެލްތުކެއާގެ ދާއިރާއަށް މޯބައިލް ކޮމާސްގެ ބޮޑެތި އިންގިލާބުތަކެއް އެވްރީތިން ރެޑުން އެކުންފުނީގެ ފުރަތަމަ އަހަރު ގެނެސްފިއެވެ. އެކުންފުނީގެ ދެވަނަ އަހަރަށް ކުރިމަތިލަނީ ދިވެހިރާއްޖެ، އަދަށްވުރެ ފަހި މާދަމައަށް ގެންގޮސްދިނުމަށްޓަކައި "މޯލްޑިވްސް ޓުމޯރޯ"ގެ ޝިއާރާ އެކުގައެވެ.

ޑޮކް ޑޮޓް އެމްވީ: ރާއްޖެއާއި ލަންކާގެ ގިނަ ހޮސްޕިޓަލްތަކަކާ ގުޅުވައިދޭ އެޕްލިކޭޝަނެއް --

އެކުންފުނީގެ ދެވަނަ އަހަރުގެ ތެރޭގައި އެވްރީތިން ރެޑުން ދަނީ އިތުރު ތިން އެޕްލިކޭޝަނެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެއް އެޕްއަކީ، އިންޓަނެޓު މެދުވެރިކޮށް ރާއްޖޭގައި ޚަބަރު ފަތުރާ ވަސީލަތްތަކުން ފޯރުކޮށްދޭ މުހިންމު ޚަބަރުތައް، މޯބައިލް އެޕްލިކޭޝަނެއްގެ ޒަރިއްޔާއިން ކިޔުންތެރިޔާއަށް ފޯރުކޮށްދޭ، "ޓްރެންޑިން ރެޑް" އެޕްއެވެ.

އެވްރީތިން ރެޑުގެ އިސްވެރީންގެ ގޮތުގައި ހަރަކާތްތެރިވަނީ މޯބައިލް ކޮމާސްގެ ވިޔަފާރި އެހެން ހަރުފަތަކަށް ގެންގޮސްދިނުމަށް ރާއްޖޭގައި ތިބި، އެންމެ ކަމުވޮށިގެންވާ ބައެއް ފަރާތްތަކެވެ. ޒުވާން ޓީމެއް ބިނާކޮށް، އެވްރީތިން ރެޑުގެ އިސްވެރީން ގެންދަވަނީ އެތައް ޚިދުމަތެއް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތަށް މަގުފަހި ކޮށްދެމުންނެވެ.

އެވްރީތިން ރެޑުން ވަނީ "ޓްރެންޑިން ރެޑް"ގެ ނަމުގައި ނިއުސް ޕޯޓަލް އެޕްއެއް ތައާރަފުކުރަން ތައްޔާރުވެފައި ---

"އަޅުގަނޑު ފަޚުރުވެރިވަން ފަންނުވެރި، ޒުވާން ދިވެހި ޓީމެއް ބިނާކޮށް، މިއަދަށް ވުރެ ރަނގަޅު މާދަމާއަކަށް ރާއްޖެ ގެންދެވޭތީ. މާދަމާގެ ދިވެހިރާއްޖެ ބިނާކޮށް، ޑިޖިޓަލް ދިވެހިރާއްޖެއެއް ހޯދުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" އެވްރީތިން ރެޑުގެ ސީއޯއޯ މުހައްމަދު ރިފާއު ވިދާޅުވިއެވެ.

ދިރާސާތައް ފުރިހަމަކޮށް، ޑިޖިޓަލް މާކެޓިންގްއާއި ޑިޖިޓަލް ކޮމިއުނިކޭޝަންގެ އިތުރުން މޯބައިލް ވެލިއު އެޑެޑް ސާވިސް އަދި މޯބައިލް ކޮމާސް ފަދަ ދާއިރާތަކަށް ފޯކަސްކުރާ އެވްރީތިން ރެޑްގެ އަމާޒަކީ ދުނިޔޭގެ އެންމެންނާ ވެސް ގުޅުވައިދޭނެ އެޕްލިކޭޝަންތަކެއް އުފެއްދުމެވެ. އަދި ރާއްޖޭގެ ގާތްގަނޑަކަށް 199 ރަށުގައި އުޅޭ ހަތަރު ލައްކައެއްހާ ރައްޔިތުން، އެކަކު އަނެކަކާ ގުޅުވައިދިނުމެވެ.

މި އަމާޒަށް އެވްރީތިން ރެޑުން ވާސިލުވާނެކަމާ މެދު ޝައްކެއް ނެތެވެ. ސަބަބަކީ، ޓެކްނޮލޮޖީގެ ދިރާސީ، ފަންނުވެރި މަސައްކަތްތައް އެކުންފުނީގެ ޒުވާން ޓީމުން ކުރަމުންދަނީ އެހާވެސް ފުރިހަމަކޮށެވެ.

comment ކޮމެންޓް