ބްރިޖު ބަލަން ޕްލެޓްފޯމަކާ އެކު މާލޭ އިރު ދެކުނަށް ހިތްގައިމު ބަދަލެއް!

ބްރިޖު ވިއުއިންގް ޕްލެޓްފޯމް ނިމުމުން އެސަރަހައްދު ހުންނާނެ ގޮތުގެ ނަމޫނާ --

މާލެއާ ހުޅުލެއާ ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރިއަށްދާއިރު އެ މަންޒަރުތައް ބަލައިލެވޭނޭ ގޮތަށް، ރާޅުގަނޑު ސަރަހައްދުގައި "ބްރިޖު ވިއުއިންގް ޕްލެޓްފޯމެއް" އަޅާ ވާހަކައާ އެކު ގިނަ ބަޔަކު ދިޔައީ ރަތަށެވެ. އެއާ ގުޅުވައިގެން ހަޖޫ ޖެހި މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.

އެހެން ނަމަވެސް ފާޑު ކިޔުންތަކަށް ބެލުމެއް ނެތި އެމަސައްކަތްވެސް ދަނީ ކުރިޔަށެވެ. ސަބަބަކީ، އެތަނުގެ ޕްލޭނުގެ ފުރިހަމަކަމާއި، އެތަނަށް ކުރާ އުންމީދުތަކުގެ ބޮޑުކަމެވެ.

ބްރިޖުގެ މަސައްކަތް ކުރިޔަށް ދާ ގޮތް ބެލޭނެ ގޮތަށް މާލޭގެ އިރު އުތުރުން، ހެންވޭރު ބޮޑުތަކުރުފާނުމަގުގައި ޓަސްކަލޫސާ ކުރިމަތިން ބްރިޖު ވިއުއިންގް ޕްލެޓްފޯމެއް އެޅުމަށް ހައުސިންގް މިނިސްޓްރީން ހަވާލުކޮށްފައިވަނީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނިން ވަނީ، ބްރިޖު ވިއުއިންގް ޕްލެޓްފޯމު ހަދާ ސަރަހައްދަށް ވަދެ، އެތަނުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބަލާލުމުގެ ފުރުސަތު "ސަން" އަށް ދީފައެވެ.

ބްރިޖު ބަލާ ޕްލެޓްފޯމް ގާއިމުކުރާ ސައިޓު: ޕްލެޓްފޯމް ބަހައްޓާ ފައުންޑޭޝަންގެ މަސައްކަތް ވަނީ ނިމިފައި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސްޓްރާޑާއިން މައުލޫމާތު ދޭ ގޮތުގައި، އެތަނުގެ މަސައްކަތުގެ 70 ޕަސަންޓު ވަނީ ނިމިފައެވެ. މި ފެށޭ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު، ނުވަތަ ފެބްރުއަރީ މަހުގެ ކުރީކޮޅު ހުޅުވޭނެއެވެ.

ޕްލެޓްފޯމް ސަރަހައްދުގައި މައިގަނޑު ތިން ސްޓްރަކްޗާއެއް ހުންނާނެއެވެ. އެއީ ބްރިޖު ބަލާ ޕްލެޓްފޯމާއި، ކުޑަކުދިން ކުޅުމަށް ހަދާ އިންޑޯ ޕާކަކާއި، އަދި ސްޓްރާޑާއިން ހިންގާ ނިއުޕޯޓުގެ އާ ރެސްޓޯރަންޓެކެވެ. އެ ސަރަހައްދު މުޅިން ތަރައްގީކުރަނީ ބިންމަތީގައި ގްރެނައިޓް ޖަހައިގެންނެވެ.

ޕްލެޓްފޯމާ އެކު، މާލޭގައި ބެހެއްޓޭނެ އެންމެ ބޮޑު ފަންކާވެސް

ސްޓްރާޑާގެ މެނޭޖިންގް ޑިރެކްޓަރ ޒާހިދު ރަމީޒް ވިދާޅުވި ގޮތުގައި، 350 މީހުންގެ ޖާހައިގެ، ބްރިޖު ވިއުއިންގް ޕްލެޓްފޯމް އަޅަނީ 11 ލެވެލްއަށް ހުންނަ ސިޑިއެއް ގޮތަށެވެ. ޗައިނާއިން ޕްރީފެބްރިކޭޓްކޮށް ތައްޔާރުކޮށްގެން ގެނެސް، ރާވައިގެން ހަދާ ޕްލެޓްފޯމުގައި، ދެ ދުރުމި ހަރުކުރާނެއެވެ.

ޒާހިދު ވިދާޅުވީ ޕްލެޓްފޯމްގައި ބަހައްޓާ ދުރުމިތަކަކީ، ފްރާންސްގެ ޕެރިހުގައި، އެއިފެލް ޓަވަރުގައި ހުންނަ ކަހަލަ ދުރުމިތަކެއް ކަމަށެވެ.

ޕްލެޓްފޯމް ހުންނާނީ، އޭގެ ރޫފް ނުވަތަ ފުރާޅާ އެކު ބޮޑު ސަރަހައްދެއް ހިޔާވާ ގޮތަށެވެ. އެއީ ވިއްސާރަ ވެއްޖެ ނަމަ ބޮޑު ސަރަހައްދަކަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ.

ޒާހިދު ވިދާޅުވި ގޮތުގައި، ޕްލެޓްފޯމުގައި، 20 ފޫޓުގެ ބޮޑު، ދެ ފަންކާ ހަރުކުރެވޭނެއެވެ. އެމެރިކާގެ "ބިގް އޭސް ފޭންސް"އިން ގެންނަ މި ދެ ފަންކަލަކީ މިހާތަނަށް މަލޭގައި ގެނެސް، ބޭނުންކުރެވޭނެ އެންމެ ބޮޑު ދެ ފަންކަލެވެ.

ބްރިޖު ވިއުއިންގް ޕްލެޓްފޯމް ނިމުމުން އެސަރަހައްދު ހުންނާނެ ގޮތުގެ ނަމޫނާ --

ސްޓްރާޑާއިން ހިންގާ އެހެނިހެން ތަންތަނުގައި ވެސް ފަންކަލަކީ ތަފާތު އެއްޗެކެވެ. އެގޮތުން، ސްޓްރާޑާއިން މާލޭގައި ހިންގާ، އިންޑިއާގެ ފްރޯޒަން ޔޯގަޓް ޗެއިން ކޮކޯބެރީގެ ކެފޭގައިވެސް 14 ފޫޓުގެ ބޮޑު ފަންކަލެއް ހަރުކޮށްފައިވެއެވެ.

ޒާހިދު ވިދާޅުވީ، ޕްލެޓްފޯމުގެ ފައުންޑޭޝަން މިހާރު އަޅާފައިވާ އިރު، ދެން ކުރަންޖެހޭ މަސައްކަތަކީ ޕްލެޓްފޯމްގެ ޕްރީފެބްރިކޭޓެޑް ބައިތައް މާލެ ގެނައުމުން އެތަކެތި ގެނެސް މައުންޓްކޮށް، ރޭވުން ކަމަށެވެ.

އިންޑޯ ޕްލޭ އޭރިއާ: ކުޑަކުދީންނަށް ބޮޑު ހަދިޔާއެއް

24 ގަޑިއިރު، ތިން ޝިފްޓަކަށް ބެހިގެން މަސައްކަތްތެރީން އެސަރަހައްދުގެ މަސައްކަތްތައް ކުރިޔަށް ގެންދާ އިރު، ކުޑަކުދީންނަށް ކުޅެވޭނެ އިންތިޒާމުތަކާ އެކު އިންޑޯ ޕްލޭ އޭރިއޭއް، ޕްލެޓްފޯމާ ޖެހިގެން ހަދަމުން ދެއެވެ. މިއީ މި މަޝްރޫއުގެ އިޖްތިމާއީ ޒިންމާގެ ބައެވެ.

ޕްލެޓްފޯމާ ޖެހިގެން ކަހަލަ ގޮތަކަށް އިންޑޯ ޕާކުގެ އިމާރާތް ހަދާ ނިންމާފައިވާ އިރު، ސްޓްރާޑާއިން މައުލޫމާތު ދޭ ގޮތުގައި ދެން ޖެހޭނީ އެތަނުގައި ގާއިމުކުރަންޖެހޭ ކުޅޭ ސާމާނު މާލެ އައުމުން އެތަކެތި ރާވައި، އިންސްޓޯލް ކުރާށެވެ.

ބްރިޖު ބަލާ ޕްލެޓްފޯމާ ޖެހިގެން ކުޑަކުދިން ކުޅުމަށް ޚާއްސަކޮށްގެން ހަދާ އިންޑޯ ޕްލޭ އޭރިއާގެ އިމާރާތް: އެތަނުގެ 80 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށް ސްޓްރާޑާއިން ބުނޭ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

"ކުޑަކުދީން ކުޅޭ ތަނުގައި ފުދޭވަރަކަށް އެކްޓިވިޓީޒް ހުންނާނެ. މަލްޓި ފަންކްޝަނަލް ޕާކެއް އެއީ. ސީސޯ ކަހަލަ އެއްޗެއްސާއި، ކުޑަކުދިން ކުޅުމަށް ބޯލް ޕިޓަކާ، އެކަހަލަ އެއްޗެހި ހުންނާނެ،" ޒާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން އެ ސަރަހައްދުގެ ބޭރުގައި ގްރެނައިޓް ޖަހާފައިވާ އިރު، ކުޑަކުދީން ކުޅުމަށްޓަކައި ދުއްވޭނެ އެނިމަލް ރައިޑްސް އަދި ކާރު ފަދަ، ކޮއިން އޮޕަރޭޓެޑް، ރީޗާޖަބަލް ރައިޑްސްވެސް އެތަނަށް ގެނެވޭނެއެވެ.

ނިއުޕޯޓު އަދި މަޝްހޫރު ޗާޓައިމް!

ފުޑް އައުޓްލެޓްތަކެއް ހުޅުވުމަކީ އެ ބިން ކުއްޔަށް ނެގި ފަރާތަކުން ބްރިޖު ވިއުއިންގް ޕްލެޓްފޯމް ގާއިމުކުރުމާ އެސަރަހައްދުގައި ކުރަންޖެހޭ ކަމެކެވެ.

ސްޓްރާޑާއިން ނިންމީ އެ ކުންފުނިން މާލޭގައި ހިންގާ ނިއުޕޯޓްގެ ބޮޑު ރެސްޓޯރަންޓެއް އެތަނުގައި ހުޅުވާށެވެ. ނިއުޕޯޓަކީ މިހާރުވެސް އާންމުންނާއި، ފަތުރުވެރީންގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ރެސްޓޯރަންޓެކެވެ.

ބްރިޖު ވިއުއިންގް ޕްލެޓްފޯމް ސަރަހައްދުގައި ނިއުޕޯޓުގެ ރެސްޓޯރަންޓް ހުންނާނެ ގޮތުގެ ނަމޫނާ -0

300 މީހުންގެ ޖާގައާ އެކު އެތަނުގައި ހުޅުވާ ނިއުޕޯޓު ރެސްޓޯރަންޓު ހުންނާނީ، ކުޑަކުދިން ކުޅޭ އިންޑޯ ޕްލޭ އޭރިއާއާ ޖެހިގެންނެވެ. ޕްލޭ އޭރިއާ ބޮޑުކުރުމަށްޓަކައި، ނިއުޕޯޓަށް ޚާއްސަކުރި ބިމުން ބައެއް ވަނީ ދޫ ވެސް ކޮށްލައިފައެވެ.

ޒާހިދު ވިދާޅުވި ގޮތުގައި އެތަނުގައި ހަދާ ނިއުޕޯޓު ހުންނާނީ އޯޕަން އެއާކޮށެވެ. އެއް ބުރިއަށް ހުންނަ އެ އިމާރާތުގައި، ކޮންމެ ދުވަހަކުވެސް ހެނދުނުގެ ނާސްތާ، މެންދުރުގެ ކެއުން، ހަވީރުގެ ސައި އަދި ރޭގަނޑުގެ ކެއުމަށް ބުފޭ ތައްޔާރުކޮށްފައި ހުންނާނެއެވެ.

ރާޅުގަނޑާ ދިމާލުން ތަރައްގީކުރާ ސަރަހައްދުގައި ޖަހާފައި ހުރި ޗާޓައިމްގެ ބިލްބޯޑެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ނިއުޕޯޓުގެ އިތުރުން، ދެން އެސަރަހައްދަށް އަންނަނީ ބައިނަލްއަގުވާމީ ފްރެންޗައިޒެއްގެ އައުޓްލެޓެކެވެ. ޓައިވާންގެ ޓީހައުސް ފްރެންޗައިޒް "ޗާޓައިމް"އަކީ ބަބްލް ޓީ، އައިސްޑް ޓީ، އަދި ސައިގެ އެކި ވައްތަރުތައް ސާވް ކުރާ، ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ޗެއިންއެކެވެ.

އުންމީދުތައް

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ހިނގަމުންދާ އިރު، ބްރިޖުގެ ސައިޓު ފެންނަ ގޮތަށް ރާޅުގަނޑު ސަރަހައްދުގައި އަޑި ޕާކު ކުރިމަތިން ބްރިޖު ބެލުމަށް ޕްލެޓްފޯމެއް އެޅުމުގެ ބޭނުމަކީ، ހައުސިންގް މިނިސްޓަރު ޑރ މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާތަނަށް ރާއްޖޭގައި ކުރާ އެންމެ ތާރީޚީ މަސައްކަތް ކުރަމުންދާ ގޮތް ބަލާލައި، އެކަމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ވެސް ދިނުމެވެ.

ސަރުކާރުން މި ޕްލެޓްފޯމް އަޅަން އެއްވެސް ޚަރަދެއް ނުކުރެއެވެ. ސަރުކާރުން ބިން ކުއްޔަށް ދިނުމުން، ސްޓްރާޑާއިން ސަރުކާރަށް ކުލި ދައްކަމުން، އެތަން ތަރައްގީ ކުރަނީއެވެ. ބްރިޖު އެއްކޮށް އަޅައި ނިންމާލުމުން ޕްލެޓްފޯމާއި، އެތަނާ ގުޅުވައިގެން އެސަރަހައްދުގައި އަޅާފައިވާ އިމާރާތްތައް ނަގާނެއެވެ. ސަބަބަކީ، އެސަރަހައްދަކީ ބްރިޖު މާލެއާ ގުޅޭ ހިސާބަށް ވެފައި، ބްރިޖާ ގުޅުވައިގެން އެސަރަހައްދަށް ޚާއްސަ ތަރައްގީއެއް ގެންނަން ޖެހޭތީއެވެ.

ބްރިޖު ވިއުއިންގް ޕްލެޓްފޯމް ނިމުމުން އެސަރަހައްދު ހުންނާނެ ގޮތުގެ ނަމޫނާ: ކުރެހުންތަކަށް ވުރެ މާ ފުރިހަމަވާނެ ކަމުގެ ޔަގީންކަން ސްޓްރާޑާއިން ދޭ --

އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޒާހިދު ރަމީޒް ވިދާޅުވީ، ސްޓްރާޑާއިން އެތަނުގައި ގާތްގަނޑަކަށް އަށް މިލިޔަން ރުފިޔާ އިންވެސްޓްކޮށް، ވަރަށް ފުރިހަމަކޮށް ޑިޒައިންކޮށްގެން އެސަރަހައްދު ތަރައްގީކުރަނީ، އެސަރަހައްދަކީ މާލޭގައި އެންމެ ގިނައިން މީހުން ޒިޔާރަތްކުރާ، ހިތްގައިމު ތަނަށް ހެދުމުގެ އުންމީދުގައި ކަމަށެވެ.

އަދި ޑިޒައިންތައް ދައްކުވައިދޭ ފޮޓޯތަކުން ފެންނަ ފެނުމަށް ވުރެ މާ ބޮޑަށްވެސް އެތަން ފުރިހަމަވެފައި، ހިތްގައިމުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވައެވެ.

"ޓާގެޓަކީ ރަސްފަންނަށް ވުރެ ދެގުނައަށް މީހުން މިތަނަށް ގެނައުން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް