ޗާޓައިމް: މިހާތަނަށް މާލެ އަންނަ އެންމެ ބޮޑު ފްރެންޗައިޒް!

މެލޭޝިއާގައި ޗާޓައިމްގެ ސްޓޯލެއް: އެތަން ހުޅުވަނީ ބްރިޖު ބަލަން ހަދާ ޕްލެޓްފޯމް ސަރަހައްދުގައި--

ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ، ޓައިވާންގެ ޓީހައުސް ފްރެންޗައިޒް "ޗާޓައިމް" އަންނަ އަހަރުގެ ކުރީކޮޅު ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ކުރިޔަށް އެބަ ދެއެވެ.

ޗާޓައިމްއަކީ ބަބްލް ޓީ، އައިސްޑް ޓީ، އަދި ސައިގެ އެކި ވައްތަރުތައް ސާވް ކުރާ، މަޝްހޫރު ބައިނަލްއަގުވާމީ ފްރެންޗައިޒެކެވެ.

ޗާޓައިމް ރާއްޖޭގައި ހުޅުވަނީ، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާ ގުޅިގެންނެވެ. އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ޒާހިދު ރަމީޒް "ސަން"އަށް ވިދާޅުވީ، ޗާޓައިމްގެ އައުޓްލެޓެއް މާލޭގައި ހުޅުވަން ނިންމާފައިނވަނީ، ރާޅުގަނޑު ސަރަހައްދާ ދިމާލުން އެ ކުންފުނިން ތަރައްގީކުރާ "ބްރިޖު ވިއުއިންގް ޕްލެޓްފޯމް" ހުންނަ ދިމާލުގައި ކަމަށެވެ.

ބްރިޖު ވިއުއިންގް ޕްލެޓްފޯމްގެ މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް ސްޓްރާޑާއިން ލަފާކުރަނީ، 2017 ގެ ޖެނުއަރީ މަހުގެ ފަހުކޮޅު، ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ނިންމައި، އެތަން ހުޅުވުމާ އެކު ޗާޓައިމްގެ ޚިދުމަތް ވެސް ދޭން ފަށާނެއެވެ.

ޗާޓައިމް ހުންނާނީ ޓަސްކަލޫސާ ކެފޭ ކުރިމައްޗަށް ވާ ކަހަލަ ގޮތަކަށް، ހެންވޭރު ހިތިގަސްމަގުގައެވެ.

ރާޅުގަނޑާ ދިމާލުން ތަރައްގީކުރާ ސަރަހައްދުގައި ޖަހާފައި ހުރި ޗާޓައިމްގެ ބިލްބޯޑެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އެތަން ހުންނާނީ، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޗާޓައިމް ހުންނަ ގޮތަށް، ބުއިންތައް ސާވް ކުރާ ސްޓޯލެއްގެ ގޮތުގައެވެ.

"މޯލްތަކުގައި ވެސް ޗާޓައިމް ހުންނާނީ މިގޮތަށް ކައުންޓަރއެއް ގޮތަށް. ހަމައެކަނި ޑްރިންކްސް ހަދާ ތަނެއް މިއީ. ކާ އެއްޗެހި، ގޮނޑިއެއް މޭޒެއް ނުހުންނާނެ،"

ޒާހިދު ވިދާޅުވީ، އައުޓްލެޓް ކިތަންމެ ކުޑަ ނަމަވެސް، ޗާޓައިމްއަކީ ފުރަމާލޭގައި މިހާތަނަށް ހުޅުވާނެ އެންމެ ބޮޑު ފްރެންޗައިޒް ކަމަށެވެ.

"މިއީ މާލެ އަންނަ އެންމެ ބޮޑު ފްރެންޗައިޒް. ޗާޓައިމްގެ، ވޯލްޑްވައިޑުކޮށް 1،002 އައުޓްލެޓް ހުރޭ. މިއީ އައުޓްލެޓްތަކާއި، ކުންފުނީގެ ފައިދާ އަދި ނެޓްވޯކަށް ބެލިޔަސް، [އެއާޕޯޓުގައި ހުރި ތަންތަން ނުހިމަނާ] މާލޭގައި ހުޅުވޭ އެންމެ ބޮޑު ފްރެންޗައިޒަށް ވާނެ،"

ޗާޓައިމްގެ ބައެއް ބުއިންތައް: ބަބްލް ޓީ، މިލްކް ޓީ، އައިސްޑް ޓީ އަދި އެހެނިހެން ބުއިންތައް ވެސް ހުންނާނެ

ޒާހިދު ވިދާޅުވީ، ޗާޓައިމްގައި އުފައްދާ ޑްރިންކްސްއަށް ބޭނުންކުރާނީ ސީދާ ތާޒާ އިންގްރީޑިއެންޓްސް ކަމަށެވެ.

ޗާޓައިމްގެ 1،002 އައުޓްލެޓް ހުންނަނީ ތަފާތު 26 ގައުމެއްގައެވެ. އެ ގައުމުތަކުގެ ތެރޭގައި ހުޅަނގުން އެމެރިކާ، ކެނެޑާ، އިނގިރޭސި ވިލާތް، ފްރާންސް، ގަލްފުގެ ހަތަރު ގައުމު ޔޫއޭއީ، އޮމާން، ކުވައިތު އަދި ގަތަރު، އަދި އޮސްޓްރޭލިއާއާއިި ނިއުޒިލެންޑް ހިމެނެއެވެ. މީގެ އިތުރުން އޭޝިއާ ސަރަހައްދުގެ 17 ގައުމެއްގައި ޗާޓައިމް ހުރެއެވެ. އޭގެ ތެރޭގައި، ދިވެހީން ގިނަ އަދަދަކަށް ދަތުރުކޮށް އުޅޭ އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު، ޕާކިސްތާން، ތައިލެންޑް، އަދި ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ޗައިނާއާއި، ހޮންގްކޮންގް އަދި މަކާއު ފަދަ ގައުމުތައް ވެސް ހިމެނެއެވެ.

ޗާޓައިމްއަކީ ސްޓްރާޑާއިން މާލޭގައި ހުޅުވާ ދެވަނަ ފްރެންޗައިޒްއެވެ. މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، އިންޑިއާގެ މަޝްހޫރު ފްރޯޒަން ޔޯގަޓް ފްރެންޗައިޒް "ކޮކޯބެރީ"ގެ އައުޓްލެޓެއް ވެސް ސްޓްރާޑާއިން ވަނީ މާލޭގައި ހުޅުވައިފަ އެވެ.

comment ކޮމެންޓް