އަތޮޅުތެރޭ މީހުންގެ ބޮޑު ޝަކުވާ!

އަތޮޅުތެރޭ ރަށެއްގެ މަގުމަތީ އާއިލާއެއް މަޑުކޮށްލައިގެން-- ފޮޓޯ: ވިޒިޓް މޯލްޑިވްސް

ހއ. ތަކަންދޫއިން: އަހުމަދު ސާއިލް އަލީ

"އަހަރަކު އެއްފަހަރު އަންނާނެ ރިސޯޓަށް އަންނަހެން، އެއައިސް އުޅެލާފައި އެދަނީ، ނުގޮހެއްވެސް ނުވާނު، އެތާ [މާލޭ]ގަވިއްޔާ ހުރިހާ ކަމެއް [ތައުލީމް، ސިއްހަތު، ވަޒީފާ] އޮތީ، މާލެ ގޮސް ލިބޭހާ ލާރި ހުސްވާ އިރު އުޅެންޖެހެނީ ކުދިކުދި ހޮރުހޮރުގައި،... މުސްކުޅިވި ދުވަހު މާމަ ދަރިއަކާ އެކު އުޅެލަން ނުލިބޭ" ސްކޫލު ބަންދަށް ރަށަށް އައި ދަރިން ފުރުވަން ހއ. ތަކަންދޫ ބަނދަރުގައި އިން އަންހެނަކު އަސަރާ އެކު ބުނެލި އެވެ.

އެއީ ހަތަރު ލައްކަ ހަމަނުވާ އާބާދީއެއް އޮންނަ ރާއްޖޭގެ ގިނަ ބައެއްގެ ޝަކުވާ އެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ތަހައްމަލް ކުރަންޖެހިފައިވާ ނުތަނަވަސްކަމެވެ. ދެ ލައްކައެއްހާ މީހުން ވެރިރަށް މާލޭގައި އުޅޭ އިރު އޭގެ ތެރެއިން ގިނަ މީހުން އެގޮތް އިހުތިޔާރުކުރީ ދެން އެހެން ގޮތެއްނެތިގެންނެވެ. ދަރިންނަށް ތައުލީމް ދިނުމާއި ސިއްހީ ފަރުވާ ހޯދުމުގެ އިތުރުން އާމްދަނީއެއް ލިބޭ ވަޒީފާއެއް ހޯދުމަށް ގިނަ ބަޔަކަށް މަޖުބޫރުވެފައި ވަނީ މާލެ ދިއުމަށެވެ. ތަނަވަސް ދިރިއުޅުމާއި ސާފުވަޔާ އެކު އުޅެންލިބިފައިވާ ބޮޑު ގެދޮރު ދޫކޮށް އިމާރާތްތަކުގެ ޖަންގަލިކަމަށްވާ މާލެ ދާން އެވަނީ މަޖުބޫރުކޮށްފަ އެވެ.

ތަކަންދޫއަކީ އެފަދަ މިސާލެކެވެ. އާބާދީގައި 960 އަށް ވުރެ ގިނަ މީހުން ހިމެނޭ މިރަށުގައި އާންމުކޮށް ދިރިއުޅެނީ 285 އެއްހާ މީހުންނެވެ. ދެން ތިބި ބަޔަކު ތިބީ ޒަރޫރީ ބޭނުންތަކަށް ރަށުން ބޭރުގަ އެވެ. އޭގެ ތެރެއިން ވެސް 99 ޕަސެންޓް މާލޭގެ އުފަލެއްނެތް ދިރިއުޅުމުގައި ބަނދެވިފަ އެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ 198 ރަށުގެ ތެރެއިން ބޮޑު ބައެއްގެ ހާލެވެ.

ލިބޭހާ ފައިސާ ކުއްޔަށް، އަރާމުކަމެއްނެތް!

ރެއާއި ދުވާލު އެތައް ބަޔަކު މަސައްކަތްކޮށް ލިބޭ ބޮޑު އާމްދަނީ އިން ނުފުދި މަސްނިމޭއިރު ދަރާވިކިފައިވާ ދިވެހިން ހާހުން ގުނާލެވެ އެވެ. ސަބަބަކީ މާލޭގެ އަގުބޮޑު ދިރިއުޅުމެވެ. ގާނޫނުތަކުން އެތައް ކަމެއް ކޮންޓުރޯލްކޮށްފައިވީ ނަމަވެސް ގޭކުއްޔާއި ދޭތެރޭ އެފަދަ ފިޔަވަޅެއް ނޭޅުމުގެ ނަތީޖާއަކަށްވެފައި ވަނީ ކޮންމެހެން ދާންޖެހޭ މާލޭގެ ގެދޮރު ކުލި އިންތިހާއަށް ބޮޑުވުމެވެ.

"ތިން ދަރިން ގޮވައިގެން އުޅެން ޖެހުނީ ކުޑަ ތަންކޮޅެއްގައި، ރެއާއި ދުވާލު ކުރާ މަސައްކަތުން ލިބޭ އާމްދަނީން ކުއްޔާއި އެހެނިހެން ބިލްތައް ދެއްކުމަށް ފަހު ދަރިންނާއި އަނބިމީހާގެ ހިތްހަމަޖެހުމާއި އުފަލަށް ކަމެއް ކޮށްދޭން ފައިސާއެއް ނުހުރޭ، ބޮޑު ކަމެއް ޖެހިއްޖެއްޔާ ޖެހެނީ މީހަކު ކައިރިކިޔަން، ގޭގެ ދަތިކަން ހުންނަ ގޮތުން ދެމަފިރިންނަށް އުފާވެރިކަމެއްނެތް،" މާލޭގެ ހިތްދަތި ދިރިއުޅުން ކިޔައިދެމުން އަތޮޅުތެރެއަށް ނިސްބަތްވާ މެދުއުމުރުގެ މީހަކު ބުންޏެވެ.

އެއަގުބޮޑު ގެދޮރުގައި ޖާގަކުޑަ އެވެ. ތަނަވަސް ކަމެއްނެތެވެ. ދިރިއުޅުން އަގުބޮޑު މާލޭގައި ސާފު ވައިކޮޅެއް ނުލިބޭ އިރު މިނިވަން ދިރިއުޅުމެއް ނުލިބެ އެވެ.

މާލޭގެ ގެދޮރުގެ އަގުތަކަށް ބަލާއިރު އެއްކޮޓަރި އެޕާޓްމެންޓެއްގެ އަގު 7000 ރުފިޔާ އިން ފެށިގެން ގޮސް ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ އަގުތައް މިވަނީ 25000 ރުފިޔާ އިން މަތީގަ އެވެ. އެއާ އެކު ދެ މަސް ނުވަތަ ތިން މަސް ދުވަހުގެ ކުލީގެ ފައިސާ އެއްފަހަރާ އެޑްވާންސްގެ ގޮތުގައި ދޭންޖެހެ އެވެ. ނުދީފިއްޔާ މަގުމައްޗެވެ. އެފައިސާ ދޭން މަޖުބޫރުކުރާ އިރު އެކަން ކޮންޓުރޯލްކޮށް ބެލެހެއްޓޭނެ ނިޒާމެއްނެތެވެ.

މާލޭގެ އިމާރާތެއްގެ މަތިން ނަގާފައިވާ ފޮޓޯއެއް ---- ސަން ފައިލް ފޮޓޯ

މަގުސަދު ހާސިލްނުވެ ނިކަމެތި!

ބުރަ މަސައްކަތާއި އަރާމެއް ނެތް ދިރިއުޅުން ދަރިންގެ މުސްތަގުބަލަށް ޓަކައި މާލޭގައި އެތައް ބަޔަކު ހޭދަކުރާ އިރު އޭގެ ތެރެއިން އެތައް ކުދިންނެއް މަގުންކަށްސައިގެންދެ އެވެ. ކިޔަވައިދިނުމަށް މައިންބަފައިން އެވާ ގުރުބާނީގެ ނަތީޖާ ނުފެނި އެތައް ބަޔަކު އެވަނީ މަގުމަތިވެފަ އެވެ. ސަބަބުތަކަކީ އެކި މިޒާޖުގެ އެކި ހިސާބުތަކުގެ ބަޔަކު އެއްތަނަކަށް އައިސް އުޅެންޖެހިފައިވާ ޖެހުމެވެ.

"އެންމެ ބޮޑު އެއްމައްސަލައަކީ ގެދޮރުގެ މައްސަލަ، ގޭގެ ދަތިކަން ހުންނަގޮތުން މަގުތަކަށް ނުކުންނަ ކުދިންގިނަވޭ، ނަތީޖާއެއްގެ ގޮތުން ކުށް އިންތިހާއަށް އިތުރުވޭ،" ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ދަރިންނަށް ޓަކައި މާލެ ބަދަލުވެ އެކުދިންގެ މުސްތަގުބަލަށް ކުރަން ޖެހޭ ހޭދަބޮޑުވުމުން ތިމާގެ މައިންބަފައިންނަށް އަޅާނުލެވޭ އެތައް ބަޔަކު އެބަތިއްބެވެ. އަދި ތިމާގެ ދަރިން ބޮޑުވެ އަމިއްލައަށް އުޅޭވަރުވާ އިރު ތިމާ ބަލިވެ އަތްމަތި ހުސްވެފައިވާ އިރު ދަރިންނަށް ވެސް އޮންނަނީ އަޅާނުލެވިފަ އެވެ. އެއީ އެކުދިންގެ ދިރިއުޅުމަށް ޓަކައި ހަމަ އަނެއްކާ އެހޭދަތައް ކުރަންޖެހުމެވެ. އިންތިހާއަށް ނިކަމެތިވަނީ އެވެ.

އަތޮޅުތެރޭ އެކަށޭނަ ހިދުމަތެއް ނެތް!

ދިވެހި ރާއްޖޭގެ 198 ރަށުގައި މީހުން ދިރިއުޅޭއިރު އޭގެ ތެރެއިން ގިނަ ރަށްރަށުގައި އެދެވޭގޮތަކަށް އަސާސީ ހިދުމަތްތައްނުދެވެ އެވެ. ގޫގުލް ބަލައިގެން ބޭސްދޭ ޑޮކްޓަރުންނާއި ފެންވަރުދަށް ޓީޗަރުން ފަދަ އެތައް މައްސަލައެއްގެ ސަބަބުން އެކަށޭނަ ހިދުމަތެއްނުލިބެ އެވެ. ސިއްހީ އެތައް އިހުމާލެއް ފަހުގެ ތާރިހެއްގައި ވެސް ވަނީ ހިނގައިފަ އެވެ. ތިމާމެންގެ ރަށުން އެކަށޭނަ ފަރުވާ ނުލިބޭ އިރު ކައިރި ސަރަހައްދަކުން ވެސް ގިނަ ފަހަރަށް ހިދުމަތް ނުލިބެނީ އެވެ.

ކޮންމެ ރަށެއްގައި ބޮޑެތި ހޮސްޕިޓަލްތަކާއި ސުކޫލުތައް ނުހިންގޭނެ އެވެ. ނަމަވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް އެއްކޮށްލައިގެން އެހިސާބެއްގެ ބަޔަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެކަށޭނަ ގޮތަކަށް ދިނުމަށް އެކި ބައިތަކަށް ބަހާލައިގެން ހިދުމަތް ދިނުން މުހިންމެވެ. އުތުރުގައި ނަމަ ހދ. ކުޅުދުއްފުށީގައި މާލެއިން ލިބޭ ހިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސައި ސިނާއީ ބޮޑެތި މަޝްރޫތައް ފަށައިފި ނަމަ އުތުރުގެ މީހުންނަށް މިހާރު މާލޭގެ ދިރިއުޅުމުން ވެއްޓިފައިވާ އަނދަވަޅުން އަރައިގަނެވޭނެ އެވެ. އެގޮތަށް ރަނގަޅު ނިޒާމެއްގެ ދަށުން މުޅި ރާއްޖެ ކަވަރު ކުރެވިއްޖެ ނަމަ އެކަން ހައްލުވީ އެވެ.

ސަރުކާރުގެ އަމާޒު މާލެ ސަރަހައްދު ކުލީގެ އަގު ދަށްކުރުމަށް!

ސަރުކާރުން ގެންގުޅުއްވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 2018 އަށް 15،000 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމަށް ބޭރުގެ ފަސް ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ. ސަރުކާރުން ލަފާ ކުރާ ގޮތުގައި އެ ފްލެޓްތަކުން 65000 އަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އާބާދީ ތިންބައި ކުޅަ އެއްބައި މާލޭގައި ދިރިއުޅޭ އިރު އެފަރާތްތަކަށް ބޭނުންވާ ގެދޮރު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މިދައުރު ނިމެންވާއިރަށް ގެދޮރުކުއްޔަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިމަސައްކަތްތައް ވަކިވަރަކަށް ކާމިޔާބުވީމާ ގެދޮރުގެ އަގު ދަށްވާނެ ކޮންމެވެސް ވަރަކަށް، އެއީ މާކެޓު ރިލޭޓެޑް ކަމަކަށްވާތީވެ. ސަރުކާރުގެ ބޭނުމަކީ ސަޕްލައި އިތުރުކޮށްދިނުން،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ދިވެހި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ އަތޮޅުތެރޭ މީހުން ކަމަށްވާއިރު އެމީހުންތިބީ ޝަކުވައިގެން ފުރި މާޔޫސްކަމުގަ އެވެ. އުފަން ވަޒަނުގައި ހިދުމަތްތަކާ އެކު އުޅެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އެކަމަށް އޮތް ހައްލަކީ ރާއްޖެ ދެތިން ދާއިރާއަކަށް ބަހާލައި ހިދުމަތްތައް ފުރިހަމަކަމާ އެކު އެސަރަހައްދަކުން ދޭން ފެށުމެވެ. އެއާ އެކު މާލެއަށް ކުރަންޖެހޭ ހޭދަތައް ދަށްވެ އަމިއްލަ ސަރަހައްދުން ދިރިއުޅުން އުފާވެރި ކުރެވޭނެ އެވެ. އަހަރަކު އެއްފަހަރު ލިބޭ ޗުއްޓީއަށް ރަށަށް އައިސް ރޮއެފައި މާލެ ދާންޖެހޭ ޖެހުމުން މިންޖުވާން ބޭނުންވެ އެވެ.

comment ކޮމެންޓް