އުޒްބެކިސްތާން: ދިވެހިންނަށް އާ މަންޒިލެއް، ދާން ބޭނުންތަ؟

އުޒްބެކިސްތާނުގެ ސަމަރްކަންދުގައި ހުރި ބައެއް އާސާރީ ބިނާތަކެއް --

އާ އަހަރު ފެށުމުގެ މުނާސަބަތާ ދިމާކޮށް، މެދުތެރޭ އޭޝިއާގެ ގައުމެއް ކަމުގައިވާ އުޒްބެކިސްތާނަށް ދެވޭ ޚާއްސަ ޕެކޭޖެއް އިނަރ މޯލްޑިވްސް އާއި އިންޓުއާ މޯލްޑިވްސް ގުޅިގެން ތައާރަފު ކޮށްފި އެވެ.

އުޒްބެކިސްތާނަކީ ސޯވިއެޓް ޔޫނިއަން ރޫޅި، އެ ޔޫނިއަނުން ވަކިވެ މިނިވަންވި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެ ގައުމަކީ ފާރިސީންނާއި ތުރުކީގެ އިތުރުން، އަރަބީންގެ އަސަރުތައް އެގައުމަށް ފޯރާފައިވާ، ތާރީޚީ އަދި އާސާރީ ގިނަ ތަންތަން ހުންނަ، މުސްލިމު ގައުމެކެވެ.

އިނަރ މޯލްޑިވްސް ހޮލިޑޭޒްގެ ޑިރެކްޓަރ އަހްމަދު އިޖާޒް "ސަން" އަށް ވިދާޅުވި ގޮތުގައި، އެ ކުންފުންޏާއި އިންޓުއާ މޯލްޑިވްސްއިން އުޒްބެކިސްތާން އެއާލައިންސްއާ ގުޅިގެން ވަނީ، ދިވެހީންނަށް އުޒްބެކިސްތާނަށް ދެވޭ ޚާއްސަ ޕެކޭޖެއް ތައާރަފު ކޮށްފައެވެ.

ނިއު އިޔާއާ ދިމާކޮށް ތައާރަފުކޮށްފައިވާ މި ޕެކޭޖު ވިއްކަނީ ދެ މީހަކަށެވެ. އުޒްބެކިސްތާނަށް ދިއުމަށް ދެކޮޅު ޓިކެޓާއި، ވިސާ ފީއާއި، އަށް ދުވަހާއި ހަތް ރޭގެ ކެއުމާއި ހުރުމުގެ އިންތިޒާމާއި، އަދި އުޒްބެކިސްތާނުގެ އެންމެ ބޮޑު ތިން ސިޓީ ކަމުގައިވާ ވެރިރަށް ޓަޝްކެންޓާއި، ސަމަރްކަންދު އަދި ބުޚާރާ ސިޓީގެ ޓުއާތައް ވެސް މި ޕެކޭޖުގައި އެކުލެވެއެވެ.

މި ޕެކޭޖުގެ އަގަކީ 1،155 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 17،800 ރުފިޔާއެވެ.

އިޖާޒް ވިދާޅުވީ، އުޒްބެކިސްތާނަކީ ދިވެހީންނަށް ތަފާތު މަންޒިލަކަށް ވާނެ ކަމަށާއި، މި މަހުގެ ކުރީކޮޅު މި ޕެކޭޖު ތައާރަފު ކުރި އިރުން ފެށިގެން ހީނުކުރާހާ ތަރުހީބު މިކަމަށް ލިބެމުން އަންނަ ކަމަށެވެ.

"މިއީ ގިނަ ދިވެހީންނަށް އާ ޑެސްޓިނޭޝަނަކަށް ވާނެ. އަޅުގަނޑުމެންނަށް ހީކުރި ވަރަށް ވުރެ މާ ރަނގަޅު ތަރުހީބުވެސް. މިއީ ތަފާތު، ޔުނީކް ޑެސްޓިނޭޝަނެއް،" އިޖާޒް ވިދާޅުވިއެވެ.

މީގެ އިތުރުން، މިދުވަސްވަރަކީ އުޒްބެކިސްތާނަށް ވެސް ފިނި މޫސުމުގެ ދުވަސްވަރެވެ.

"ވިންޓަރ ވީމަ ވަރަށް ފިނި ވާނެ. އުޒްބެކިސްތާނުގެ ޓުއަރިޒަމް ބޭފުޅުންގެ ފަރާތުން، ފަތުރުވެރިންނަށް އޮން އެރައިވަލްގައި، އެތަނުގައި ލާ ޓްރެޑިޝަނަލް ވިންޓާ ކޯޓެއްވެސް ޕްރޮވައިޑް ކޮށްދޭނެ،" އޭނާ ވިދާޅުވިއެވެ.

މި ދަތުރަށް އުޒްބެކިސްތާން އެއާލައިންސްގެ ފްލައިޓު މާލެއިން ފުރާނީ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ. އަދި އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 2017 ޖެނުއަރީ ހަތަރު ވަނަ ދުވަހުއެވެ.

comment ކޮމެންޓް