މާދަމާ ހަވީރުން މެންދަމަށް އައިޖީއެމްއެޗުގެ ކޯލް ސެންޓަރު ޚިދުމަތް މެދުކެނޑޭނެ

އައިޖީއެމްއެޗް

ނެޓްވޯކް އަޕްގްރޭޑުކުރުމުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ކޯލް ސެންޓަރުގެ ޚިދުމަތް މާދަމާ ހަވީރުން ފެށިގެން މެންދަމާ ހަމައަށް މެދުކެނޑޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ރާއްޖޭގެ މައި ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައިޖީއެމްއެޗުގެ ކޯލް ސެންޓަރުގެ ނެޓްވޯކް އަޕްގްރޭޑުކުމުގެ މަސައްކަތް މާދަމާ ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން މާދަމާ ހަވީރު 4:00 އިން ފެށިގެން، މެންދަމު 12:00 އާ ހަމައަށް، އައިޖީއެމްއެޗުގެ ކޯލް ސެންޓަރު ޚިދުމަތް މެދުކެނޑޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ކޯލް ސެންޓަރު ޚިދުމަތް މެދުކެނޑުނު ނަމަވެސް، އެ ހޮސްޕިޓަލުގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން އަދި އެސްއެމްއެސް މެދުވެރިކޮށް ދޭ ޚިދުމަތްތައް، ކަސްޓަމަރުންނަށް ފުރިހަމައަށް ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ފަށާފައިވާ އިރު، އެތަނުގެ އިންޓީރިއާއަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އަދި އެތަނުގައި ކާޑިއެކް ސެންޓަރަކާއި، ޑައިލީސިސް ހެދުމުގެ ޚިދުމަތް މިހާރު ގާއިމުކޮށްފައިވާ އިރު، ޒަމާނީ އަދި ޖާގަ ތަނަވަސް އައިސީޔޫއަކާއި، ހަތަރު އޮޕަރޭޝަން ތިއޭޓަރު ހިމެނޭ ތިއޭޓަރު ކޮމްޕްލެކްސްއަކާއި، ނޮން އިންވޭސިވް ވެންޓިލޭޝަން ޔުނިޓަކާއި ޔުރޮރީނަލް އެންޑް ފާޓިލިޓީ ސެންޓަރެއްގެ އިތުރުން ޓޯޓަލް ލެބޯރަޓޯރީ އޮޓޮމޭޝަން ސިސްޓަމެއް ވަނީ ގާއިމުކޮށްފައެވެ.

މީގެ އިތުރުން އައިޖީއެމްއެޗާއި އިންވެގެން އޮންނަ ބިމުގައި، އެ ހޮސްޕިޓަލަށް 25 ބުރީގެ އާ އިމާރާތެއް އެޅުމުގެ ބިޔަ މަޝްރޫއެއް ވެސް ދަނީ ކުރިޔަށެވެ.

comment ކޮމެންޓް