މައި ބުރިޖަށް ޖަހަން ޖެހޭ ހުރިހާ ހޮޅިއެއް ޖަހައި ނިންމާލައިފި

ޗައިނާ މޯލްޑިވްސް ފްރެންޟިޕް ބްރިޖުގެ މަސައްކަތް ކުރަނީ -- ސަން ފައިލް ފޮޓޯ

ހުޅުލެ އާއި މާލެއާ ގުޅާލުމަށް އަޅަމުންދާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ ހުރިހާ ތަނބަކަށް ޖަހަން ޖެހޭ ހޮޅިތައް ޖަހައި ނިންމާލާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ ހޮޅިތަކަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ އެޕްރޯޗް ބުރިޖް ނުލައި މައި ބުރިޖުގައި ހުންނަ ޖުމްލަ ފަސް ޕިއާ ނުވަތަ "ވީ" އަކުރެއްހެން އިންނަ ތަނބަކަށް ޖަހަން ޖެހޭ ހޮޅިތަކެވެ. އޭގެން ކޮންމެ ތަނބަކަށް ހަތް ހޮޅި ޖަހަން ޖެހެ އެވެ.

މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މައި ބުރިޖަށް ޖަހަން ޖެހޭ 35 ހޮޅި ޖަހައި އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.

އެ ހޮޅިތަކަކީ މި ޑިސެމްބަރު މަސް ނިމުމުގެ ކުރިން ޖަހައި ނިންމާލަން ކަނޑައެޅި މަސައްކަތެކެވެ.

ސަރުކާރުގެ ކާމިޔާބު ތިން އަހަރު ފާހަގަކުރުމަށް ބޭއްވި "ހަބޭސް ތިން އަހަރު"ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ އެޕްރޯޗް ބުރިޖް މަސައްކަތުގެ 50 ޕަސެންޓް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެޕްރޯޗު ބުރިޖަކީ މާލެއިންނާއި އަދި ހުޅުލެއިން މައި ބުރިޖާ ގުޅާލަދޭ ބަޔެވެ.

ޖުމްލަ 200 މިލިއަން ޑޮލަރު ހަރަދުކޮށްގެން ޗައިނާގެ ކޮމިއުނިކޭޝަންސް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)އާ ހަވާލުކޮށްގެން އަޅަމުންދާ ޗައިނާ މޯލްޑިވްސް ފްރެންޑްޝީޕް ބުރިޖުގެ ދިގުމިނުގައި 1.39 ކިލޯ މީޓަރު އަދި ފުޅާ މިނުގައި 20 މީޓަރު ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

އަދި ތިރީސް މަސް ދުވަހުގެ ތެރޭގައި ނިންމައި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބުރިޖް ހުޅުވުމަށް ނިންމާފައިވާ އިރު، އެ އަހަރުގެ ޖުލައި މަހުގެ 26 އަށް ބްރިޖު މަސައްކަތް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް މީގެ ކުރިން ހައުސިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް