އެމްއޭސީއެލްގެ ގިނަދުވަސްވީ މުވައްޒަފުންގެ ދަރީންގެ ކިޔެވުމަށް އެ ކުންފުނިން އެހީތެރިވެދެނީ

އެމްއޭސީއެލް އިން ރިޓަޔާ ކުރެއްވި ފަރާތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި ގިނަ ދުވަހު ހިދުމަތްކުރި ފަރާތްތަކުގެ ދަރީންނަށް ފަސޭހައިން މަތީ ތައުލީމު ހާސިލު ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެފި އެވެ.

ދިގު މުއްދަތަކަށް އެމްއޭސީއެލްއަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި މި އަހަރު ރިޓަޔާކުރި މުވައްޒަފުންގެ އަގު ވަޒަންކުރުމަށް މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، އެކުންފުނިން މުވައްޒަފުންނަށާއި، މުވައްޒަފުންގެ އާއިލާއަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"އެގޮތުން މުވައްޒަފުން ދަރިން ތިބޭ ނަމަ ދަރިންނާއި އާއިލާގެ އެހެން މީހުންނަށް މަތީތައުލީމް ފޯރުކޮށްދޭން ބޭނުންވޭ. އެހެންވެ އަޅުގަނޑުމެން މި ވިސްނަނީ މުވައްޒަފުންގެ ދަރިންނާއި އާއިލާތަކަށް މަތީތައުލީމް ފޯރުކޮށްދޭން އެހީތެރިވާން. އަދި އެކަމަކު މުޅިން ފައިނަލެއް ނުވޭ،" އާދިލް ވިދާޅުވި އެވެ.

ދިގު މުއްދަތަކަށް އެމްއޭސީއެލް އަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި މި އަހަރު ރިޓަޔާކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް މިރޭ ބޭއްވި ހަފްލާގައި އާދިލް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އާދިލް ވިދާޅުވީ، މުވައްޒަފުންގެ އާއިލާތަކަށް މަތީތައުލީމު ހޯދައިދިނުމަށް އެހީތެރިވުމަށް އެކުންފުނިން ސްޕޮންސާ ދިނުމަށް ވިސްނަމުންދާ ކަމަށާއި، ނުވަތަ ދިގު މުއްދަތަކަށް ބަހާލައިގެން މުވައްޒަފުންގެ މުސާރައިން ވަކިވަރެއް ކަނޑާގޮތަށް ވިސްނަމުންދާކަމަށެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވަނީ އެމްއޭސީއެލްގައި ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ފަރާތްތައް ފާހަގަކޮށް އެ ފަރާތްތަކުގެ އަގު ވަޒަންކޮށް އަށް ފަރާތެއް ރިޓަޔާ ކޮށްފަ އެވެ.
އެހަފްލާއެއްގައި އެފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެ އެވެ. ރިޓަޔާ ކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.

އެ ހަފްލާގައި ވަނީ އެ ކުންފުންޏަށް 20 އަހަރު ހިދުމަތް ކޮށްދީފައިވާ 58 މުވައްޒަފަކަށް ހަނދާނީ ލިޔުން ދީފައެވެ. އަދި 25 އަހަރު ހިދުމަތް ކުރެއްވި 27 ފަރާތަކަށް އަދި 30 އަހަރާއި 35 އަހަރު ހިދުމަތް ކުރެއްވި 11 ފަރާތެއްގެ އަގުވަޒަން ކޮށް އެފަރާތްތަކަށް ވަނީ ހަނދާނީ ލިޔުންދީފަ އެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އާދިލް މޫސާ ވިދާޅުވީ، ގިނަ ދުވަހު އެ ކުންފުންޏަށް ހިދުމަތް ކުރި ފަރާތްތަކުން ވަކިވެގެން ދިއުމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އާދިލް ވިދާޅުވީ ރިޓަޔާ ކުރެވިގެން ދިޔަ ބައެއް ބޭފުޅުންގެ ހިތްޕުޅަށް ރިޓަޔާ ނުވެ މަސައްކަތް ކުރެވޭނެ ނަމައޭ ހިތަށް އަރާނެ ކަމަށާއި، ނަމަވެސް ގާނޫނުތައް ހުންނަ ގޮތުން އެކަން އެގޮޮތަށް ވާން ނެތް ކަމަށެވެ.

"އަޅުގަނޑުމެންވެސް ބޭނުންވަނީ އެބޭފުޅުން ކުންފުނީގައި ވީހާވެސް ގިނަ ދުވަސްތަކެއްގައި ބޭތިއްބޭނެ ގޮތެއް،" އާދިލް ވިދާޅުވިއެވެ.

comment ކޮމެންޓް