ރާއްޖެ އިން ކޮރަޕްޝަން ނައްތާލުމަށް ޓަކައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ މުޖުތަމައުގެ ދީނީ އަގީދާ ވަރުގަދަ ކުރުން ކަމަށް ދާދި ފަހުން ޏ. ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ދިރާސާ އަކުން ދައްކައިފި އެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ ގައުމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށް އޭޕްރީލް މަހު ކުރިއަށް ގެންދިޔަ ދިރާސާގައި ދެ ޖިންސުގެ މީހުން ވަނީ ބައިވެރިވެފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ އެ ދިރާސާގެ އަމާޒަކީ، ދިރާސާގެ ބައިވެރިން ކޮރަޕްޝަނާ މެދު ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމާއި ކޮރަޕްޝަންގެ އަމަލުތަކާއި އަދި ކޮމިޝަންގެ މަސައްކަތްތަކާ މެދު ދެކޭގޮތް ދެނެގަތުން ކަމަށެވެ.
ދިރާސާގެ ނަތީޖާތައް ދައްކާ ގޮތުން، ދިރާސާގެ ބައިވެރިންގެ ތެރެއިން 54 ޕަސެންޓު މީހުންނަށް ކޮރަޕްޝަނަކީ ކޮބައިކަން އެނގެ އެވެ. އަދި 52 ޕަސެންޓު މީހުންނަށް ނަޒާހަތްތެރި ކަމަކީ ކޮބައިކަން އެނގެ އެވެ.
އޭގެ އިތުރުން، ދިރާސާގެ ބައިވެރިންގެ ތެރެއިން 59 ޕަސެންޓު ބައިވެރިން ގަބޫލު ކުރާ ގޮތުގައި ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ މުޖުތަމައުގެ ދީނީ އަގީދާ ވަރުގަދަ ކުރުމެވެ.
ހަތަރު އިޚުތިޔާރީ ޖަވާބާ އެކު ކުރި ސުވާލަށް ޖަވާބު ދިން ބައިވެރިންގެ ތެރެއިން 18 ޕަސެންޓް މީހުން ގަބޫލު ކުރާ ގޮތުގައި ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރަންވީ އެންމެ މުހިންމު ކަމަކީ ކޮރަޕްޝަން ހިންގާ ފަރާތްތަކަށް ބޮޑެތި އަދަބު ދިނުމެވެ. އަދި 17 ޕަސެންޓު މީހުން ގަބޫލު ކުރާ ގޮތުގައި ކޮރަޕްޝަން ނައްތާލެވޭނީ ނަޒާހަތްތެރިކަން ކުރިއަރުވައިގެންނެވެ. ކޮރަޕްޝަން ނައްތާލުމަށް އެންމެ މުހިންމު ކަމަކީ މުޖުތަމައުގެ ފުދުންތެރިކަން އިތުރު ކުރުން ކަމަށް ގަބޫލު ކުރަނީ ދިރާސާގެ ހަ ޕަސެންޓު މީހުންނެވެ.
އޭސީސީ އިން ބުނީ ދިރާސާގެ އެހީގައި ކޮމިޝަނުގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ހޭލުންތެރި ކުރުމާއި "ވިޔަނުދިނުމު"ގެ ހަރަކާތްތަކުގައި ދީނީ ބައިތަކެއް ހިމަނައިގެން ކުރިއަށް ގެންދިއުމަކީ ދިވެހި މުޖުތަމައުން ކޮރަޕްޝަން ނައްތާލައި ނަޒާހަތްތެރިކަން އިތުރު ކުރުމުގައި ކޮމިޝަނުގެ އަމާޒުތައް ހާސިލް ކުރުމަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް އޭސީސީ އިން ބުނެ އެވެ.
ދިރާސާގެ އެހެނިހެން ހޯދުންތަކަށް ބަލާއިރު، ދިރާސާގެ ބައިވެރިންގެ ތެރެއިން 51 ޕަސެންޓު މީހުން ގަބޫލު ކުރާ ގޮތުގައި އޭސީސީ އިން ކޮރަޕްޝަނާ ދެކޮޅަށް އެކަށީގެންވާ މަސައްކަތް ކުރާ ކަމަށެވެ.
އޭގެ އިތުރުން ދިރާސާގެ ބައިވެރިންގެ ތެރެއިން 27 ޕަސެންޓު މީހުން ގަބޫލު ކުރާ ގޮތުގައި ކޮރަޕްޝަން ނައްތާލުމަށް އެންމެ މުހިންމު މަސައްކަތެއް ކުރެވޭނެ ފަރާތްތަކަކީ ވެރިކަން ހިންގާ ބާރާއި ރައްޔިތުންނެވެ.
އޭސީސީ އިން ބުނީ ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ރަށުގައި ކަމުން، ދިރާސާގެ ސާމްޕަލް އަކީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ވެސް، ދިރާސާގެ ނަތީޖާ އިތުރަށް ފުރިހަމަ ވެގެން ދާނެ ކަމެއް ކަމަށެވެ.
އަދި ދިރާސާގެ މައިގަނޑު މުހިންމު ނަތީޖާތައް ބޭނުން ކޮށްގެން ކޮމިޝަނުން ކުރިއަށް ގެންދާ ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ސްޓްރެޓެޖީތައް މުރާޖަޢާކޮށް، އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރާނެ ކަމަށް އޭސީސީ އިން ބުނެ އެވެ.