މެސީ ބަލިކޮށް ރޮނާލްޑޯ ހަތަރުވަނަ ފަހަރަށް މޮޅުކުޅުންތެރިޔާގެ އެވޯޑް ހޯދައިފި

މިފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށް. މިއީ އޭނާ މި އެވޯޑް ހާސިލްކުރި ހަތަރު ވަނަ ފަހަރު - ފީފާ ފައިލް ފޮޓޯ

ފުޓްބޯޅައިގައި ދުވަސްވީ އެންމެ ބޮޑު ވާދަވެރިޔާ، ލިއޮންލް މެސީ ބަލިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ، ވޭތުވެދިޔަ 12 މަސްދުވަހު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް ހޯދައިފިއެވެ. މިއީ ރޮނާލްޑޯ މި އެވޯޑް ހާސިލްކުރި ހަތަރުވަނަ ފަހަރެވެ.

މިފަހަރުގެ ބެލޮންޑިއޯ އެވޯޑަށް ޕޯޗްގީޒް އަދި ރެއާލް މެޑްރިޑްގެ ތަރި ރޮނާލްޑޯއާ އެންމެ ގާތުން ވާދަކުރީ، އާޖެންޓީނާ އަދި ބާސެލޯނާގެ ތަރި ލިއޮނަލް މެސީއެވެ. އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ތަރި އެންޓޮއިން ގްރީޒްމަން ތިންވަނައަށް ދިޔައިރު، ހަތަރުވަނަ ލިބުނީ ބާސާގެ ތަރި ލުއިސް ސުއަރޭޒަށެވެ. އަދި ބާސާއަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާއަށް ލިބުނީ ފަސްވަނައެވެ. އަދި ރެއާލްގެ ވޭލްސް ތަރި ގެރެތު ބޭލް ދިޔައީ ހަވަނައަށެވެ.

ރޮނާލްޑޯއަށް މިފަހަރުގެ ބެލޮންޑިއޯ އެވޯޑް ލިބިފައިވާއިރު، އޭނާގެ ކެޕްޓަންކަމުގެ ދަށުން ޕޯޗްގީޒް ވަނީ އެޓީމުގެ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ޝަރަފްވެރި ޓްރޮފީ ކަމަށްވާ 2016ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި ހަމައެހެންމެ ރެއާލް މެޑްރިޑުން ތިން ސީޒަންތެރޭގައި ދެވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ޓްރޮފީ އުފުލައިލި އިރު، އެ މެޗުން ރެއާލް މޮޅުވި ޕެނަލްޓީ އެތުލެޓިކޯ މެޑްރިޑް ކޮޅަށް ވައްދައިލީ ރޮނާލްޑޯއެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ކުޅުންތެރީން ކަމަށްވާ، ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ -- ފޮޓޯ: ގޯލް

ޖަޕާނުގައި އޮންނަ ފީފާ ކްލަބް ވޯލްޑް ކަޕްގައި ރެއާލް މެޑްރިޑް ކުޅެންޖެހޭ މެޗަކަށް ޓީމާއެކު ޖަޕާނަށް ފުރާފައި ވާތީ، ޕެރިހުގައި ބޭއްވި އެވޯޑް ހަފްލާއަށް ރޮނާލްޑޯއަށް ހާޒިރެއް ނުވެވުނެވެ.

"މިއީ އަހަންނަށް ގަބޫލުކުރަންވެސް ދަތި ވަގުތުކޮޅެއް. އަހަރެން ވަރަށް ބޮޑަށް ފަޚުރުވެރިވެ އުފާކުރަން،" ކުރިން ރެކޯޑްކޮށްފައިވާ އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނެއެވެ.

"އަހަންނަށް ވޯޓުދިން އެންމެނަށް ޝުކުރިއްޔާ. އަހަރެންގެ ޓީމްމޭޓުންނަށް ޝުކުރިއްޔާ، ... ޕޯޗްގަލް ޓީމްމޭޓްސް، ... މިއީ ރެއާލް މެޑްރިޑްގެ ޓްރޮފީއެއް."

ރޮނާލްޑޯ މިހާރުވަނީ 2015 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ހާސިލްކުރި މެސީއާ އެއް ބެލޮންޑިއޯ ޓްރޮފީއަށް ފަރަގު ކުޑަކޮށްފައެވެ. މެސީވަނީ އެ އެވޯޑް ފަސްފަހަރު ކާމިޔާބުކޮށްފައެވެ.

ޔޫރަޕަށް ނިސްބަތްވާ ކުޅުންތެރީންގެ ތެރޭން ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމު އެންމެ ގިނަ ފަހަރު ހާސިލްކުރުމުގެ ޝަރަފުވެސް މިހާރު ލިބިފައިމިވަނީ ރޮނާލްޑޯއަށެވެ. ކުރިން އެ ޝަރަފް ހޯދާފައިވާ ކުޅުންތެރީންނަކީ، މިޝޭލް ޕްލެޓިނީ (1983, 1984, 1985)، ޔޯހާން ކްރައިފް (1971, 1973, 1974) އަދި މާކޯ ވެން ބަސްޓަން (1988, 1989, 1992) އެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އެންމެ ފުރަތަމަ ފަހަރަށް ރޮނާލްޑޯ ހާސިލްކުރީ 2008 ވަނަ އަހަރުއެވެ. މިހާރު އުމުރުން 31 އަހަރުގެ ހުނަރުވެރި ކުޅުންތެރިޔާ އޭރު ކުޅެމުން ދިޔައީ އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑަށެވެ. އޭގެ ފަހުން ރޮނާލްޑޯ ވަނީ، 2013 އަދި 2014 ވަނަ އަހަރު އެ އެވޯޑް ހޯދައިފައެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް،2007 ވަނަ އަހަރު ބްރެޒިލްގެ ތަރި ކަކާ ހޮވުނު ފަހުން އެ އެވޯޑް މެސީއާ ރޮނާލްޑޯ ނޫން ކުޅުންތެރިއަކަށް ލިބިފައެއް ނުވެއެވެ.

ފީފާ ބެލޮންޑިއޯ އެންމެ ފަހުގެ ހަ އަހަރު ހޯދާފައިވަނީ މެސީ(ކ) އާއި ރޮނާލްޑޯގެ ތެރެއިން ކޮނެމެ ވެސް އެއް ކުޅުންތެރިއަކު ---

ކުރީން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ފްރާންސްގެ މަޝްހޫރު ކުޅިވަރު މަޖައްލާ، ފްރާންސް ފުޓްބޯލްއާއި ފީފާއާ ގުޅިގެން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހޮވި ނަމަވެސް އެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާތީ، 2016 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ދީފައިވަނީ، ސީދާ ފްރާންސް ފުޓްބޯލްގެ އަމިއްލަ އެވޯޑެއްގެ ގޮތުގައެވެ. ބެލޮންޑިއޯ އެވޯޑް ލިބޭ ކުޅުންތެރިޔާ ހޮވަނީ، ނޮމިނޭޓް ކުރެވޭ 30 ކުޅުންތެރިއަކަށް ދުނިޔޭގެ އެކި ގައުމުތަކުގެ 173 ނޫސްވެރިން ވޯޓުދީގެންނެވެ.

comment ކޮމެންޓް