ޔޫއޭއީގެ ގައުމީ އެއާލައިން، އިއްތިހާދު އެއާވޭސްއިން ރާއްޖޭގައި އޮޕަރޭޓު ކުރުމަށް އާ ޖެނެރަލް ސޭލްސް އޭޖެންޓެއް ހަމަޖައްސައިފިއެވެ.
އިއްތިހާދު އެއާވޭސްއިން އަބޫ ދާބީއާއި ދިވެހިރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރަން ފެށީ، 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އިއްތިހާދު އެއާވޭސްއިން ރާއްޖެއަށް އޮޕަރޭޝަންތައް ފެށިތާ ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި، އިއްތިހާދު އެއާވޭސްގެ ރާއްޖޭގެ އާ ޖެނެރަލް ސޭލްސް އޭޖެންޓުގެ ގޮތުގައި އިއުލާން ކުރެވިގެން ދިޔައީ އޭވިއޭޝަން ސާވިސެސް ޕވޓ ލޓޑއެވެ. މި ކުންފުންޏަކީ، ލަންކާގެ ހޭމާސް ގްރޫޕުގެ ސަބްސިޑަރީއެކެވެ. މި ކުންފުނީގެ ރާއްޖޭގެ ބިޒްނަސް ޕާޓްނަރަކީ ބެސްޓްބައި މޯލްޑިވްސްއެވެ.
ހޭމާސް ގްރޫޕަކީ ސްރީލަންކާގައި، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއާއި މެލޭޝިއާގެ ގައުމީ އެއާލައިން މެލޭޝިއާ އެއާލައިންސް އަދި އެމިރޭޓްސް ތަމްސީލުކުރާ ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ)އެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އޭވިއޭޝަން ސާވިސެސް ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މާލިންގަ އަރްސަކުލަރަތުނަ ވިދާޅުވީ، ލަންކާގެ ހޭމާސް ގްރޫޕަކީ ރާއްޖޭގެ ވިޔަފާރިއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވާ ވިޔަފާރިއެއް ކަމަށާއި، އިއްތިހާދު އެއާވޭސްގެ ސަބަބުން މިއަދު އެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ފުރުސަތު ލިބިގެން ހިނގައްޖެ ކަމަށެވެ.
"ވަކިން ޚާއްސަކޮށް، މިކަމުން އަޅުގަނޑުމެންނަށް މި ލިބުނީ ދިވެހި މާކެޓު ކުރިޔަށް ވުރެ ބޮޑަށް ދެނެގަތުމަށް ރަނގަޅު ފުރުސަތެއް،" އޭނާ ވިދާޅުވިއެވެ.
އިއްތިހާދު އެއާވޭސް ރާއްޖެއަށް ދަތުރުކުރަނީ ވައިޑް ބޮޑީ އެއާކްރާފްޓެއް ކަމުގައިވާ، އެއާބަސް އޭ330ގައެވެ.
މާލިންގަ ވިދާޅުވީ، ވައިޑް ބޮޑީ އެއާކްރާފެޓެއް ރާއްޖެއަށް ދަތުރުކުރުމަށްޓަކައި ގިނަ ބައެއްގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. އެގޮތުން، އިއްތިހާދު އެއާވޭސްގެ ޕެސެންޖަރ ސޭލްސް އޭޖެންޓުން (ޕީއެސްއޭ)ތަކުގެ ވިޔަފާރި ފުޅާކުރުމަށް އޭނާ ގޮވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި، ޔޫއޭއީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވިއެވެ.