ރާއްޖޭގައި ހިންގަމުން އަންނަ ދެ ރިސޯޓެއް ވިއްކާލަން ނިންމާފައި ވާތީ، އެ ދެ ރިސޯޓުގެ ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށް ޓުއަރިޒަމް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
ޑިސެމްބަރު ފަސްވަނަ ދުވަހު ޓުއަރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރިސޯޓު ތަރައްގީ ކުރަން ދޫކޮށްފައިވާ އއ. ވެލިދޫ އަދި ކ. އަސްދޫ ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިފައިވާ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރަން ހުށަހަޅާފައިވާ ކަމަށެވެ.
އއ. ވެލިދޫގައި ވެލިދޫ އައިލެންޑް ރިސޯޓާއި، ކ. އަސްދޫގައި "ސަން އައިލެންޑް އަސްދޫ" ހިންގަމުން އައީ ޕޮލިކޮމް އިންވެސްޓްމެންޓްސް ކިޔާ ކުންފުންޏަކުންނެވެ. މި ދެ ރިސޯޓު ވިއްކާލުމަށް ޕޮލިކޮމްއިން ނިންމާފައި ވަނީ ކޮން ފަރާތަކަށް ކަމެއް ނޭނގެ އެވެ.
މި ދެ ރަށުގެ އިއުލާން ވެސް ގެޒެޓުގައި ވަކިވަކިން ޝާއިއުކޮށްފައި ވަނީ މިއަދުއެވެ. ޓުއަރިޒަމް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ ގެޒެޓުގައި ޝާއިއުކުރާ ދުވަުން ފެށިގެން 14 ދުވަސް ތެރޭގައި، އެ ރަށާ ގުޅޭ އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ނަމަ އެކަން މިނިސްޓްރީއަށް ލިޔުމަކުން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން އަންގައިދިނުމަށް އެދޭ ކަމަށެވެ.
ވެލިދޫ އައިލެންޑް ރިސޯޓާއި ސަން އައިލެންޑް އަސްދޫ ރިސޯޓު ހިންގުމުގެ ހުއްދަ 2015 ވަނަ އަހަރުގެ މާޗު މަހު ވަނީ ބާތިލުކޮށްފައެވެ. އަދި އެ އަހަރުގެ މެއި މަހު، ވެލިދޫ އައިލެންޑް ރިސޯޓު ހިންގުމުގެ ހުއްދަ އަލުން ދިނެވެ. ނަމަވެސް އަސްދޫ ސަން އައިިލެންޑަށް އެ ހުއްދަ އަލުން ދިންކަމެއް އެނގިފައެއް ނުވެއެވެ.
މީގެ އިތުރުން، ރިސޯޓުގެ ފެންވަރު ދަށްވެގެން، 2013 ވަނަ އަހަރުގެ ތެރޭގައި ވެލިދޫ އައިލެންޑް ރިސޯޓު އެއް މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރިކަން ވެސް ފާހަގަކޮށްލެވެއެވެ.