އެއީ މީގެ އެތަކެއް އަހަރެއް ކުރީން ވެސް އަހާ ނަމެކެވެ. އަވައްޓެރި އިންޑިއާގެ ސިޔާސީ މަސްރަހަށް އިންގިލާބެއް ގެނައި ޝަހުސިއްޔަތެއްގެ ގޮތުގަ އެވެ. ސިޔާސީގޮތުން އޭނާއާ އިދިކޮޅު ފަރާތްތަކުން އޭނާގެ ބޮލުގައި ކޮރަޕްޝަނާއި ފަސާދައިގެ ތޮފި އެޅުވި ކަމުގައިވީ ނަމަވެސް އޭނާ އަށް ތާއީދުކުރާ އެތަކެއް މިލިއަން މީހުން ބުނާ ގޮތުން އެއީ އެމީހުންގެ "އަންމާ" ނުވަތަ މަންމަ އެވެ.
މައިސޫރަށް އުފަން ޖަޔާރަމް ޖަޔަލަލީތާގެ އާއިލާއަކީ ވެސް އޭނާއެކޭ އެއް ފަދައިން އިންޑިއާގައި ފާހަގަކޮށްލެވޭ ފަރާތްތަކެއް ހިމެނޭ އާއިލާއެކޭ ބުނެވިދާނެ އެވެ. ޖަޔަލަލީތާގެ ބައްޕަ ފަރާތު ކާފަ މައިސޫރުގެ ރަސްގެފާނުގެ ޑޮކްޓަރުގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އިރު، މަންމަ ފަރާތު ކާފަ ވަނީ ހިންދުސްތާން އެއިރޮނޯޓިކްސް ލިމިޓެޑްގައި މަސައްކަތްކޮށްފަ އެވެ. އަދި އޭނާގެ މަންމަ އާއި ބޮޑުދައިތައަކީ ދެ އެކްޓަރުންނެވެ.
ޅައުމުރުގައި ފިލްމީ ދާއިރާއަށް ނުކުތީ އާއިލާއަށް އެހީތެރިވުމަށް!
ޖަޔަލަލީތާގެ މަންމަ ފަދައިން އޭނާ ފިލްމީ ދާއިރާއަށް ނިކުތީ އޭނާ ބޭނުންވެގެނެއް ނޫނެވެ. ނަމަވެސް ޖަޔަލަލީތާގެ އުމުރުން ދެ އަހަރުގައި ބައްޕަ ނިޔާވެފައި ވުމުން އޭނާގެ އާއިލާއަށް ޓަކައި ފައިސާ ހޯދަމުން ދިޔަ މަންމައަށް ލުޔެއް ދޭން ޖެހޭކަން ވިސްނިގެންނެވެ. ވަކީލަކަށް ވުމުގެ ހުވަފެން ދޫކޮށްލުމަށް ފަހު އުމުރުން 16 އަހަރުގައި ފިލްމު ކުޅެން ފެއްޓި ޖަޔަލަލީތާ އެދާއިރާއަށް އަލްވަދާއުކީ ބޮކްސް އޮފީހުގައި ކާމިޔާބު 100 އަށް ވުރެ ގިނަ ފިލްމު ކުޅެ، އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު 27 ފަހަރަކު ކާމިޔާބު ކުރުމަށްފަހުގަ އެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_1481185464218sJT.jpg)
ފިލްމީ ދާއިރާ ދޫކޮށް ސިޔާސީ ދާއިރާއަށް
ޖަޔަލަލީތާ ސިޔާސީ ދާއިރާއަށް ތައާރަފް ކޮށްދިން އެމްޖީ ރާމަޗަންދުރަންއާ އޭނާއާ ބައްދަލުވީ ފިލްމީ ދާއިރާއިންނެވެ. ރާމަޗަންދުރަންގެ އިރުޝާދުގެ ދަށުން ސިޔާސީ ދާއިރާގައި ޖަޔަލަލީތާ ކުރިއަރަމުން ދިޔުމުގެ ސަބަބުން ރާމަޗަންދުރަންގެ އަންހެނުން ޖަނާކީ ފަދަ ގިނަ ބަޔެއްގެ ހަސަދައާ ވެސް ޖަޔަލަލީތާ ކުރިމަތިލާން ޖެހުނެވެ.
ރާމަޗަންދުރަން 1987 ވަނަ އަހަރު އަވަހާރަވުމާ ހަމައަށް އެދެބޭފުޅުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮތެވެ. އަދި ރާމަޗަންދުރަންގެ މޫނު ދެއްކުމަށް އޭނާ ބާއްވާފައި އޮތް އެނދު ކައިރީގައި ދެދުވަސް ވަންދެން ގުޑާ ނުލާ ޖަޔަލަލީތާ ހުއްޓެވެ. އެތަނުން އޭނާ ފޮނުވާލުމަށް ޓަކައި ޖަނާކީގެ ގާތް ފަރާތްތަކުން ޖަޔަލަލީތާގެ ގައިގައި ވިކައި، އެނާގެ ފަޔަށް އަރައި އަނިޔާ ކުރަމުން ދިޔަ ނަމަވެސްމެ އެވެ.
އިންޑިއާގެ ދަގަނޑު އަންހެނާގެ ނަމުން މަޝްހޫރު ވާނެ ޖަޔަލަލީތާގެ ހިތްވަރުގަދަކަން އެގައުމަށް ފެންނަން ފެށީ އެހާހިސާބުންނެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_148118544725AkL3.jpg)
ރާމަޗަންދުރަން އަވަހާރަވުމުން އޭނާގެ އޯލް އިންޑިއާ އަންނާ ޑްރެވިދާ މުނެޓްރާ ކަޒަގަމް (އޭއައިއޭޑީއެމްކޭ) ޕާޓީ ދެ ބަޔަކަށް (ޖަޔަލަލީތާއަށް ތާއިދު ކުރާ ފަރާތްތަކާއި ޖަނާކީއަށް ތާއިދު ކުރާ ފަރާތްތަކަށް) ބެހުނު ނަމަވެސް ޖަޔަލަލީތާ އެޕާޓީ އެކަތިގަނޑަކަށް ހަދައި އޭގެ ދެ އަހަރު ފަހުން ޓަމިލް ނާޑޫގެ ގާނޫނު ހަދާ މަޖިލީހުގެ އޮޕޮޒިޝަން ލީޑަަރަށްވި އެވެ.
ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު ކަމަށް
އެއަހަރު ތެރޭގައި އޮތް މަޖިލިސް ބައްދަލުވުމެއްގައި ވެރިކަން ކުރާ ޕާޓީން ހުށަހެޅި ބަޖެޓަށް ޖަޔަލަލީތާ ތާއިދު ނުކުރުމުން އުފެދުނު ހަމަނުޖެހުންތަކުގައި ޖަޔަލަލީތާގެ އިސްތަށިގަނޑަށް ދަމައި އޭނާގެ ސާޅި ވެސް ވީދާފައިވެ އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެދުވަހު ޖަޔަލަލީތާ މަޖިލީހުން ނިކުމެގެން ދިޔައީ ޓަމިލް ނާޑޫގެ ޗީފް މިިނިސްޓަރުގެ ގޮތުގައި އެނބުރި ވަޑައިގަންނަވާނެ ކަމަށް ވައުދުވެފަ އެވެ. އެވައުދާ އެއްގޮތަށް އޭގެ ދެ އަހަރު ފަހުން ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ކަމަށް އޭނާ އިންތިހާބުވި އެވެ.
ޗީފް މިނިސްޓަރުގެ ގޮތުގައި ފަސް ވަނަ ދައުރު ފުރިހަމަ ކުރައްވަމުން ދަނިކޮށް އަވަހާރަވި ޖަޔަލަލީތާގެ ލީޑާޝިޕުގެ ދަށުން ޓަމިލް ނާޑޫ އެންމެ މުއްސަނދި އެއް ސްޓޭޓަށް ހަދާފައިވާ އިރު އޭނާގެ ހަރަދު ކުރުންތަކުގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ ގިނަ ފާޑު ކިޔުންތައް ވެސް އޭނާ އަށް އަމާޒުވި އެވެ. އަދި ކޮރަޕްޝަނުގެ މައްސަލަތަކެއްގައި ދެ ފަހަރަކު ޖަލަށް ވެސް ލާފައިވެ އެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_148118967241QsZ5.jpg)
ނަމަވެސް ޖަޔަލަލީތާއަށް ތާއިދު ކުރާ ފަރާތްތަކުން އެކަމަނާއަށް ކުރާ ތާއިދަށް ބަދަލެއް ނާދެ އެވެ. އެގޮތުން ޖަޔަލަލީތާގެ ސިއްހީ ހާލު ދެރަ ވުމާ ގުޅިގެން އޭނާ ހޮސްޕިޓަލުގައި ބޭއްވުމުން، އޭނާ އަށް ތާއިދު ކުރާ މީހުން ހެޔޮ ދުއާ ކުރުމުގެ ގޮތުން 1.6 ކުރޯޑު ރުޕީސްގެ ގަހަނާ ހަދިޔާ ކުރުމުގެ އިތުރުން، ޖަޔަލަލީތާއަށް ހާޓް އެޓޭކެއް ޖެހުނު ހަބަރާ އެކު ލިބުނު ހިތާމައިގައި އޭއައިއޭޑީއެމްކޭ މެމްބަރަކަށް ވެސް ހާޓް އެޓޭކެއް ޖެހިގެން މަރުވެފައިވެ އެވެ. އެމީހުން އެހާ ވެސް ބޮޑަށް ޖަޔަލަލީތާއަށް ލޯތްބާއި އިހްތިރާމްކުރެ އެވެ.
ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރަކަށް ޖަޔަލަލީތާ ހުންނެވި ދުވަސްވަރު އިންޑިއާގައި އޮތް އަންހެން ކުދިން މެރުމުގެ ސަގާފަތުގެ ސަބަބުން އަންހެން ކުދިންނަށް ވުރެ ފިރިހެން ކުދިން އާބާދީ މާގިނަވާ މައްސަލައަށް މީހުންގެ ސަމާލުކަން ލިބުނެވެ. އެ މައްސަލަ ހައްލު ކުރުމަށް ޓަކައި ވިހެއުމަށް ފަހު ބޭނުން ނުވާ ކުޑަކުދިން އެޑޮޕްޝަނަށް ދިނުމުގެ މަސައްކަތް ކުރާ މަރުކަޒުތައް ޖަޔަލަލީތާގެ ސަރުކާރުން ޓަމިލް ނާޑުގެ ގިނަ ޑިސްޓްރިކްތަކުގައި ގާއިމު ކުރި އެވެ. މީގެ އިތުރުން ޖަޔަލަލީތާގެ ސަރުކާރުން ވަނީ ހުސް އަންހެނުން ތިބޭ ޕޮލިސް ސްޓޭޝަންތަކާއި ލައިބްރަރީތަކާއި ބޭންކުތައް ގާއިމު ކޮށްފަ އެވެ.
ޖަޔަލަލީތާ އަވަހާރަވުން
އާލާސްކަންފުޅެއްގެ ސަބަބުން އެޕޯލޯ ހޮސްޕިޓަލުން ފަރުވާ ހޯއްދަވާތާ 75 ދުވަސް ފަހުން ޖަޔަލަލީތާ އަވަހާރަވީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭގަ އެވެ. އޭރު އޭނާގެ އުމުރުފުޅުން 64 އަހަރެވެ. ޖަޔަލަލީތާގެ ވަކިވެ ދިއުމާ ގުޅިގެން، މުޅި ޓެމިލް ނާޑޫ ހިތާމައިން ފޯވެފައިވާ އިރު އިންޑިއާގެ ސިޔާސީ އެކި ފަރާތްތަކުން ވެސް ދަނީ ޖަޔަލަލީތާ އަވަހާރަވުމަކީ، އިންޑިއާއަށް އަގު ނުކުރެވޭފަދަ ދަރިއަކު ނެތިގެން ދިއުންކަން ފާހަގަކޮށްފަ އެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_14811872843043yi.jpg)
އެގޮތުން އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީ ވަނީ ޖަޔަލަލީތާގެ ދިރިއުޅުން ހޭދަ ކުރައްވާފައި ވަނީ ޓަމިލް ނާޑޫ އަށް އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ގެނައުމުގައި ކަމަށާއި އޭނާ އަވަހާރަވުމުން އެތައް ބައެއްގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ އައިކަންއެއް ގެއްލިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޖަޔަލަލީތާ އަވަހާރަވުމާ ގުޅިގެން އިންޑިއާގެ ސިޔާސީ މައިދާނުގައި ހުސްކަމެއް އުފެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ.