ޖެނުއަރީ 30 އާ ހަމައަށް ސެންޗޫރިއަންގެ ހިއްސާ ގަނެވޭނެ!

ސެންޗޫރިއަން ޕލކގެ ބޯޑުގެ ބައެއް ޑިރެކްޓަރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް، ހިއްސާ ވިއްކަން ފެށި އެންމެ ފުރަތަމަ ދިވެހި ކުންފުނި، ސެންޗޫރިއަން ޕލކއިން ހިއްސާ ވިއްކާ މުއްދަތު އިތުރުކޮށްފިއެވެ.

ސެންޗޫރިއަން ޕލކއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޝިޕިންގް އަދި ލޮޖިސްޓިކްސްގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އެކުންފުނި ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް، ހިއްސާ ވިއްކަން ފެށީ އެކުންފުނީގެ އިނީޝަލް ޕަބްލިކް އޮފަރިންގް ފެށީ އޮކްޓޫބަރު 20 ވަނަ ދުވަހު އެވެ. އަދި ކުރިން ހަމަޖެހިފައި އޮތީ، ޑިސެމްބަރު 13 އާ ހަމައަށް ހިއްސާ ވިއްކުމުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ.

އެހެން ނަމަވެސް، ނޮވެމްބަރު މަހުގެ ތެރޭގައި އިންޓަނެޓް ޚިދުމަތަށް މައްސަލަތަކެއް ދިމާވެ، ސެންޗޫރިއަންއިން އޮންލައިންކޮށް ހިއްސާ ވިއްކުމުގެ ކަންކަމަށް ވަނީ ބުރޫ އަރާފައެވެ. މީގެ އިތުރުން، ސެންޗޫރިއަނުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ދަތުރުކޮށް، ހިއްސާ ވިއްކުމުގެ ކަންކަން ކުރަމުން ދާ އިރު، އެކަން ފުރިހަމަ ކުރުމަށް ވެސް އިތުރަށް ވަގުތު ބޭނުންވެއެވެ.

"އަޅުގަނޑުމެންގެ އައިޕީއޯގެ ޑެޑްލައިން، 30 ޖެނުއަރީއަށް ވާނީ އެކްސްޓެންޑު ކޮށްފައި. އެއީ އިންޓަނެޓަށް ދިމާވި މައްސަލަތަކާ ހުރެ އޮންލައިން ސަބްސްކިޕްޝަން ކުރިޔަށް ގޮސްފައިވަނީ އަޅުގަނޑުމެން ރޭވި މިންވަރަށް ވުރެ 40 ޕަސަންޓު ދަށްކޮށް. އަދި އުތުރުގެ އަތޮޅުތަކަށް އަޅުގަނޑުމެންނަށް ނުދެވޭ،" ސެންޗޫރިއަން ޕލކގެ ޗެއާމަން، ކެޕްޓަން އަހްމަދު މައުމޫން ވިދާޅުވިއެވެ.

ކެޕްޓަން މައުމޫން ވިދާޅުވީ، އައިޕީއޯގެ މުއްދަތު އަންނަ އަހަރުގެ ޖެނުއަރީއާ ހަމައަށް ފަސްކުރުމުގެ ހުއްދަ ކެޕިޓަލް މާކެޓު ޑިވެލޮޕްމެންޓް އޮތޯރިޓީން ދީފައިވާ ކަމަށެވެ.

ސެންޗޫރިއަނުން މީގެ ކުރިންވެސް ވަނީ، އައިޕީއޯގެ މުއްދަތު އިތުރުކުރަން ހުށަހަޅާނެކަން ހާމަކޮށްފައެވެ.

އެ ކުންފުނިން ހިއްސާ ވިއްކަނީ ހިއްސާއެއް 25 ރުފިޔާގެ މަގުން، 6.7 މިލިޔަން ހިއްސާ އެވެ. އެއީ ކުންފުނީގެ 49 ޕަސަންޓު ހިއްސާއެވެ. ހިއްސާ ގަންނަ ފަރާތަކުން މަދުވެގެން ހަތަރު ހިއްސާ ގަންނަން ޖެހެ އެވެ. އެއީ 100 ރުފިޔާގެ އިންވެސްޓްމެންޓެކެވެ.

ސެންޗޫރިއަން ޕލކގެ ޗެއާމަން ކެޕްޓަން އަހްމަދު މައުމޫން (ކެޕްޓަން މާނު) މީގެ ކުރިން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސެންޗޫރިއަންގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ގެއެއްގައި ވެސް ސެންޗޫރިއަންގެ ހިއްސާދާރެއް ހުރުން ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ މީގެ 50 އަހަރު ފަހުން ވެސް ރާއްޖޭގެ ލީޑިންގް ޝިޕިންގް ލޮޖިސްޓިކްސް ކުންފުނީގެ ގޮތުގައި އޮވެ، ރާއްޖެ ސަރަހައްދުގައި ރިކޮގްނައިޒަބަލް ފުޓްޕްރިންޓެއް އޮންނާނެ ވަރުގެ ކުންފުންޏަކަށް ވުން،" އޭނާ ވިދާޅުވިއެވެ.

ސެންޗޫރިއަން ޕލކއިން ހިއްސާ ވިއްކައިގެން ހޯދާ 168 މިލިޔަން ރުފިޔާ ހޭދަކުރުމަށް ނިންމާފައި ވަނީ ކުންފުންޏަށް ހަރު މުދާ ނުވަތަ ކެޕިޓަލް އެސެޓްސް ހޯދުމަށެވެ.

އެކުންފުނީގެ ހިއްސާ ގަތުމުގެ ކަންކަން މާލޭގެ 12 ތަނަކާއި، ހުޅުމާލެއާއި ވިލިމާލޭގެ އިތުރުން ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، ނ. މަނަދޫ، ނ. ވެލިދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ، ޅ. ނައިފަރު، އއ. ރަސްދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ޕޯސްޓް އޮފީސްތަކުގައި ހަމަޖެހިފައި ހުންނާނެއެވެ.

comment ކޮމެންޓް