ހަލަބްގައި ހިނގާ ހަނގުރާމަ ހުއްޓާލުމާބެހޭ ގަރާރާ ދެކޮޅަށް ރަޝިޔާއާއި ޗައިނާ ވީޓޯކޮށްފި

އދ. މަޖިލިސް (ޑިސެމްބަރު 6): ސޫރިޔާގެ ހަލަބްގައި ހިނގަމުންދާ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމާބެހޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަކާ ދެކޮޅަށް ރަޝިޔާއާއި ޗައިނާއިން ވީޓޯގެ ބޭނުންކޮށް އެގަރާރު ބާތިލްކޮށްލައިފިއެވެ.

ވީޓޯ ކުރުމަށްފަހު ރަޝިޔާއިން ބުނެފައިވަނީ ވީޓޯ ކުރަންޖެހުނީ އެ ގަރާރަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުމަށް، ގަރާރު ހުށަހެޅި ގައުމުތަކުން ދެކޮޅުހެދުމުގެ ސަބަބުން ކަމުގައެވެ. ރަޝިޔާއިންވަނީ ހަމަލާތައް ހުއްޓާލުމުގެ ގަރާރުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި އދ. ން ސިފަކުރާ ޖަބްހަތުއްނުސްރާ ފަދަ ޖަމާއަތްތައް ހަލަބުން ބޭރުވުމުގެ މައްސަލަ ހިމެނުމަށް އެދިފައެވެ. ނަމަވެސް ގަރާރަށް ވޯޓުދިނުމަށް ސަލާމަތީ މަޖިލީހަށް ހުށަހެޅީ މިއިސްލާޙް ނުހިމަނައެވެ.

ޖަބްހަތުއްނުސްރާއަކީ އައިއެސް ޖަމާއަތްފަދަ ޓެރަރިސްޓް ޖަމާއަތެކެވެ. އެ ޖަމާއަތުގެ ނަން ޖަބްހަތުފަތުހުއްޝާމްގެ ނަމަށް ބަދަލުކުރިނަމަވެސް އެ ޖަމާއަތުގެ ހަރަކާތްތަކާއި އަސްކަރީ އަގީދާއަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ބައިނަލްއަގްވާމީ މުޖްތަމައުން ދެކެއެވެ. ހަލަބްގައި ހިނގަމުންދާ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމާބެހޭ ގަރާރު ސަލާމަތީ މަޖިލީހަށް ހުށަހެޅީ ނިއުޒިލޭންޑާއި މިސްރާއި ސްޕޭން ގުޅިގެންނެވެ.

މިގަގާރު ގޮވާލަނީ ހަލަބްގައި ހާލުގައި ޖެހިފައިވާ އާންމުންނަށް ކާބޯތަކެއްޗާއި ބޭހާއި އަންނައުނާއި އެނޫންވެސް އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށްޓަކައި 10 ދުވަހުގެ މުއްދަތަށް ހަމަލާތައް ހުއްޓާލުމަށެވެ. ރަޝިޔާއިންވަނީ ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތައް ހަލަބްގައި ހަރަކާތްތެރިވާހާ ހިނދަކު ހަމަލާތައް މެދުކަނޑާލުމަށް ދެކޮޅު ހަދާފައެވެ.

ހަލަބްގައި ހަނގުރާމަ ހިނގަމުންދަނީ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ކޮންޓްރޯލް ދަށުގައިވާ ސަރަހައްދުތަކުގައެވެ. މި ސަރަހައްދުތަކަށް ރަޝިޔާއާއި ސޫރިޔާއިން ގެންދަނީ މެދުކެނޑުމެއްނެތި ވައިގެ ޙަމަލާތައްދެމުންނެވެ. މި ހަމަލާތަކާއެކު ބިމުން ހަނގުރާމަކުރާ ސޫރިޔާ ސިފައިން ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައިވަނީ މީގެތެރެއިން އެތަށް ސަރަހައްދެއް ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އަލުން ގެނަސްފައެވެ. ނަމަވެސް މިކަމުގެ ވޭނާއި ކެކުޅުން ތަހައްމަލް ކުރަމުން ގެންދަނީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންނެވެ. އިދިކޮޅު ޖަމާއަތްތަކާ ދެކޮޅަށް ރަޝިޔާއާއި ސޫރިޔާ ސިފައިން ކުރާ ހަނގުރާމައިގާ އާންމުންގެ އެތަށް ހާސްބަޔަކުވަނީ މަރާލާފައެވެ.

ރަޝިޔާއާއި ސޫރިޔާ އިން ހަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލަން އެއްބަސްވަނީ ހަނގުރާމަވެރި ހުރިހާ ޖަމާއަތްތަކެއް (އިދިކޮޅު ޖަމާއަތްތަކާއި ޖަބްހަތުއްނުސްރާފަދަ ޓެރަރިސްޓް ޖަމާއަތްތައްވެސް ހިމެނޭގޮތަށް) ހަލަބްގެ ހުރިހާ ސަރަހައްދަކުން ނުކުތުމުންނެވެ. މިކަމަށް ޓަކައި ރަޝިޔާއާއި ސޫރިޔާ ސަރުކާރުންވަނީ އެ ޖަމާއަތްތަކަށް މުހުލަތެއްވެސް ދީފައެވެ. ނަމަވެސް އެ މުހުލަތުގައި އެއިން އެއްވެސް ޖަމާއަތެއް ހަލަބުން ނުކުމެފައެއް ނުވެއެވެ.

ހަލަބްގައި ހިނގަމުންދާ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމާބެހޭ ގަރާރާދެކޮޅަށް ރަޝިޔާއާއި ޗައިނާއިން ވީޓޯކުރުމުން އެމެރިކާވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއާއެކު އެމެރިކާއަށްވަނީ ކުރިން ދުނިޔޭގެ ކަންކަން އެމެރިކާ ކޮންޓްރޯލްކުރިނަމަވެސް މިހާރު އެމެރިކާއަށް އެފުރްސަތު ގެއްލި އެމެރިކާއަށް ފާޅުގައި ގޮންޖަހާ އެތަށް ބާރެއް ބައިނަލްއަގްވާމީ މުޖްތަމައުން ފާޅުވެ އެމެރިކާއާ ވާދަވެރި ގޮތެއްގައި ހަރަކާތްތެރިވާން ފަށާފައިވާކަން އިޙްސާސް ކުރެވިފައެވެ.

ސޫރިޔާއާބެހޭ މިގަރާރަކީ އެމެރިކާގެ ތާއީދާއެކު ނިއުޒިލޭންޑާއި މިސްރާއި ސްޕޭނުން ހުށަހެޅި ގަރާރެކެވެ. އެމެރިކާއަކީވެސް އެމެރިކާގެ މަސްލަހަތާ ފުށުއަރާ ކޮންމެ ގަރާރަކާ ދެޅަށް ވީޓޯގެ ބާރު ބޭނުން ކުރަމުންގެންދާ ގައުމެކެވެ. ޚާއްސަކޮށް ފަލަސްތީނުގެ މައްސަލާގައި އިސްރާއީލާ ދެކޮޅަށް ހުށަހަޅާ ކޮންމެ ގަރާރަކާ ދެކޮޅަށް އެމެރިކާވަނީ ވީޓޯގެ ބޭނުންކޮށްފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް