ޖަޔަލަލީތާއަށް ހާޓް އެޓޭކެއް ޖެހިއްޖެ

ޖަޔާލަލީތާއަށް ތާއިދު ކުރާ ފަރާތްތަކުން އެޕޯލޯ ހޮސްޕިޓަލް ކައިރިއަށް އެއްވެފައި -- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ (ޑިސެމްބަރު 5): އިންޑިއާގެ ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ޖަޔާރަމް ޖަަޔަލަލީތާއަށް ރޭ ހާޓް އެޓޭކެއް ޖެހިއްޖެ ކަމަށް އޭނާ އެޑްމިޓް ކޮށްފައިވާ އެޕޯލޯ ހޮސްޕިޓަލުން ބުނެފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެޕޯލޯ ހޮސްޕިޓަލުގައި އެޑްމިޓް ކުރި ޖަޔާލަލީތާގެ ހާލުކޮޅާ ބެހޭ ގޮތުން އެ ހޮސްޕިޓަލުން ކުރި ޓުވީޓެއްގައިވާ ގޮތުން "ޑޮކްޓަރުން ދަނީ ޗީފް މިނިސްޓަރުގެ ހާލު މޮނިޓާކޮށް، އެމީހުންނަށް ކުރެވެން އޮތް ހުރިހާ ކަމެއް" ކުރަމުންނެވެ.

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރުކަން ތިން ވަނަ ދައުރަކަށް ކުރައްވަމުން ގެންދަވާ ޖަޔަލަލީތާގެ ހާލު ދެރަވުމުގެ ސަބަބުން މިދިޔަ އޮކްޓޯބަރު މަހު އޭނާގެ ޒިންމާތައް ވަނީ އޭނާގެ އަރިސް ފަރާތެއް ކަމަށްވާ ޓަމިލް ނާޑޫގެ ފިނޭންސް މިނިސްޓަރު، އޯ ޕަނީރުސެލްވަމްއާ ހަވާލުކޮށްފައެވެ.

ޖަަޔަލަލީތާގެ ބައްޔާ ބެހޭ ގޮތުން އޮފިޝަލުން މައުލޫމާތު ހާމަ ނުކުރުމުގެ ސަބަބުން އޭނާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން އިތުބާރު ނުހިފޭ ވާހަކަ ފެތުރުން ވަނީ އާއްމުވެފައެވެ. އެކަން ހުއްޓުވުމުގެ ގޮތުން މިދިޔަ މަހު ޗެންނާއީގެ ފުލުހުން ވަނީ ޖަޔާލަލީތާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ދޮގު ހަބަރު ފެތުރި ދެ މީހަކު ހައްޔަރުކޮށްފައެވެ.

އަދި ޖަޔާލަލީތާގެ ސިއްހީ ހާލަތު ގޯސް ކަމަށް ބުނެ ހަބަރު ފަތުރައިފި ނަމަ އޭނާއަށް ތާއިދު ކުރާ މީހުން އަމިއްލަ ނަފްސަށް އަނިޔާ ކުރުން ނުވަތަ ހަމަނުޖެހުން އުފެއްދުމަކީ އެކަށީގެންވާ ކަމެއްކަމަށް ވަތީ، ފުލުހުން ވަނީ އެޕޯލޯ ހޮސްޕިޓަލާއި ޖަޔާލަލީތާގެ ގެ ކައިރީ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައެވެ. (ބީބީސީ)

comment ކޮމެންޓް