އެސޯސިއޭޝަންތަކުގެ ހުށަހެޅުންތައް ހިމަނައިގެން ކުޅިވަރު އިޖްލާސްގެ ރިޕޯޓް ނެރެފި

ކުޅިވަރު އިޖްލާސް 2016ގެ ރިޕޯޓް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާން ނެރެދެއްވަނީ(މ) --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޅިވަރު އެސޯސިއޭޝަންތަކާއެކު ސްޕޯޓްސް ކޯޕަރޭޝަނުން ބޭއްވި 'ކުޅިވަރު އިޖްލާސް' މަޝްވަރާތަކުގެ ރިޕޯޓް ނެރެފި އެވެ.

މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ކުޅިވަރު އިޖްލާސް 2016ގެ ރިޕޯޓް ނެރެދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް އެވެ.

ކުޅިވަރު އިޖްލާސް ރިޕޯޓް 2016 ނެރުމަށް ޖެން ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ރަސްމިއްޔާތުގައި ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމްގެ އިތުރުން އެ ވުޒާރާގެ އިސްވެރިންނާއި ކުޅިވަރު އިޖްލާސްގައި އިސްކޮށް މަސައްކަތްކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އާއި، ސްޕޯޓްސް ކޯޕަރޭޝަންގެ އިސްވެރިންނާއި ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ނަޝީދު (ޑޭވް) އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެލެއްވި އެވެ.

މިއަދު ނެރުނު އެ ރިޕޯޓްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ކުރިއަށްގެންދިޔަ ކުޅިވަރު އިޖްލާސްގައި ކުޅިވަރު އެސޯސިއޭޝަންތަކުން ހިއްސާކުރި މައުލޫމާތުތަކާއި ކަންބޮޑުވުންތަކާއި ކުޅިވަރުގެ ދާއިރާއިން އެސޯސިއޭޝަންތަކުން ހޯދި ކާމިޔާބީތައް ހިމެނެ އެވެ.

ކުޅިވަރު އިޖްލާސް ރިޕޯޓް 2016 ނެރުމަށް ޖެން ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ އިތުރުން އެ ދުވަހުގެ ކުޅިވަރު އިޖްލާސް ބައްދަލުވުމުގައި ސްޕޯޓްސް ކޯޕަރޭޝަނުން ކުޅިވަރު އެސޯސިއޭޝަންތަކަށް ހިއްސާކުރި މައުލޫމާތުތަކާއި އެ ބައްދަލުވުން ކުރިއަށްދިޔަ ގޮތުގެ ތަފްސީލް ރިޕޯޓުގައި ހިމަނާފައިވެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލްރައްޒާގު އިބްރާހިމް ވިދާޅުވީ، ކުޅިވަރު އިޖްލާސް އަކީ ކުޅިވަރު އެސޯސިއޭޝަންތައް އެއްތަނަކަށް އެއްވެ ކުރިއަށްގެންދެވުނު ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި، އެ ބައްދަލުވުމުގައި އެސޯސިއޭޝަންތަކުން ހުށަހެޅުއްވި ކަންތައްތައް ފުރިހަމަ ކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

comment ކޮމެންޓް