ކުޑަކުދިންގެ ވާހަކަ ދެއްކުމާ ބެހޭ ގޮތުން ޑރ. ނިޔާފްގެ މި ވާހަކަތައް އެނގުން މުހިންމު!

ޑރ. އަބްދުﷲ ނިޔާފް: ކުޑަކުދިން ވާހަކަދެއްކުން ލަސްވުމާ ބެހޭގޮތުން ނިޔާފްވަނީ ވާހަކަފުޅު ދައްކަވާފައި --- ފޮޓޯ// ފޭސްބުކް

ކުއްޖާ ބޮޑުވަމުން އަންނަ ދުވަސްވަރު ބައެއް ކުދިން ވާހަކަދައްކަން ފަށާލެއް ލަސްވެގެން ނުވަތަ ބަސްތައް ކިޔާއިރު ފުރިހަމައަށް ނުކިޔާތީ އެވާހަކަ ބެލެނިވެރިން ދައްކައެވެ. އެފަދަ މައްސަލަތަކާ ހުރެ ޑޮކްޓަރަށް ދައްކަންދާ މީހުން ވެސް ވަރަށް ގިނައެވެ. ވާހަކަ ދެއްކުމުގެ މައްސަލަތައް ދިމާވަނީ ނޭނގި ކުރެވޭ ބައެއް ކަންކަމުގެ ސަބަބުންނާއި ކުއްޖާގެ އާންމު ދިރިއުޅުމުގައި އަމަލުތައް ހުންނަ ގޮތުން ކަމަށް ކުޑަކުދިންގެ ހާއްސަ ޑރ. އަބްދުﷲ ނިޔާފް ފާހަގަކުރެ އެވެ.

ދުވަސްވީ މީހުންނާއި ބައެއް ބެލެނިވެރިންނާ ވާހަކަ ދައްކާލުމުން، މީގެ ކުރިން ކުޑަކުދިންގެ ވާހަކަ ދެއްކުމުގެ މައްސަލަތައް ހުންނަ ވަރަށް ވުރެ ގިނައިން މިހާރު އެމައްސަލަތައް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ. އެފަދަ މައްސަލަތައް ދިމާވަނީ ކުއްޖާ އުޅޭ މާހައުލުގެ ސަބަބުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނިޔާފް ވިދާޅުވި އެވެ.

ކަނީ ޓީވީ ހުޅުވައިގެން. މަންމަ ގޭތެރޭގައި މަސައްކަތެއް ކުރަންވީމާ ޓީވީ ކުރިމަތީ ބައިންދާލާފައި ގޮސް ކުރަނީ. ޓީވީން އެއްޗެއް ނާންނަންޏާ ވީޑިއޯ ޖައްސަނީ، ޔޫޓިއުބް އަޅުވަނީ. ފޯނު ދީފައި ބައިންދަނީ، ޑރ. ނިޔާފް

ޓީވީ ދައްކާ ނަމަ ވާހަކަ ދައްކަން ފަށާލެއް ލަސްވެދާނެ

މިހާރަކަށް އައިސް ކުއްޖާ ބޮޑުވެގެން އަންނަ އިރު މާ އަވަހަށް ޓީވީ ދައްކަން ފަށާކަން ފާހަގަކޮށް ޑރ. ނިޔާފް ވިދާޅުވީ އެއީ ވެސް ކުއްޖާ ވާހަދައްކަން ފެށުން ލަސްވެ މީހުންނާ ގުޅިގެން އުޅުން ދުރުވާ ސަބަބަކަށް ވެދާނެ ކަމަށެވެ.

" ކަނީ ޓީވީ ހުޅުވައިގެން. މަންމަ ގޭތެރޭގައި މަސައްކަތެއް ކުރަންވީމާ ޓީވީ ކުރިމަތީ ބައިންދާލާފައި ގޮސް ކުރަނީ. ޓީވީ އިން އެއްޗެއް ނާންނަންޏާ ވީޑިއޯ ޖައްސަނީ ޔޫޓިއުބް އަޅުވަނީ. ފޯނު ދީފައި ބައިންދަނީ،" ޑރ. ނިޔާފް ވިދާޅުވި އެވެ.

ކުޑަކުއްޖަކު ޓީވީ ބަލަނީ: މާ ގިނައިން ޓީވީ ދައްކަން ފަށާލެއް ލަސްކަމަށް ޑރ ނިޔާފު ވިދާޅުވި --- ފޮޓޯ/ ގޫގުލް

އެ އެއްޗިހި ހެދިފައި ހުންނަނީ ކުދިން ޝައުގުވެރިވާ ގޮތަށް މަންޒަރުތަކަކާ އެކު ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ. އެހެންވުމުގެ ސަބަބުން ކުއްޖާ އެޔަށް މާބޮޑަށް ގެއްލި ދޭދޭ މީހުންގެ ދެމެދުގައި ދައްކާ ވާހަކަތަކަށް ޝައުގުވެރިކަމެއް ނުބައްހަޓައި، އަދި ވާހަކަ ދެއްކުމަށް ވެސް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމަށް ނިޔާފް ވިދާޅުވި އެވެ.

ބައިނަލް އަގްވާމީ މެޑިކަލް ޖާނަލްތަކާ ސިމްޕޯސިއަމްތަކުގައި ވެސް، މާ ގިނައިން ޓީވީ ދެއްކުން އެއީ ކުއްޖާ ވާހަކަ ދެއްކުމުން ދުރުވާ ސަބަބެއް ގޮތުގައި ފާހަގަކޮށްފައިވާ ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.

މާ ގިނައިން ކުއްޖާއަށް ޓީވީ ދެއްކުމުގެ ބަދަލުގައި ބެލެނިވެރިޔާ އަމިއްލަޔަށް ކުއްޖާއާ ވާހަކަ ދެއްކުމާއި އެކުގައި ކުޅިވަރެއް ކުޅުން ނުވަތަ ވާހަކައެއް ކިޔާދިނުން ފަދަ ކަމެއްވެސް ކުރެވިދާނެ އެވެ.

ގޭގައި މީހުން މަދު ނަމަވެސް ވާހަކަ ދެއްކުން ލަސްވެދާނެ

މީގެ އަހަރުތަކެއް ކުރިން އާއިލާތަކަކީ ބޮޑެތި އާއިލާތައް ކަމަށާއި ނަމަވެސް މިހާރު ދިރިއުޅެނީ ދަރިފުޅާއި މަންމަ އަދި ބައްޕަ ކަމަށް ނިޔާފް ވިދާޅުވި އެވެ. އެހެންވުމުގެ ސަބަބުން ކުއްޖާ ގިނަ މީހުންނާ ދިމާވެ ވާހަކަ ދެއްކުމުގެ ފުރުސަތު ނުލިބުމުން ވެސް ވާހަކަ ދެއްކުން ލަސްވެދާނެ ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.

ކުއްޖަކު އެކުއްޖާގެ މަންމައާ ވާހަކަދައްކަނީ : ގޭގައި މީހުން މަދު ނަމަވެސް ކުދިން ވާހަކަދައްކަން ފަށާލެއް ލަސްވާ ކަމަށް ޑރ ނިޔާފް ވިދާޅުވި --- ފޮޓޯ/ ގޫގުލް

"ކުރީގައި އާއިލާތަކަކީ ވަރަށް ބޮޑެތި އާއިލާތައް. މާމަ އަދި އާއިލާގެ އެހެން މެމްބަރުންގެ ކުދިން ހުރިހާ އެންމެ އެއްކޮށް އެއްގެއެއްގައި ދިރިއުޅެނީ. އެހެންވީމާ ކުދިން އެހެން ކުދިންނާ ދިމާވެ އުމުރުފުރާގެ ކުދިން ގާތްކޮށް އުޅެ، ކުޅެ މައްސަލަޖެހި ތޮޅެ، މިހުރިހާ ތަފާތު ބާވަތްތަކުގެ އިންޓަރެކްޝަން ހިނގަން ފުރުސަތު ލިބޭ މާހައުލެއްގައި ކުދިން ބޮޑުވެގެން އައީ،" ޑރ. ނިޔާފް ވިދާޅުވި އެވެ.

ނަމަވެސް މިހާރު އާއިލާތައް ކުދިވެ މަންމައަކާއި ބައްޕައެއް އަދި ދަރިފުޅެއް އުޅެން ޖެހުނީމާ ތުއްތު ދަރިފުޅަށް އެހެން ކުޑަކުދިން ނުފެނި، އެކުދިންނާ އެއްކޮށް އުޅެން ފުރުސަތު ނުލިބޭ ކަމަށް ނިޔާފް ވިދާޅުވި އެވެ.

ދޭދޭ މީހުންގެ މެދުގައި ކުދިން ބާއްވަން ޖެހޭ ގުޅުމަށް ބުރޫއަރާ ކަމެއް މިއީ. އެކުދިންގެ އުމުރުފުރާގެ ކުދިންނާ ބައްދަލު ނުވުން. މިކަން ރާއްޖޭގައި ހާއްސަކޮށް މާލޭގައި ވަރަށް ބޮޑަށް އިތުރުވޭ، ޑރ. ނިޔާފް

"ދޭދޭ މީހުންގެ މެދުގައި ކުދިން ބާއްވަން ޖެހޭ ގުޅުމަށް ބުރޫއަރާ ކަމެއް މިއީ. އެކުދިންގެ އުމުރުފުރާގެ ކުދިންނާ ބައްދަލު ނުވުން. މިކަން ރާއްޖޭގައި ހާއްސަކޮށް މާލޭގައި ވަރަށް ބޮޑަށް އިތުރުވޭ،" ޑރ. ނިޔާފް ވިދާޅުވި އެވެ.

ކުދިންނަށް ބަހުގެ މައްސަލަތައް ދިމާވޭ

ވާހަކަ ދައްކަން ފަށާ ދުވަސްކޮޅު ކުއްޖާއަށް ބައެއް ބަސްތައް ކިޔަން އުނދަގޫ ވުމާއި ވާހަކަ ދައްކާ އިރު ބަސްތައް ރަނގަޅަށް ކިޔަން ނޭންގުން ފަދަ މައްސަލަތައް ދިމާވާ ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.

އެހެން ދިމާވަނީ ކުއްޖާ އުޅޭ މާހައުލުން އެކި ގޮތަށް ވާހަކަ ދައްކާ މީހުންގެ ވާހަކަތައް އަޑުއިވި ރަނގަޅީ ކޮންގޮތެއްކަން ކުއްޖާއަށް އޮޅޭ ހިސާބަށް ދިއުމުން ކަމަށް ނިޔާފް ވިދާޅުވި އެވެ.

ކުޑަކުއްޖެއް އަތުގައި ކުލަ އުނގުޅައިގެން: ކުދިންނާ ދެ ބަހެއް އެއްކޮށްގެން ވާހަކަ ނުދެއްކުމަށް ޑރ ނިޔާފް ނަސޭހަތްތެރިވި --- ފޮޓޯ/ ގޫގުލް

"ބައެއް އާއިލާތަކުގައި އެއް ބެލެނިވެރިއަކު ބޭނުން ވަނީ ދަރިފުޅާ އިނގިރޭސިން ވާހަކަދައްކަން. އަނެއް ބެލެނިވެރިއަކު ދިވެހިން ވާހަކަ ދައްކަން. މާމަ ދައްކަނީ އައްޑޫ ބަހުރުވައިން. ގޭގައި ގެންގުޅޭ ބަންގްލަދޭޝް މީހާ ޒާތަކަށް ދިވެހި ބަހުން. އެހެންވީމާ ކުޑަކުއްޖާއަށް މިވާގޮތަކީ އިވެނީ ފަންކާ ފޭން ޕަންކާ މިގޮތަށް ބައިވަރު ނަންތަކެއް އެކައްޗަކަށް ކިޔާތަން. އެހެންވީމާ ދަރިފުޅަށް އެތަނުން ބޭނުން ކުރަންވީ ކޮން ބަހެއްކަން ނޭނގޭ،" ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާގެ ރައީސްކަންވެސް ކުރައްވާ ޑރ. ނިޔާފް ވިދާޅުވި އެވެ.

މިކަންކަމަށް ބެލެނިވެރިން އަހުލުވެރިވުމަށް ޑރ. ނިޔާފް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް