ގަމުން ކޮލޮމްބޯއަށް، 359 ޑޮލަރުގެ ޕެކޭޖެއް އިނާ މޯލްޑިވްސް އިން ތައާރަފުކޮށްފި

ސްރީލަންކަން އެއާލައިންސް އިން ގަމަށް ޖެއްސި ފުރަތަމަ ފްލައިޓު -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ސްރީލަންކަން އެއާލައިންސްއިން ސްރީލަންކާގެ ކޮލޮމްބޯއާއި އައްޑޫ ސިޓީއާ ދެމެދު ސީދާ ދަތުރުތައް ފަށާފައިވާ އިރު، އައްޑޫއިން ކޮލޮމްބޯއަށް ފުރާ ފަރާތްތަކަށް ޚާއްސަ ޕެކޭޖެއް އިނަރ މޯލްޑިވްސް ހޮލިޑޭޒްއިން ތައާރަފު ކޮށްފި އެވެ.

އިނާ މޯލްޑިވްސް ހޮލިޑޭޒްގެ އޭވިއޭޝަން މެނޭޖަރު އަހްމަދު އިޖާޒް "ސަން" އަށް ވިދާޅުވީ، އިނާ މޯލްޑިވްސް އިން 2007 ވަނަ އަހަރުން ފެށިގެން ސްރީލަންކަން އެއާލައިންސް ދަތުރުކުރާ މަންޒިލުތަކަށް ޚާއްސަކޮށްގެން އެކޮމޮޑޭޝަނާއި، ދެކޮޅު ޓިކެޓުގެ އިތުރުން ޓުއާތައް ހިމެނޭ ޕެކޭޖުތަކެއް ދަތުރުވެރިންނަށް ހުށަހަޅަމުން އަންނަ ކަމަށެވެ.

އިޖާޒް ވިދާޅުވީ، ޑިސެމްބަރު އެއްވަނަ ދުވަހު ސްރީލަންކަންއިން ރާއްޖޭގެ އާ މަންޒިލަކާ ކޮލޮމްބޯއާ ގުޅުވައިދީފައިވާ އިރު، އެ މަންޒިލުން ކޮލޮމްބޯއަށް ދާ ފަރާތްތަކަށް ޚާއްސަ ޓުއާ ޕެކޭޖެއް އިނާ މޯލްޑިވްސްއިން ތައާރަފު ކޮށްފައިވާ ކަމަށެވެ.

"ކުރިން މަސައްކަތް ކުރީ މާލެ އެއާޕޯޓުން. މިހާރު މިކަން ބަދަލުވެއްޖެ. މިހާރު ގަން ކޮލޮމްބޯ ސީދާ ފްލައިޓުތަކާ އެކު ގަމުން ކޮލޮމްބޯއަށް ވެސް ޕެކޭޖުތަކެއް ތައާރަފު ކޮށްފިން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިނާ މޯލްޑިވްސްއިން ތައާރަފުކޮށްފައިވާ ޕެކޭޖަކީ، ގަން-ކޮލޮމްބޯ ދެކޮޅު ޓިކެޓާރި، ކޮލޮމްބޯގެ ތިން ތަރީގެ ހޮޓަލެއްގައި ދެ ރޭގެ ހުރުމުގެ އިތުރުން ކޮލޮމްބޯގެ ޓުއާ ދަތުރުތަކެއް ހިމަނައިގެން، 359 ޑޮލަރުގެ އަގަކުން ފަށައިގެން، ވިއްކާ ޕެކޭޖެއް ކަމަށެވެ.

މި ޕެކޭޖު، މިހިނގާ ޑިސެމްބަރު މަސް ނިމެންދެން އިނާ މޯލްޑިވްސްއިން ވިއްކަމުން ގެންދާނެ އެވެ.

އިޖާޒް ވިދާޅުވީ، ސްރީލަންކަން ކޮލޮމްބޯއިން ސްރީލަންކަން އެއާލައިންސް ދަތުރުކުރާ އެހެން މަންޒިލުތަކަށް ވެސް މިފަދައިން ދެވޭ ޕެކޭޖުތަކެއް ކުރިޔަށް އޮތް ތަނުގައި އިނާ މޯލްޑިވްސް އިން ތައާރަފު ކުރާނެ ކަމަށެވެ.

ސްރީލަންކާއަކީ އެންމެ ގިނަ ދިވެހީން ދަތުރުކުރާ، ރާއްޖެއިން ބޭރުގެ މަންޒިލެވެ. އަދި ސްރީލަންކަން އެއާލައިންސްއަކީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއާ ބޭރު ދުނިޔެއާ ގުޅުވައިދޭ އެއާލައިނެވެ.

ސްރީލަންކާގެ ޓުއަރިޒަމް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހިސާބުތައް ދައްކާ ގޮތުގައި އެގައުމަށް ހަވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރަނީ ރާއްޖެއިންނެވެ. ނިމިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް 69،000 އަށް ވުރެ ގިނަ ދިވެހީން ލަންކާއަށް ދިޔައެވެ.

ސްރީލަންކަން އެއާލައިންސްއިން އައްޑޫ ސިޓީގެ ގަމާއި ކޮލޮމްބޯއާ ގުޅުވާލުމަކީ މި އަދަދު އިތުރުވެގެން ދާނެ ކަމެއް ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް