ބަންގްލަދޭޝް އިލްމުވެރިޔަކު ރާއްޖެ ގެނެސް ބިދޭސީންނަށް ދަރުސް ދެނީ

ބަނގުލަދޭޝް ރައްޔިތުންނަށް ދަރުސްދޭން ސަލަފުން ރާއްޖެ ގެނައި ޝެއިހް، ޑރ. ޝަހީދުއްﷲ މަދަނީ

ރާއްޖޭގައި ދިރިއުޅޭ ބަންގުލަދޭޝް ރައްޔިތުންނަށް ދީނީ ނަސޭހަތް ދިނުމަށް ޖަމިއްޔަތުލް ސަލަފުން ބަންގުލަދޭޝްގެ މަޝްހޫރު ދީނީ އިލްމުވެރިއަކު ރާއްޖެ ގެނެސްފިއެވެ.

މިއީ ރާއްޖޭގައި އުޅޭ ބަންގުލަދޭޝް ރައްޔިތުންނަށް ވެސް އެއްވެސް ތަފާތު ކުރުމެއް ނެތި ދީނީ ހޭލުންތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި މިދިޔަ އަހަރުން ފެށިގެން ސަލަފުން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެއްގެ ތެރެއިން ރާއްޖެ ގެނައި ތިން ވަނަ ޝެއިހެވެ.

ސަލަފްގެ އޮޕަރޭޝަން މެނޭޖަރު އަލީ ރަމީޒް ބިން ގާސިމް ވިދާޅުވީ، ބަންގުލަދޭޝް ރައްޔިތުންނަށް ދަރުސް ދެއްވާނީ ބަންގުލަދޭޝްގެ މަޝްހޫރު ޝެއިހެއް ކަމަށްވާ ޑރ. މުހައްމަދު ޝަހީދުއްﷲ ޚާން މަދަނީ ކަމަށެވެ.

ޑރ. ޝަހީދުﷲއަކީ އިންޑިއާގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޑރ. ޒާކިރު ނައިކް އުފެއްދި އިސްލާމީ ޓީވީ ނެޓްވޯކް "ޕީސްޓީވީ"ގެ ބަންގުލަދޭޝް ޗެނަލްގައި ވާހަކަދައްކަވާ ތަފްސީރާއި ހަދީޘް އިލްމުން މަތީ ތައުލީމް ހާސިލް ކުރައްވާ އިސްލާމިކް ސްޓަޑީޒް އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އޭގެ އިތުރުން ޝެއިހް ޑރ. ޝަހީދުއްﷲ ގެންދަނީ ބަންގުލަދޭޝްގައި ހަދީސް އިން މާސްޓާސް އޮފް ފިލޯސަފީ ކިޔަވައި ވިދާޅުވަމުންނެވެ.

އެގޮތުން މީގެ ދެ ދުވަސްކުރިން ރާއްޖެ ވަޑައިގަތް ޝެއިހުގެ ދަރުހެއް ހުޅުމާލޭ މިސްކިތުގައި ރޭ ދީފައިވާއިރު މިއަދުގެ ހުކުރު ނަމާދަށްފަހު ތިލަފުށީ މިސްކިތުގައި އަދި އެންމެ ބޮޑު ދަރުސް މިރޭ 8:30 ގައި މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ ބޭރު ގޯތި ތެރޭގައި ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ ދެ ފަހަރަށް ބަލާއިރު ވެސް ބަނގުލަދޭޝް ރައްޔިތުންގެ ތަރުހީބު އެކަމަށް ބޮޑު ކަމަށާއި ބައެއް މީހުންނަށް ގޮނޑި ނުލިބި ކޮޅަށް ހުންނަންޖެހުނު ކަމަށްވެސް އަލީ ރަމީޒު ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް