ދަންވަރު 1:00 ކަންހާއިރު އެ އަންހެންވެރިން ގެއިން ނުކުމެ ކުޑަ ޓޯޗް ބައްތިއެއް ހިފައިގެން ވަލަށްވަދެއެވެ. މީހުން ދިރިނޫޅޭ ގަސްބޯ ވަލުތެރެއަށް ވަދެ އެ އަންހެނުން ކޮންމެ ރެއަކުހެން ފަތިސް ވަންދެން ވަލުތެރޭގައި އުޅެއެވެ. އެމީހުންގެ މަސައްކަތަކީ ފަންގިވިނުމަށް ފަން ހޯދުމާއި ކަނަމަދު ބިނުމަށް 'އޮށްކެޔޮ' (ގަސްދޮށަށް ވެރިފަހުންނަ މިދިލިއޮށް) ހޯދުމެވެ. އެއީ ކޮންމެ ރެއަކުހެން އެމީހުންގެ އާދައެވެ. މީހުން ދިރިނޫޅޭ، ކަނު އަނދިރީގައި އެކަނިމާއެކަނި ކޮންމެ ރެއަކުހެން މަސައްކަތް ކުރެއެވެ.
ވަލުތެރޭގައި ހެދޭ ތަކެތި ބޭނުންކޮށްގެން ނަފާ ހޯދުމަށް ދަންވަރު ކަނު އަނދިރީގައި ވަލުތެރެއަށް ދިއުމަކީ އެތައް ބައެއްގެ އާދައެކެވެ. އަތޮޅުތެރޭ ގިނަ ރަށްރަށުގައި އެ އާދަ ޒަމާނުންސުރެވެސް އޮވެއެވެ. ކުރީ ޒަމާނުގައި ނަމަ ބަނޑުހައިހޫނުކަން ފިލުވުމަށް ކާތަކެތި ހޯދުމަށެވެ. މިއަދު ފައިސާ ހޯދުމަށް ތަކެތި އެއްކުރުމަށެވެ. އެގޮތުގެ މަތިން ފަންހޯދުމަށާއި އޮށްކެޔޮ ހޮވުންފަދަ ކަންކަމަށް ގިނަ އަންހެނުން ވަލަށް ގޮސްއުޅެއެވެ. ފިރިހެނުންވެސް ވެލާ ހިފުން ފަދަ ކަންކަމަށް ދަންވަރު ވަލަށްވަދެ ގިނަވަގުތު ހޭދަކުރެއެވެ.
ކީއްވެ ދަންވަރު؟
އާންމު އުސޫލެއްގެ ގޮތުން ގިނަ މީހުން އެގޮތަށް ވަލަށްގޮސް ތަކެތި ހޮވައި ހަދަނީ ދުވާލުގެ އެކިވަގުތުތަކުގައެވެ. އަރާމު ނިދިދޫކޮށް އެކަން ކުރާ ސަބަބެއް އެބައޮތެވެ. ކަނުއަނދިރީގައި ކުޑައަލިކަމެއް ހުންނަ ބައްތި ހިފައިގެން ވަލަށްވަދެ ބިރެއްނެތި އެމީހުން މަސައްކަތްކުރާ ސަބަބަކީ އެހެން މީހުންނަށްވުރެ ކުރިން ތަކެތި ހޮވުމެވެ.
"ދަންވަރު ދަނީ އެކަކަށްވުރެ އަވަހަށް އަނެކަކު ގޮސް އޮށްކެޔޮ ހޮވައި، ފަންހޮވާ ހަދަން، ފަތިހު ނޫނީ އިރުއެރީމަ މީހުން އާންމުކޮށް ދާނީ، އެކަމަކު އޭގެ ކުރިން ދިޔައީމަ ލިބޭނެ ދޯ އަވަހަށް ދާ މީހާއަށް، އެހެންވެ އެހެން ފެށުނީ. މިރަށުގައި ވަރަށް އާންމު، ދަންވަރު ވަލު ތެރެއިން ފެންނާނެ އެތައް ބަޔަކު،" ދަންވަރު ވަލަށް ދަނީ ކީއްވެގެންތޯ ސުވާލުކުރުމުން ހއ. ތަކަންދޫ އަންހެނަކު ބުންޏެވެ.
ނުރައްކާތެރިކަން ބޮޑުކަމެއް!
ދަންވަރު ވަގުތުތަކުގައި އާންމުކޮށް މީހުން ނޫޅޭ ސަރަހައްދުތަކަށް ގޮސް އުޅުމަކީ ނާމާންކަމެކެވެ. ކުރެވޭ ކަމަކުން ނުވަތަ ހުންނަ ސަރަހައްދެއްގެ ސަބަބުން ނާމާންކަމެއް ކުރިމަތިވުންގާތެވެ. މަގުއޮޅުމާއި ބިރުފެނުން ފަދަ އެތައް ކަމެއް ހިނގައިފައިވެއެވެ.
ޝެއިހް ހަސަން މޫސާ ފިކްރީ ވިދާޅުވި ގޮތުގައި ދީނީ ގޮތުން ބަލާނަމަ ސަރަހައްދުތަކަށް ވަކިވަގުތެއްގައި އެގޮތަށް ގޮސް ނޫޅުމަށް އަންގާފައި ނުވާ ކަމަށާއި ނަމަވެސް ރޭގަނޑު ވަގުތު އެގޮތަށް ދިއުމަކީ އެހާ އަމާންކަމެއް ނޫނެވެ. އިސްލާމްދީން އަންގަވަނީ ރޭގަނޑު އަރާމު ކުރުމަށް ކަމަށް ޝެއިހް ވިދާޅުވިއެވެ.
"ރޭގަނޑަކީ ނިދާވަގުތުކަމުގައި ހަދައި ދުވާލަކީ މަސައްކަތްކުރާ ވަގުތު ކަމުގައި ހެދުމަށް، ނަމަވެސް ބައެއް މަސައްކަތުގެ ގޮތުން ދުވާލުވެސް ރޭގަނޑުވެސް މަސައްކަތް ކުރަންޖެހިދާނެ، މިސާލަކަށް ބަލަމާ ހިނގާ ޑޮކްޓަރުންނަކީ އެވަގުތުވެސް މަސައްކަތް ކުރަންޖެހޭ މީހުން ދާއިރާގެ ގޮތުން، އެއީ މަނާކަމެއް ނޫން، އެކަމަކު ދާއިރާގެ ގޮތުން، ރޭގަނޑަކީ އަރާމްކުރަން ލައްވާފައިވާ ވަގުތުކަމުގައި ގުރުއާނުގައި އަންގަވާފައިވޭ،" ޝެއިހް ފިކްރީ ވިދާޅުވިއެވެ.
މީހުން ނޫޅޭ ނުވަތަ ނާމާން ސަރަހައްދުތަކަށްދާނަމަ ރައްކާތެރިވުމުގެ ގޮތުން ދުޢާތައް ކިޔުމަށް އިސްލާމް ދީން އަންގަވާފައިވާ ކަމަށާއި ރައްކާތެރިވާންޖެހޭ ކަމަށް ޝެއިހް ވިދާޅުވި އެވެ.
ޖިންނީގެ އިތުރުން އެގޮތަށް ގޮސްއުޅުމަކީ އިންސާނެއްގެ ފަރާތުން ނުރައްކަލެއްވުމުގެ ފުރުސަތުވެސް ބޮޑުކަމެކެވެ. ހާއްސަކޮށް ސަލާމަތްވުމުގެ ފުރުސަތު ކުޑައެވެ.
"ހަގީގަތުގައި ކުރާކަހަލަ ކަމެއް ނޫން، މިސާލަކަށް ތިމާއަށް ހަމަލާދޭން ބޭނުންވާ މީހާއަށް ލިބޭ ރަނުގެ ފުރުސަތެއް ދޯ އެއީ، މީގެ ކުރިން ވެސް އެބަހުރި މީހުން ނޫޅޭ ހިސާބުތަކުގައި އެތައް ކަމެއް އެކަކު އަނެކަކަށްކޮށްފައި، އެހެން ނޫންނަސް އެހެން ހަމަލާއެއް ދޭއިރު ކާކު ހުންނާނީ އެހީތެރިވާން،" ސަލާމަތީ ބާރުގައި މަސައްކަތްކުރާ ފަރާތަކުން ބުންޏެވެ.
ވައިބާރުވެ ވިއްސާރަވުމަކީ އެގޮތަށް ދަންވަރު ވަލަށްގޮސް އުޅޭ މީހުންނަށް ލިބޭ އުފަލެކެވެ. ސަބަބަކީ ވައިގަދަވުމުގެ ސަބަބުން ރުއްރުކާއި ގަސްގަހުން އެއްޗެހި ވެރުމުގެ ފުރުސަތު ބޮޑުވުމެވެ. އެކަހަލަ ރޭރޭ ގިނަ ބަޔަކު ކޮންމެހެން ވަލަށް ވަދެ އެވެ. ނަމަވެސް އެއީ އެއްޗަކުން ޖެހި އަނިޔާއެއްވުމުގެ ފުރުސަތު ވަރަށް ބޮޑުވެގެންދާ ސަބަބެކެވެ.
ހުއްޓުވަން އުޅެ ނުހުއްޓުވިފައި
ފައިސާގެ ބޭނުމަށް ކުރި ނަމަވެސް އެއީ ނުރައްކާތެރި ކަމަކަށްވުމުން އަދި ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުޅޭތީ އެކަން ވަކި އުސޫލެއްގެ ދަށުން ކުރުމަށް ކައުންސިލްތަކުންވެސް ބޭނުންވެއެވެ. އެގޮތުން ތަކަންދޫ ކައުންސިލުން ވަނީ ވަލުތެރެއަށްވަދެ އެފަދަ ގޮތްގޮތަށް ތަކެތި ހޮވާ ހެދުމަށް ވަކި ދުވަސްތަކަކާއި ވަކި ވަގުތުތަކެއް ކަނޑައަޅާފައެވެ. ނަމަވެސް އެކަން ތަންފީޒެއް ނުކުރެވުނެވެ.
ތަކަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު ވިދާޅުވީ އެކަމަށް ހާއްސަ އުސޫލެއް ތަންފީޒު ކުރުމަށް ކައުންސިލުން ބޭނުންވާ ކަމަށެވެ. ނަމަވެސް ތަންފީޒީ އިދާރާތަކުގެ އެއްބާރުލުން ފުރިހަމައަށް ނުލިބޭތީ އެކަން ކާމިޔާބުނުވާ ކަމަށާއި ބަޖެޓުގެ ދަތިކަމުގެ ސަބަބުން ފުލުހުންގެ ޑެސްކެއް ގާއިމް ނުކުރެވިވާ ކަމަށެވެ.
ކޮންމެއަކަސް ހީވާގިކަމުގެ ތެރެއިން ވަލަށް ވަދެ މަސައްކަތް ކުރަން ކަނޑައަޅާފައިވާ އެ ވަގުތު އެހާ ރައްކާތެރިއެއް ނޫނެވެ. ދީނީ އިލްމުވެރިންނާއި ސަލާމަތީ ބާރުތަކުގެ އެދުމަކީ ވެސް އެކަން ރައްކާތެރިކޮށްކުރުމަށް ދުވާލުގެ ވަގުތު އިހުތިޔާރު ކުރުމެވެ. ބިރު ކުޑަކަން ދެއްކުމުގެ ކުރިން ރައްކާތެރިކަން އިސްކުރާށެވެ.