އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވައިފި

އަލީ ވަހީދު

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވައިފި އެވެ.

އަލީ ވަހީދު ސޮއި ކުރައްވައި، އެ ޕާޓީގެ ރައީސަށް މިއަދު ފޮނުއްވާފައިވާ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ޕާޓީއާއި ރާއްޖޭގެ މިވަގުތުގެ ހާލަތަށް ބަލައި ޖަމާއަތުގެ ފައިދާއަށްޓަކައި އެ މަގާމު ރާއްޖޭގައި ގާއިމްވެ ހުރި ބޭފުޅަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

"ޖަލަށްލެވި، އަމިއްލަ ވަޒަނުން އަރުވާލެވި، ބޭރު ގައުމެއްގެ ހިމާޔަތުގައިހުރެ، އިތުރަށް މަގާމު ދެމެހެއްޓުމަށްވުރެ، ޕާޓީއާއި ރާއްޖޭގެ މިވަގުތުގެ ހާލަތަށް ބަލައި، ޖަމާއަތުގެ ފައިދާއަށްޓަކައި، ރާއްޖޭގައި ގާއިމްވެހުރި ބޭފުޅަކަށް ފުރުސަތު ދިނުމުގެ ގޮތުން، މިއަދުން ފެށިގެން ޕާޓީގެ ޗެއާޕާސަން ކަމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ." އަލީ ވަހީދުގެ އިސްތިއުފާގެ ސިޓީގައިވެ އެވެ.

އަލީ ވަހީދު އެމްޑީޕީގެ ޗެއާޕާސަން ކަމުން އިސްތިއުފާ ދިނުމުގެ އިތުރުން އޭނާ ވަނީ، އެމްޑީޕީ އިސްވެ އޮވެ އުފައްދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ނައިބު ލީޑަރު ކަމުންވެސް އިސްތިއުފާދީފައެވެ.

އަލީ ވަހީދުގެ އިސްތިއުފާގެ ސިޓީގައި، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުގައި ޕާޓީގެ މެމްބަރުންނަށް ހިދުމަތްކުރަން ލިބުނު ފުރުސަތަކީ ސިޔާސީ ހަޔާތުގައި އެންމެ އުފާވެރި އެއް ވަގުތު ކޮޅުކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

އަލީ ވަހީދުގެ އިސްތިއުފާއާ ގުޅިގެން އެމްޑީޕީން ވަނީ އޭނާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި އިރު އެ ޕާޓީއަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާ ކުރައްވައި ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި، ސަރުކާރުން ހިންގަމުންދާ އެކިއެކި ކަންކަމާ ދެކޮޅަށް އަޑުއުފުލުމަށް ކަމަށްބުނެ ބޭއްވި މުޒާހަރާ، "މޭޑޭ މުޒާހަރާ" އިންތިޒާމުކުރެއްވުމުގައި ޢަލީ ވަޙީދު އަދާކުރެއްވި އިސް ދައުރުގެ ސަބަބުން އެމަނިކުފާނު ނުހައްގުން ހައްޔަރުކޮށް ޖަލަށްލާފައި ވާކަމަށް ބުނެފައިވެ އެވެ. އަދި އޭނާއާ ދެކޮޅަށް ޓެރަރިޒަމުގެ ދައުވާ އުފުލައި އޭނާގެ ޕާސްޕޯޓު ކެންސަލުކޮށް ބިރުދެއްކި ނަމަވެސް ފަސްޖެހުމެއް ނެތި ހިދުމަތުގައި ހުންނެވި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ކެންސަލްކޮށްފައިވާއިރު، އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

އިނގިރޭސި ވިލާތުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ އަލީ ވަހީދު، އެގައުމަށް ވަޑައިގަތީ މިދިޔަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއަށް ފަހު، ފުލުހުން އޭނާ ހައްޔަރު ކޮށް، ދޫކޮށްލުމާ އެކުއެވެ.

comment ކޮމެންޓް