ސަރުކާރުން ވެފައިވާ "24 ގަޑިއިރު ކަރަންޓު ޔަގީން" ވައުދު ފުއްދުމުގެ ގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 110 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ފެނަކަ އޮފީސް ހުންނަ ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ ބޭރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ފެނަކައަކީ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ތިން ޚިދުމަތެއް ފޯރުކޮށްދެމުންދާ ކުންފުންޏެއް ކަމަށެވެ. އެގޮތުން ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ރާއްޖޭގައި ދެމުން ދަނީ އެކުންފުނިން ކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން 24 ގަޑި އިރު ކަރަންޓު ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތް ކާމިޔާބުކަމާ އެކު މިހާރު ނިމިފައިވާއިރު، އެ މަސައްކަތް ކުރުމަށް މިއަހަރު އެކަނި ޖުމްލަ 110 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ ދެ އަހަރު ދުވަހުގެ މުއްދަތުގައި ކަރަންޓުގެ ޚިދުމަތް ހަރުދަނާ ކުރުމަށްޓަކައި އެކި ރަށްތަކަށް 65 ޖަނެރޭޓަރެއް ފޮނުވުމަށް 212 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މި ސަރުކާރުގެ ތިން އަހަރު ނިމިފައިވާއިރު ޖުމްލަ 47 ރަށެއްގެ ޑިސްޓްރިބިއުޝަން ނެޓްވޯކު ރަނގަޅު ކުރުމުމުގެ މަސައްކަތާއި 71 ރަށަކަށް ބޭނުންވާ 924 ޑިސްޓްރިބިއުޝަން ފޮށި ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 28 ރަށަކަށް ބޭނުންވާ ސިންކްރޮނައިޒިން ޕެނަލާއި އިތުރު 40 ރަށަކަށް 40 ޓްރާންސްފޯމަރު ވެސް އެރަށްތަކަށް ފޯރުކޮށްދީފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ލ. ގަމުގައި އެއް ވިއުގައަކުން ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތަށް ޖުމްލަ ހަތް މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި އަތޮޅު ތެރޭގެ ރަށްރަށުގައި، މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ހުރި އިންޖީނު ގެތަށް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތުގެ ދަށުން ހަތަރު ރަށެއްގެ މަސައްކަތް ނިމި 10 ރަށެއްގައި އެމަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، ޝަރީފް ވިދާޅުވީ އިތުރު 53 ރަށެއްގެ އިންޖީނުގެތައް ރިލޮކޭޓު ކުރުމުގެ މަސައްކަތް ރޭވިފައިވާ ކަމަށާއި 11 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 14 ރަށެއްގެ ބައުންޑަރީ ވޯލްގެ މަސައްކަތް ނިންމައި ހަވާލުކޮށްފައިވާ ކަމަށެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވާރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމް އާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތުގެ ތެރެއިން ވަނީ ސަރުކާރުގެ ކާމިޔާބު ތިން އަހަރު ފުރުމުގެ ގޮތުން ކޭކެއް ވެސް ފަޅާފަ އެވެ.