އެއާލައިނަށް މައްސަލައެއް ދިމާވެ، ގިނަބަޔަކު އުމްރާއަށް ނުފުރިފައި!

ސައުދިއާއިން ރާއްޖެއަށް ކުރި ފުރަތަމަ ފްލައިޓު އިބްރަހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި -- ސަން ފޮޓޯ/އަހްމަދު ޝަރުވާން

ރާއްޖެއާ ސައުދީ އަރަބިއްޔާއާ ދެމެދު ދަތުރުކުރާ "ސައުދިއާ" އެއާލައިންސްގެ ބޯޓަކަށް މައްސަލައެއް ދިމާވުމުގެ ސަބަބުން، އުމްރާވުމަށް ދިއުމަށް ފުރަން ތިބި މީހުންނަށް ނުފުރި، ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ހައްޖާއި އުމްރާ ކުންފުނިތަކާ ގުޅިގެންނާއި އަދި އަމިއްލަ ގޮތުން އުމްރާވުމަށް ސައުދީ އަރަބިއްޔާއަށް ދިއުމަށް، 300 އެއްހާ މީހުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނުފުރިފައި އެބަ ތިއްބެވެ.

އުމްރާއަށް ފުރުމަށް އެއާޕޯޓުގައި ތިބީ އަލް މަނާސިކު ގްރޫޕާއި، އަލް ސަފާ ހައްޖު ގްރޫޕު އަދި އިތުރު ކުންފުނިތަކާ ގުޅިގެން ދާ ފަރާތްތަކެވެ.

އަލް މަނާސިކު ގްރޫޕުގެ ޑިރެކްޓަރ ޖޫލިޝާ އިބްރާހިމް "ސަން" އަށް ވިދާޅުވީ، އެ ގްރޫޕުގެ ހަވާލުގައި ޖުމްލަ 146 މީހުން އުމްރާއަށް ދާ އިރު، އޭގެ ތެރެއިން 46 މީހުން ދިއުމަށް ހަމަޖެހިފައި އޮތީ އިއްޔެ، ސައުދިއާއިން ކަމަށެވެ.

"އިއްޔެ ހަވީރު ޗެކިން ހަދާފައި ބޯޓަށް އަރުވާފައި ބޭތިއްބި ދެ ގަޑިއިރާ ބައި ކަންހާއިރު ވަންދެން. ބޯޓުން ވެސް ނުބާލައި. މި ހުރިހާ ކަމެއް ވީ އިރު އަޅުގަނޑުމެންނަށް އިންފޯމް ނުކުރޭ. ވަރަށް ގިނަ އިރު ކޮށްފައި ބޯޓުން ބޭލީވެސް އެމީހުން. ވަރަށް ބައިވަރު، އުމުރުން ދުވަސްވީ މީހުން ވެސް އުޅޭނެ ދެއްތޯ. ބޯޓުން ބާލާފައި ރޭ އަށެއް ޖެހި ހާ އިރު އިންފޯމް ކުރީ ފްލައިޓު ކެންސަލްވި ކަމަށް،"

ޖޫލިޝާ ވިދާޅުވީ މިއަދު މެންދުރު 1:30 ގައި ފްލައިޓު އޮންނާނެކަމަށް ބުނުމުން، ހެނދުނު 10:30 އިން ފަށައިގެން ޗެކްއިންއަށް އުމްރާވެރިން އެއާޕޯޓަށް ދިޔަ ކަމަށާއި، އެންމެން ފްލައިޓަށް އެރުވުމަށްފަހު، މިއަދުވެސް ތިން ގަޑިއެއްހާ އިރު ކޮށްފައި، ފްލައިޓުން ބޭލުވީ ކަމަށެވެ.

"ވާއެއް ނުވާއެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެހާ އިރު ފަހުން އެމީހުން ފްލައިޓުން ބޭލީ ވެސް،"

އޭނާ ވިދާޅުވީ، އެހެން އެއާލައިންތަކުގައި އުމްރާވެރިން ފުރުވާލެވިދާނެ ކަމަށް ސައުދިއާއިން ބުނި ކަމަށާއި، ނަމަވެސް މަނާސިކު ގްރޫޕުން އެގޮތް ބޭނުން ނުވާ ކަމަށެވެ.

"މި ފްލައިޓު ރިޔާދަށް ގޮސް، ޑޮމެސްޓިކް ފްލައިޓެއްގައި ޖިއްދާއަށް ގޮސް މައްކާއަށް ދާ ގޮތަށް އޮންނާނީ. މީގެ ތެރޭގައި އަލަށް ދަތުރުކުރާ މީހުންވެސް ހިމެނޭނެ ދެއްތޯ. އަނެއްކާ އަޅުގަނޑުމެން ގްރޫޕުތައް ފޮނުވަނީ އިސް މީހެއްވެސް ހަމަޖައްސާފައި. ވަކިވަކިން ފޮނުވައިފި ނަމަ އެމީހުންނަށް އޮޅުންވެސް އަރައިފާނެ،"

ޖޫލިޝާ ވިދާޅުވީ، ސައުދީއިން ވިސާ ލިބެނީ 15 ދުވަހަށް ކަމަށް ވެފައި، ސައުދީއަށް ގޮސް އެނބުރި މާލެ އަންނަން ފުރާ ދުވަހަށް ބަދަލު ނާންނަ އިރު، އެކޮޅުގައި މަޑުކުރަން ލިބޭނެ ދުވަހުގެ އަދަދުވެސް މަދުވާނެ ކަމަށެވެ.

"ދެ ދުވަސް މިހާރުވެސް މިސް ވީ ދެއްތޯ. އަޅުގަނޑުމެން ސައިޑުން ބަލާއިރުވެސް، އެކޮޅު ބަސްތައް ހަޔަރކޮށް، މައްކާގައި ހޮޓެލްތައް ބުކްކޮށްފައި ހުންނާނީ. ވަރަށް ބޮޑު ގެއްލުމެއް މިއީ،"

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް ކުންފުނީގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް މެނޭޖަރ ހަސަން އަރީފް "ސަން" އަށް ވިދާޅުވީ، ސައުދިއާގެ ބޯޓެއް ސްޓްރޭންޑް ވެގެން އެބަ އުޅޭ ކަމަށާއި، އެއަށް ދިމާވެފައިވަނީ ޓެކްނިކަލް މައްސަލައެއް ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލު އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައުދިއާ އެއާލައިންސްގެ އިސް ފަރާތަކާ ގުޅޭ ގޮތް ނުވި އިރު، އެ އެއާލައިނުގެ އޮފީހަށް ގުޅުމުން އެތަނުގެ މުވައްޒަފަކު ބުނި ގޮތުގައި، އެއާޕޯޓުގައި އެ އެއާލައިންގެ ފްލައިޓެއް ސްޓްރޭންޑްވެފައިވާތީ، އެ އެއާލައިނުން މިވަގުތު ދަނީ ފަސިންޖަރުން އެހެން އެއާލައިންތަކުގައި ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ. އިތުރު ތަފްސީލެއް ލިބޭ ގޮތެއް ނުވިއެވެ.

ސައުދިއާއިން ސައުދީ އަރަބިއްޔާއާއި ރާއްޖެއާ ދެމެދު ދަތުރުތައް ފެށީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

comment ކޮމެންޓް