ވަގުފު ފަންޑު މުއްސަނދި ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އަޅާފައިވާ 10 ބުރީގެ ވަގުފު އިމާރާތް އަންނަ މަހުގެ ތެރޭގައި ހުޅުވާނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މާފަންނު މަދަރުސާ އާއި ރާވެރިޔާ ރެސްޓޯރެންޓާ ދެމެދުގައި އޮންނަ ހުސް ބިމުގައި އިމާރާތްކޮށްފައިވާ "ދާރުލް އީމާން"ގެ އިމާރާތަކީ އެމްޓީސީސީއާ ހަވާލުކޮށްގެން 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފެށި މަސައްކަތެކެވެ. މިއީ ރާއްޖޭގައި އިމާރާތްކުރި އެފަދަ ފުރަތަމަ އިމާރާތެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ވަގުފު އިމާރާތުގެ މަސައްކަތް މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ އެއްކޮށް ނިންމާލާފައެވެ. އެ އިމާރާތަކީ 10 ބުރީގެ އިމާރާތެއް ނަމަވެސް ކުއްޔަށް ދޭން ނިންމާފައިވަނީ ނުވަ ބުރިއެވެ.
އެތަނަށް ދައުލަތުގެ ބަޖެޓުން 24.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރިއިރު، ބޭރުގެ ފަރާތްތަކުން ވެސް އެ އިމާރާތް އެޅުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.
އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު އަހުސަން މިއަދު ވިދާޅުވީ، ވަގުފު އިމާރާތް އަންނަ މަހުގެ ތެރޭގައި ހުޅުވާއިރު އެ އިމާރާތުގެ ތިން ބުރިއެއް ފިނޭންސް މިނިސްޓްރީއަށް އަދި މޯލްޑިވިއަން އަށް ފަސް ބުރިއެއް ދޫކޮށްފައިވާ ކަމަށެވެ.
ބާކީ އިން ބުރި އެއްވެސް ފަރާތަކަށް އަދި ކުއްޔަށް ދޫކޮށްފައިނުވާއިރު، އެތަން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ އިސްލާމިކް މިނިސްޓްރީން ހުޅުވާލާފައެވެ.
އެގޮތުން، އެތަނަށް ކުރިމަތިލުމުގެ ފުރުސަތު ހަމައެކަނި ހުޅުވާލާފައިވަނީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ އިތުރުން އިސްލާމިކް މިިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި މަސައްކަތްތައްކުރާ ފަރާތްތަކަށެވެ.
އަހުސަން ވިދާޅުވީ، އެ އިމާރާތް ކުއްޔަށް ދީގެން އަހަރެއްގެ މައްޗަށް ވަގުފު ފަންޑަށް 5.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މާލެއާއި ރަށްރަށުގައި މިސްކިތްތައް އިމާރާތްކޮށް މިހާރު ހުރި މިސްކިތްތައް މަރާމާތުކުރުމުގެ އިތުރުން ދީނީ އަދި އިޖުތިމާއީ ކަންތައްތަކަށް ހަރަދުކުރުމަށް ފައިސާ ހޯދަން އިސްލާމިކް މިނިސްޓްރީން ގާއިމްކޮށްފައިވާ ވަގުފު ފަންޑުގެ ތެރެއިން، އަތޮޅު ތެރޭގައި ވެސް ވަގުފު އިމާރާތްތަކެއް ގާއިމްކުރަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ނަމަވެސް އަދި މިހާތަނަށް އޭގެން އެއްވެސް މަސައްކަތެއް ފަށާފައެއްނުވެއެވެ.