ފުރަތަމަ ޑިވިޝަންގެ އަންހެނުންގެ ޗެމްޕިއަންކަން އެމްއައިބީއޭ އިން ހޯދައިފި

ގައުމީ ބެޑްމިންޓަން މުބާރާތް އަދި އަތޮޅު ލީގުގެ ތެރެއިން --- ފޮޓޯ/ ބެޑްމިންޓަން އެސޯސިއޭޝަން

މައިލޯ 43 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އަންހެނުންގެ ޗެމްޕިއަންކަން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑަމީ (އެމްއައިބީއޭ) އިން ހޯދައިފި އެވެ.

އެ މުބާރާތުގެ އަންހެނުންގެ ޗެމްޕިއަންކަން އެމްއައިބީއޭ އިން ހޯދީ ރޭ ކުޅުނު މުބާރާތުގެ ފައިނަލުގައި އައްޑޫ ވިމެންސް އެސޯސިއޭޝަން އަތުން މޮޅުވެގެންނެވެ.

ރޭ ކުޅުނު އެ މެޗުގައި އެމްއައިބީއޭ އަދި އައްޑޫ ވިމެންސް އެސޯސިއޭޝަންގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެވެ. އެ މެޗުން އެމްއައިބީއޭ މޮޅުވެފައި ވަނީ 3-2 ސެޓުންނެވެ.

ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެ ވަނަ ޑިވިޝަންގެ އަންހެން އަދި ފިރިހެން ބައިގެ ފައިނަލް މެޗުތައް ވެސް އިއްޔެ ކުޅެފައިވެ އެވެ. ދެ ވަނަ ޑިވިޝަންގެ ފިރިހެނުންގެ ޗެމްޕިއަންކަން ކްލަބު ސްޓެޓިކް ހޯދި އިރު، އަންހެނުންގެ ޗެމްޕިއަންކަން ހޯދީ އެމްއައިބީއޭ އެވެ.

ދެ ވަނަ ޑިވިޝަންގެ ފިރިހެނުންގެ ޗެމްޕިއަންކަން ކްލަބު ސްޓެޓިކް ހޯދީ ފައިނަލުގައި ދަންވަރު ފްރެންޑްލީ ބެޑްމިންޓަން ކްލަބު އަތުން 3-1 ސެޓުން މޮޅުވެގެންނެވެ. އަދި ދެ ވަނަ ޑިވިޝަންގެ އަންހެނުންގެ ޗެމްޕިއަންކަން އެމްއައިބީއޭ އިން ހޯދީ ފައިނަލުގައި 3-2 ސެޓުން ކްލަބު އީގަލްސް ބަލިކޮށްގެންނެވެ.

comment ކޮމެންޓް