މާލޭގެ ގެއެއްގެ ތެރެއިން އަމިއްލަ އަށް އުފައްދާފައިވާ ބަޑި އާއި ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލައެއްގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރި ދެ މީހަކާ ދެކޮޅަށް ހެކި ހޯދާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ކަނޑައަޅައި އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލި ދެ މީހުންނަކީ ލ. ގަން، ހިމާޔަތް، މޫސާ ޔޫސުފް އާއި ދަފްތަރު ނަންބަރު 7102 ހަސަން ނަސީމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ އެ ދެ މީހުންގެ ތެރެއިން މޫސާ ޔޫސުފްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެން ހަސަން ނަސީމް ކުއްޔަށް ހިފައިގެން އުޅޭ މ. އިރުދޯދިގޭގެ ދެވަނަ ފަންގިފިލާ ސެޕްޓެމްބަރު، 28، 2013 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައިފާސްކޮށްފައިވާ ކަމަށެވެ.
ހަމައެހެންމެ ހަސަން ނަސީމް މަސައްކަތް ކުރާ ވެލްޑިން ވޯކްޝޮޕްގައި އޭނާ މަސައްކަތްކުރާތަން އޮކްޓޯބަރު 5، 2013، ވަނަ ދުވަހުގެ ވަގުތެއްގައި އެތަން ވެސް ބަލައިފާސްކޮށްފައިވާ ކަމަށް އެ ހުކުމްގައި ވެއެވެ.
އެ ދެ ތަން ބަލައިފާސްކުރިއިރު، ބަޑިއާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ތަކެތި ހޯދާފައިވާ ކަމަށް ދައުލަތުން ބުނިނަމަވެސް އެ ހެކި ހޯދާފައި ވަނީ ގާނޫނު އަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ޝަރީއަތަށް އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން އެ ދައުވާ ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.