ޑޮލަރުން ގޭކުލި ދައްކަން އެންގުން ބޮޑުވެއްޖެ!

މާލޭގެ އިމާރާތްތަކެއް-- ގެކުއްޔަށް ހައްލެއް ނުލިބި އެތައް ތަކުލީފެއް-- ފޮޓޯ: ޗާލީ މޮހޮނޭ

އެންމެ ގިނަ ދިވެހިންނަށް މިއަދު ތަކުލީފަކަށް އަދި ހިތްނުތަނަވަސް ކަމަކަށްވެފައިވާ މާލޭ ގެދޮރު ކުލީގެ މައްސަލައިގެ ތެރެއިން މިވަނީ އިތުރު ގޮންޖެހުމަކާ ކުރިމަތިލާންޖެހިފަ އެވެ. އެއީ ގޭ ކުލީގެ ފައިސާ ޑޮލަރުން ދޭން އަންގާ އެންގުމެވެ. އެތައް ހާސްބައެއްގެ ކަންބޮޑުވުމެއް ނަމަވެސް ގެދޮރު ކުލި ކޮންޓުރޯލްކުރެވޭނެ ނިޒާމެއް ރާއްޖޭގައި ނެތް އިރު ގަވައިދާ ހިލާފަށް އަނެއްކާ އަންގަން ފެށި އެއެންގުންތައް ވެސް އެވަނީ ނުހުއްޓި އެވެ.

ޑޮލަރު ހޯދުމަކީ މިއަދު ރާއްޖޭގައި ބޮޑު ތަކުލީފެކެވެ. ލިބޭ އެއްޗަކާއި ހަރަދުކުރަން ޖެހޭ މިންވަރު ދެކޮޅު ނުޖެހިގެން އުޅެނިކޮށް އެތައް ބަޔަކަށް މިކުރިމަތިވީ އަނެއް ވޭނެވެ. މިފަހަކަށް އައިސް ޑޮލަރުން ގެ ކުލި ދެއްކުމަށް އެންގުން އިންތިހާއަށް އާންމުއިރު އަލަށް ދޫކުރާ ތަންތަން ދޫކުރަނީ ޑޮލަރުން ދައްކަން މަޖުބޫރުކޮށްފަ އެވެ.

"ތިން ކޮޓަރި ތަނެއް ހޯދަން ގުޅީމަ ބުނީ ކުލި ދައްކަން ޖެހޭނީ މަހަކު 2000 ޑޮލަރުންނޭ، ކިހިނެއް އެވަރަށް ޑޮލަރު ހޯދާނީ، ދެންވީ އަނެއްކާ ކިޔޫގައި ޖެހެން ޑޮލަރު ހޯދަން،" އެޕާޓްމަންޓެއް ހޯދަން މަސައްކަތްކުރި ހުސެއިން ނައީމް ބުންޏެވެ.

ގެދޮރު ކުއްޔަށް ދޫކުރާކަމަށް ކޮށްފައިވާ އިއުލާންތަކަށް ގުޅުމުން އެހެން ބުނުން އާންމެވެ. އެތައް ބަޔަކު އެގޮތަށް އެބަ އަމަލުކުރެ އެވެ.

ޑޮލަރުން ކުލިދައްކަން ޖެހުމުން އަގު އިންތިހާއަށް ބޮޑުވޭ!

މާލޭގެ ގެ ހަދައި އެގެތައް ކުއްޔަށް ދީގެން އަރާމު ދިރިއުޅުންތައް ރާއްޖެ އިިން ބޭރުގެ ގައުމުތަކުގައި އުޅުނު ނަމަވެސް ނިކަމެތި ރައްޔިތަށް އޭގެ ބުރަ ޖައްސައިގެންނުވާނެ އެވެ. ޑޮލަރުން ކުލިދައްކަން އަންގާ ފަރާތްތަކުން ގޭ ކުލީގެ އަގު މުޅިންހެން ކަނޑައަޅަނީ 15.42 ގެ ރޭޓުން ކަމަށްބުނެ އެވެ. ނަމަވެސް އެއަގަށް ކޮންމެ މަހަކު އެއްހާސް ނުވަތަ ދެ ހާސް ޑޮލަރު ހޯދުމަކީ މިއަދު ދަތިކަމެކެވެ. ޑޮލަރުގެ ރޭޓުގެ އަގު 18 ރުފިޔާ އިން މައްޗަށް އަރައިގެންދާ ފަހަރު އަންނައިރު މިއީ ގެދޮރު ކުލީގެ މައްސަލައަށް އަނެއްކާއޮތް ބޮޑު ތަކުލީފެކެވެ.

އެގޮތަށް ނޭނގޭނެ އެއީ މަނާކަމެއް!

މަރުކަޒީ ބެންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ހަދާފައިވާ މަނިޓަރީ ގަވައިދު ބުނާގޮތުން ރާއްޖޭގެ އާންމުންނާ މެދު ކުރާ ވިޔަފާރިތަކުގައި ޑޮލަރުން މުއާމަލާތެއް ނުކުރެވޭނެ އެވެ. ހާއްސަކޮށް ޑޮލަރުން ނޫނީ ފައިސާ ދެއްކުމަށް އެންގުމަކީ ކުށެކެވެ.

ޑޮލަރުން ވިޔަފާރީގެ މުއާމަލާތް ކުރެވޭނީ ބޭރު ފައިސާގެ ވިޔަފާރި ކުރުމުގެ ލައިސެންސް އެމްއެމްއޭއިން ނަގައިގެންނެވެ. ގެ ކުއްޔަށް ހިފާފަރާތުން ޑޮލަރުން ކުލި ދައްކަން ބޭނުން ނަމަވެސް ކުއްޔަށް ދޭ ފަރާތުން އެމްއެމްއޭއިން ލައިސެންސް ނަގަންޖެހެ އެވެ.

އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ ޑޮލަރުން ފައިސާ ދެއްކުމަށް ލާޒިމް ނުކުރެވޭނެ ކަމަށާއި އެގޮތަށް އަމަލުކުރާ ފަރާތްތަކުގެ މައްސަލަ އެބެންކުގެ ނަމްބަރު 1444 އަކަށް ހުށައެޅުމުން އެމައްސަލައެއް ބަލާނެ ކަމަށެވެ.

ގަވައިދު ބުނާ ގޮތުން އެގޮތަށް އަމަލުކުރާ ފަރާތްތައް 10000 ރުފިޔާއިން ފެށިގެން އެހަދާ ޓުރާންސްސެކްޝަނަކަށް ބަލައި ބޮޑެތި އަދަދުތަކަކުން ޖޫރިމަނާކުރެވޭނެ އެވެ.

ކުލީގެ މައްސަލަ ހައްލެއްނެތް ތަކުލީފެއް، އެތައް މަކަރެއް!

އަސާސީ ބޭނުން ފުއްދުމަށް މަޖުބޫރުވެގެން މާލެ ބަދަލުވުމާ އެކު މާލޭގައި ދިރިއުޅޭތަނަށް ދައްކަން ޖެހޭ "ކުލީގެ އަޅުންނަށް" ވެ މުޅި ދިރިއުޅުން އެވަނީ ވިއްސިވިހާލިވެފަ އެވެ. މިހުރިހާ ކަމެއްގެ ފަހަތުގައި ވެސް ވަނީ އެއްކަލަ ގޭ ކުއްޔެވެ. މިއީ ގައުމީ މައްސަލައެކެވެ. ހިތާމައަކީ އެކަމަށް ހައްލެއް ނުލިބި ތަކުލީފްތައް އިތުރުވާތީ އެވެ.

ބީއެމްއެލްއިން ޑޮލަރު ވިއްކިއިރު ޑޮލަރު ގަތުމަށް އެތައް ބަޔަކު ކިއުގައި---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ޒަރޫރީ ބޭނުންތަކާ ގުޅިފައިވާ މާލޭގެ ކުލީގެ އަގުތައް މިހާރު ހުރީ ގިނަ މީހުން ދަރާ ވިކޭ ވަރުގަ އެވެ. އެއްކޮޓަރި އެޕާޓްމެންޓެއްގެ އަގު 7000 ރުފިޔާ އިން ފެށިގެން ގޮސް ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ އަގުތައް މިވަނީ 25000 ރުފިޔާ އިން މަތީގަ އެވެ. އެއާ އެކު ދެ މަސް ނުވަތަ ތިން މަސް ދުވަހުގެ ކުލީގެ ފައިސާ އެއްފަހަރާ އެޑްވާންސްގެ ގޮތުގައި ދޭންޖެހެ އެވެ. އެކަމުގައި ވެސް މަކަރެވެ.

ގޭ ކުއްޔަކީ ބޮޑު ބުރައަކަށްވެފައިވާ އިރު ހެޔޮ އަގުގައި ކުއްޔަށް ދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން "ފޭރޭ" މީހުން އެބައުޅެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ މާލޭގެ ގޭގޭ ވެރިންނެވެ. އަނެއް ބަޔަކީ ގޭގޭ ވެރިމީހުން އަތުން އެޕާޓްމަންޓްތައް ނަގައިގެން އެހެން މީހުންނަށް ކުއްޔަށްދޭ މީހުންނެވެ. ދެން އުޅެނީ އެކަހަލަ އެއްވެސް ކަމެއް ނެތި ފައިސާގެ ބޭނުމަށް މިކަން ކުރާ މީހުންނެވެ. އެފަދަ އެތައް ކަމެއްގައި މީހުން ބެދި މި ވަނީ ހާލުގައިޖެހިފަ އެވެ.

މިގައުމުގައި އެތައް ކަމަކަށް ގާނޫނުތައް ހެދިފައިވީ ނަމަވެސް ކުލީގެ މައްސަލަ ހައްލުކޮށް ކުލި ވަކިވަރެއްގައި ކޮންޓުރޯލްކުރުމަށް ގާނޫނެއް ހެދިފައެއްނެތެވެ. ނަތީޖާއެއްގެ ގޮތުން މުއްސަދިން މުއްސަދިވެ ނިކަމެތިން ނިކަމެތިވަނީ އެވެ. މިއީ ގައުމީ މައްސަލައަކަށްވާއިރު ގާނޫނަކުން ރައްޔިތުންނަށް ހައްލު ހޯދައިދޭންޖެހެ އެވެ.

ކުލި އަގު ހެޔޮ ކުރާނަން: ސަރުކާރު

ކުލި އަގު ހެޔޮކުރަން ބޭނުން ނަމަ ގިނަ ހައުސިން ޔުނިޓްތަކެއް މާލެ ސަރަހައްދުގައި ހަދަންޖެހެ އެވެ. ސަރުކާރުން ގެންގުޅުއްވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 2018 އަށް 15،000 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމަށް ބޭރުގެ ފަސް ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ. ސަރުކާރުން ލަފާ ކުރާގޮތުގައި އެ ފްލެޓްތަކުން 65000 އަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އާބާދީ ތިންބައި ކުޅަ އެއްބައި މާލޭގައި ދިރިއުޅޭ އިރު އެފަރާތްތަކަށް ބޭނުންވާ ގެދޮރު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މިދައުރު ނިމެންވާއިރަށް ގެދޮރުކުއްޔަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިންގް މިނިސްޓަރު ޑރ. މުއިއްޒު،-- ސަން ފޮޓޯ/ މާހިލް މުހައްމަދު

"މިމަސައްކަތްތައް ވަކިވަރަކަށް ކާމިޔާބުވީމާ ގެދޮރުގެ އަގު ދަށްވާނެ ކޮންމެވެސް ވަރަކަށް، އެއީ މާކެޓު ރިލޭޓެޑް ކަމަކަށްވާތީވެ. ސަރުކާރުގެ ބޭނުމަކީ ސަޕްލައި އިތުރުކޮށްދިނުން،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ގެކުލީގެ މައްސަލަ ގައުމީ މައްސަލައަކަށްވެފައިވާ އިރު އެކަމަށް ހައްލެއް ނުލިބި ދުވަހުން ދުވަހަށް އިތުރު މައްސަލަތައް މިދަނީ ފެންމަތިވަމުންނެވެ. އޭގެ ތެރެއިން ވެސް މިހާރު އަނެއްކާ ފެންމަތިވެފައި މިވަނީ ހޯދުން ދައްޗަކަށްވެފައިވާ ޑޮލަރުން ކުލި ދައްކަން އަންގާ މައްސަލަ އެވެ. މިއީ އެތައް ބަޔަކާ ގުޅިފައިވާ މައްސަލައަކަށްވެފައިވާ އިރު ނިކަމެތިންގެ ހައްގުގައި ދައުލަތުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ.

comment ކޮމެންޓް