މާފަންނު ފެއަރީ ކޯނަރު އަލީ ޝިފާން މަރާލިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ހައިކޯޓުން މަރުގެ ހުކުމް އިއްވާފައިވާ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަންގެ މައްސަލަ ސުޕްރީމް ކޯޓުގައި މިއަަދަށް ތާވަލު ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.
ވެސްޓުޕާކް ރެސްޓޯރަންޓް ކުރިމަތީގައި ހުއްޓައި ހަތަރު ސައިކަލެއްގައި ދިޔަ ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ މާފަންނު ފެއަރީ ކޯނަރު އަލީ ޝިފާން މަރާލިކަން ދައުވާއުފުލާފައިވާ ތިން މީހުންގެ ތެރެއިން ޝައިފަންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
އެމައްސަލައިގެ އަޑުއެހުމެއް މިއަދު އެކެއް ޖަހާއިރަށް ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފައި ވަނީ މައްސަލަ ހުށަހެޅި ޝައިފަންގެ ފަރާތުން ވަކީލު އެދިގެން ކަމަށް ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ. އަދި ވިދާޅުވީ ވަކީލު މައްސަލަ ކެންސަލް ކޮށްދިނުމަށް އެދިލެއްވީ މާލޭގައި ނެތުމުން ކަމަށެވެ.
ޝައިފަންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނިކޮށް ހައި ކޯޓުން އެ މައްސަލަ ބެލުމަށް ފަހު އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މަރަން ހުކުމް ކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު އެވެ.
މަރުގެ މައްސަލައެއްގައި ދައުވާ ލިބޭ މީހާ އެންމެ ފަހު މަރުހަލާގައި އިސްތިއުނާފަށް ހުށަހެޅި މިއީ ފުރަތަމަ މައްސަލަ އެވެ. މީގެ ކުރިން މަރުގެ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅަނީ ދައުލަތުންނެވެ.
ޝިފާންގެ މަރުގެ މައްސަލާގައި ޝައިފަންގެ އިތުރުން ދެން ދައުލަތުން ދައުވާ އުފުލާފައި ވަނީ މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ މައްޗަށެވެ. ނަމަވެސް އެދެ މީހުންގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އެދެ މީހުންގެ މައްޗަށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވާ ބަޔަށް ވަނީ ތާއީދުކޮށްފަ އެވެ.
މިއީ ހައިކޯޓުގެ ތާރީހުގައި ވެސް މީހަކު މަރަން ކުރި ފުރަތަމަ ހުކުމެވެ. މީގެ ކުރިން ދަށު ކޯޓުން ކުރާ މަރުގެ ހުކުމްތަކަށް ތާއީދުކުރި ނަމަވެސް މަރުގެ މައްސަލައެއްގައި ދޫކޮށްލާފައިވާ މީހަކު މަރަން ހުކުމް ކޮށްފައެއް ނުވެ އެވެ.
ޝައިފަންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކުރިން ހުކުމްކޮށްފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އެބައި ބާތިލުކޮށް އޭނާ މެރުމަށް ހައިކޯޓުން ހުކުމްކޮށްފައި ވަނީ މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ޝައިފަންގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝިފާން މަރާލިކަމުގެ ކުށް ސާބިތުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
އަލީ ޝިފާން މަރުވެފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:40 ހާއިރު ވެސްޓުޕާކް ރެސްޓޯރަންޓް ކުރިމަތީގައި ހުއްޓައި ހަތަރު ސައިކަލެއްގައި ދިޔަ ބަޔަކު އޭނާ އަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުންނެވެ.