ކުޑަ ރަށެއްގައި ކެންސަރު ބަލި ބޮޑުވެފައި!

ތަކަންދޫގައި ދިރިއުޅޭ ރައްޔިތުން ނުކުމެ ސަހަރާ ސާފުކުރުމުގެ މަސައްކަތް ކުރަނީ--- ސަން ފޮޓޯ

ތަކަންދޫން: އަހުމަދު ސާއިލް އަލީ

މިފަހުގެ ތާރީހެއްގައި ހއ. ތަކަންދޫގެ 12 މީހަކަށް ނުރައްކާ ކެންސަރު ބަލިޖެހިފައިވެ އެވެ. އޭގެ ތެރެއިން ގިނަ މީހުން ވަނީ ނިޔާވެފަ އެވެ. މި އަހަރު އެކަނި ވެސް ކެންސަރު ބަލީގައި ދެ މީހުން ނިޔާވެފައިވާ އިރު އެކަކު އޮތީ އެންމެ ނުރައްކާ ސުޓޭޖުގައި އައިސީޔޫގަ އެވެ. މިވަގުތު ވެސް މިރަށަށް ނިސްބަތްވާ ހަތަރު މީހަކު ދަނީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުންނެވެ.

ބުރަ މަސައްކަތުން ދަރިން ބޮޑެތިކޮށް އެ ދަރިންނަށް ދަރިންލިބި އުފަލާއި އަރާމުގައި އުޅެންވި ދުވަހު ބޮޑެތި ބަލިތައް ޖެހި ދުނިޔެ ދޫކުރަންޖެހިފައިވާ އެތައް ބަޔަކުވެއްޖެ އެވެ. އެތައް އާއިލާއަކަށް ވަނީ އެފަޅުކަން އިހުސާސް ކުރަންޖެހިފަ އެވެ. މިއީ 970 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ތަކަންދޫގެ ހާލެވެ. މިކުޑައާބާދީ ވަނީ ނިސްބަތުން ނުރައްކާބަލިތައް އާންމު ރަށަަކަށެވެ. ހާއްސަކޮށް ކެންސަރެވެ.

"ވަރަށް ބޮޑު ބިރެއް، ކެންސަރު ފަދަ ބޮޑެތި ބަލިތައް މިޖެހެނީ، އެކަކަށްޖެހި އޭނަ ނިޔާވާތާ ދުވަސްކޮޅެއްނުވޭ އަނެކަކަށް ޖެހި އެބަ ނިޔާވޭ، ވަރަށް ކައިރިކައިރީގައި އެއޮތް ބޮޑު ބަލި އެބަފެތުރޭ މިއޮށް ކުޑަ ރަށުގައި،" ކެންސަރު ބަލީގެ ވާހަކަ ކަންބޮޑުވުމާ އެކު ސަންއާ ހިއްސާ ކުރަމުން ތަކަންދޫ އަންހެނަކު ބުންޏެވެ.

ހަށިގަނޑުގެ އެތެރެހަށި ފާރުވެގެން ޖެހޭ ކެންސަރުބަލި ތަކަންދޫގައި އާންމުއިރު އެންމެ ގިނަ މީހުންނަށް ޖެހިފައިވަނީ "ލިވާ ކެންސާ" އެވެ. ދެން ލެޔަށް ޖެހޭ ކެންސަރެވެ. ދެ ކުޑަކުއްޖަކަށާއި ޒުވާނެއްގެ އިތުރުން ދެން މުޅިންހެން ކެންސަރުޖެހިފައި ވަނީ މެދުއުމުގެ މީހުންނަށެވެ. އޭގެ ތެރޭގައި ތިބީ އާއިލާތައް ބިނާކުރުމުގައި އެންމެ އިސްރޯލް އަދާ ކުރާ މައިންބަފައިންނެވެ. އޭގެތެރޭގައި ވެސް ގިނައީ ގައިގައި އާރާއި ބާރު ހުރި ފިރިހެނުންނެވެ.

ތަކަންދޫގެ ކެންސަރު ބަލި ޖެހިފައިވާ މީހަކަށް ފަންޑް ހޯދުމުގެ ހަރަކާތެއްގެ ތެރެއިން--

ކެންސަރުވަބާ ކީއްވެ؟

ކެންސަރަކީ މުޅި ރާއްޖޭގައި ވެސް ކަންބޮޑުވާ ދަރަޖައަކަށް ފެތުރެމުންދާ ބައްޔަކަށްވާ އިރު މިރަށުގައި ކެންސަރު އެހާ އާންމުވެފައި ވަނީ ކީއްވެކަން އެއްވެސް ވަރަކަށް ދެނެގަނެވިފައެއްނުވެ އެވެ. ކެންސަރު ބަލި ޖެހިފައިވާ މިރަށު ގިނަ މީހުން ދިރިއުޅުނީ ވެސް ރަށުން ބޭރުގަ އެވެ. ފަރުވާ ހޯދުމަށް ރާއްޖެ އިން ބޭރަށް އެތައް ދަތުރެއްކުރެ އެވެ.

ދިރިއުޅުމުގެ އާދަތަކާއި ކެއިންބުއިމާއި އުޅޭ އުޅުމަށް ބަލާއިރު އެހެން ރަށްރަށާ އަޅާބަލާ އިރު ސިއްހަތަށް މާނުރައްކާތެރި ކަންތައްތަކެއް ފާހަގައެއްނުކުރެވެ އެވެ. ނަމަވެސް ދުންފަތިގެ އިސްތިއުމާލް ކުރުމާއި ކެއިންބުއިމުގައި ވަކި ހާއްސަ ސަމާލުކަމެއްނުދޭ މައްސަލަ ފާހަގަވެ އެވެ.

ކެއިންބުއިމުގައި ބޭނުންކުރާ ތަކެތި މުޅިންހެން ބަރޯސާވެފައި ހުންނަނީ ރަށުން ބޭރުން ގެންނަ ތަކެއްޗަށެވެ. ރަށުގައި ހައްދައިގެން ކައިއުޅެނީ ވަރަށް މަދުއެއްޗެކެވެ. އެތަކެއްޗަކީ ނުރައްކާ ކެމިކަލް ބޭނުންކޮށްފައި ހުންނަ ތަކެއްޗަށްވުން ގާތެވެ.

ތަކަންދޫ ސިއްހީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތު އޮފިސާ އަމިނަތު ޒަހީނާ ވިދާޅުވީ ސިއްހީ ނުރަނގަޅު އާދަތަކުގެ ތެރެއިން މިރަށުގައި އެންމެ ބޮޑު އެއްމައްސަލައަކީ ކެއުމުގައި ގިނަ އަދަދަކަށް ދަޅު ކާނާ ބޭނުން ކުރުން ކަމަށެވެ. އޭގެ އިތުރުން ވެސް ސިއްހަތަށް ގެއްލުންލިބޭ ފަދަ ކަންކަން ބައެއް މީހުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުންފަތުގެ އިސްތިއުމާލު ކުރުން އިތުރު، ހަމައެހެންމެ ކަސްރަތު ކުރުން މަދު،" ޒަހީނާ ވިދާޅުވި އެވެ.

ބޭނުންކުރާ ނުރައްކާތެރި ކެމިކަލްތަކުގެ ސަބަބުން ކެންސަރަށް މަގުފަހިވާ އިރު މިރަށަކީ ކެމިކަލް ބޭނުންކޮށްގެން ގިނަ މަސައްކަތްތަކެއް ކުރާ ރަށެއްނޫނެވެ. ފައިބަރުގެ މަސައްކަތް ކުރަނީ ވެސް ވަރަށް މަދުންނެވެ. ދިރިއުޅޭ ވެއްޓަށް ބަލާ ނަމަ ސާފުވައިލިބޭ ފަދަ ނަލަ ދިރިއުޅުމެކެވެ.

ކަންބޮޑުވުން ބޮޑު، ވާގޮތެއް ބަލަންބޭނުން!

ކެންސަރުގެ ވޭން މިރަށު ރައްޔިތުންނަށް ގާތުން ފެނުނީ މިރަށުގައި ދިރިއުޅުނު ކުޑައަންހެން ކުއްޖަކަށް އެބަލި ޖެހުމާއެކު އެވެ. މީގެ ދެ އަހަރު ކުރިން އެކުއްޖާ ނިޔާވީ ލެއިގެ ކެންސަރު ޖެހި އެތައް ފަރުވާއެއް ދީފައި ވަނިކޮށެވެ. އެހާލުފެނި އެކަން ވަނީ ބިރަކަށް ވެފަ އެވެ.

ތަކަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގް ވިދާޅުވި ގޮތުގައި މިހާ ކުޑަ އާބާދީއެއްގައި ކެންސަރު ބަލި އާންމުވުމަކީ ބޮޑުކަންބޮޑުވުމަކަށްވާ އިރު އެކަމުގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެ އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ހެލްތު މިނިސްޓްރީގެ ހާއްސަ ޓީމެއް މިރަށަށް ޒިޔާރަތްކޮށްގެން ނަމަވެސް މި ރަށު ރައްޔިތުންގެ ދިރިއުޅުމުގެ އާދަތައް ފަދަ ކަންކަން ބަލައި ސިއްހީ ލަފާ ދިނުމަށް،" ސޯދިގް ވިދާޅުވި އެވެ.

ރާއްޖޭގައި ކެންސަރު ބަލި ފެތުރުން އާންމުވަމުންދާތީ މިހާރުވަނީ ދެމެހެއްޓެނިވި ފިޔަވަޅުތަކެއް އެޅުމަށް ތަފާސް ހިސާބްތައް ބަލަހައްޓަން ފަށައިފަ އެވެ. ހެލްތު މިނިސްޓްރީގެ ސުޕޯކްސް ޕާސަން ތަސްލީމާ އުސްމާން ވިދާޅުވީ އެފަދަ ކަންކަން ބަލަމުން އަންނަ ކަމަށާއި އެސަރަހައްދެއް ނުވަތަ ރަށެއްގައި ނުރައްކާތެރި ބައްޔެއް އާންމުކަމަށް ފާހަގަވާ ހިސާބުން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ސިއްހީ މައްސަލަތައް ބޮޑު!

ތަކަންދޫގެ ސިއްހީ މަރުކަޒުގައި ޑޮކްޓަރަކާއި ދެ ނަރުހުން އާންމުންނަށް ފަރުވާދޭން ހަރަކާތްތެރިވާ އިރު އެ މަރުކަޒުން ހެދެނީ ދެ ޓެސްޓެވެ. އެއީ ހިމޮގުލޯބިން ހުރި މިންވަރުބެލުމާއި ހަކުރު ހުރި މިންވަރު ބެލުމެވެ. ސިއްހީ ބޮޑު މައްސަލައެއް ފާހަގަވާ ނަމަ އެހެން ރަށަކަށް ދިއުމަށް ލަފާދެނީ އެވެ.

މަދުބަޔަކު ދާއިމީ ގޮތެއްގައި ދިރިއުޅޭ މިރަށުގައި ގިނަ ބަލިތަކަކަށް މަގުފަހިވެދާނެ ހަކުރު ބައްޔަށް ފަރުވާކުރާ 12 މީހުންނާއި ލޭމައްޗަށް ދިއުމަށް ފަރުވާކުރާ 47 މީހަކު މިރަށުގައި ދިރިއުޅެ އެވެ. އެއީ ވެސް ނުރައްކާތެރި ބަލިތައް ފެތުރިދާނެކަމަށް އޮތްބިރެކެވެ.

ކޮމިއުނިޓީ ހެލްތު އޮފިސާ ޒަހީނާ ވިދާޅުވީ ދުޅަހެޔޮ ދިރިއުޅުމަކަށް މީހުން ހޭލުންތެރިކުރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިރަށު އަންހެނުންނަށް އަމާޒުކޮށްގެން ހަފްތާ އަކު ތިން ރޭ ކަސްރަށު ޕުރޮގުރާމްތައް ހިންގާ ކަމަށެވެ. އަދި އެކަމުގެ ނަތީޖާ ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަރަށެއް މިވަނީ ބޮޑު ބިރެއްގެ ތެރޭގަ އެވެ. ކެންސަރުގެ ބަލީގައި އެކަކު ނިޔާވާތާ ގިނަ ދުވަހެއްނުވެ އަނެ ކަކު ނިޔާވަނީ އެވެ. ކުޑަ އާބާދީއަކާ ބަލާ އިރު މިރަށުގައި ކެންސަރު އިންތިހާއަށް އާންމެވެ. މިކަންވާގޮތެއް ބަލަންޖެހެ އެވެ. ހެދޭގޯހެއް ބަލައި އަވަސް ފިޔަވަޅު އަޅަންޖެހެ އެވެ.

comment ކޮމެންޓް