ކޮޕް22ގައި އެއޯސިސް ގައުމުތަކުން އިސްކަންދޭނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

އެއޯސިސްގެ ބައްދަލުވުމުގައި އެންވާރަމެންޓް މިނިސްޓަރު ތޯރިގު -- ފޮޓޯ/ އެންވާރަމެންޓް މިނިސްޓަރު

މަޣްރިބުގެ މަރާކެޝްގައި މިހާރު ކުރިޔަށްދާ ޔޫއެންއެފްސީސީސީގެ ކޮންފެރެންސް އޮފް ޕާޓީސްގެ 22 ވަނަ ބައްދަލުވުމުގައި، ކުދި ޖަޒީރާ ގައުމުތަކުން އިސްކަން ދޭނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

މަރާކެޝްއަށް ދުނިޔޭގެ ގައުމުތަކުގެ އިސްވެރިން މިހާރު ވަޑައިގެން އުޅުއްވާ އިރު، ރާއްޖޭގެ ފަރާތުން އެތަނަށް ވަޑައިގަތީ އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ޗެއާކަމަށް ރާއްޖެ ދެވަނަ ދައުރަކަށް ހޮވާފައިވާ އިރު، ޔޫއެންއެފްސީސީސީގެ ކޮޕް22 ބައްދަލުވުމުގެ ހަވާސާގައި ވަނީ އެއޯސިސްގެ މިނިސްޓީރިއަލް ލެވެލް ބައްދަލުވުމެއް ބާއްވާފަ އެވެ.

އެއޯސިސްގެ ޗެއާގެ ހައިސިއްޔަތުން ރާއްޖޭގެ އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ޗެއާކުރެއްވި މި ބައްދަލުވުމުގައި، ކޮޕް22 ގައި ކުދި ޖަޒީރާ ގައުމުތަކުން އިސްކަންދޭނެ މަސައްކަތްތަކާއި، އެކަންކަން ހާސިލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާނެ ގޮތާއި، އެ ބަދަލުތަކަށް ހޭނުމަށް ކުދި ގައުމުތަކަށް އެކަށޭނަ މިންވަރަކަށް އެހީ ހޯދުމަށް މަސައްކަތް ކުރުމާ މެދު ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.

އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު، މަރާކެޝްއަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކްލައިމެޓް ޗޭންޖާ ގުޅިގެން ކުދި ގައުމުތަކުގެ ހިމަޔަތަށް ކުރަން ޖެހޭ ކަންތަކަށް، ތަރައްގީވެފައިވާ ގައުމުތަކުން ފައިސާ ދިނުމަށް ވައުދުވެފައިވާ ކަމަށާއި، އެ ފައިސާ އަވަހަށް ލިބޭނެ ގޮތެއް ހެދުމަށް ރާއްޖެއިން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

މަރާކެޝްގައި ކުރިޔަށްދާ ކޮޕް22 ބައްދަލުވުމަކީ، މިދިޔަ އަހަރު ޕެރިހުގައި އެކުލަވާލި ޕެރިސް މުއާހަދާގައި ގައުމުތަކުން ސޮއިކޮށް، ގިނަ ގައުމުތަކަކުން އެ މުއާހަދާ ތަސްދީގުކޮށް މި މަހުގެ ކުރީކޮޅު އެ މުއާހަދާ ބައިނަލްއަގުވާމީ ގާނޫނަކަށް ވެ ގައުމުތަކުން އެއަށް އަމަލުކުރަން ފެށި ފަހުން، ގައުމުތަކުން އެކުގައި ބައިވެރިވާ ފުރަތަމަ ބައްދަލުވުމެވެ.

ކޮޕް22 ބައްދަލުވުމުގައި، ޕެރިސް މުއާހަދާގައި ހުރި ކަންކަން ހާސިލުކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެ އެވެ.

ރާއްޖެ ވަނީ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ޗެއާގެ ހައިސިއްޔަތުން، ޕެރިސް އެގްރިމެންޓް އެކުލަވާލުމާއި ފާސްކުރުމުގައި ވަރަށް އިސް ދައުރެއް އަދާކޮށްފަ އެވެ.

comment ކޮމެންޓް